އަޝްރަފް ޢަލީ
އާދޭހެވެ! ބަހެއްގެ ދިރުމާއި ދެމިއޮތުމުގެ އެންމެ މައިގަނޑު އަސާސަކީ އެ ބަހަކުން ލިޔެވޭ ތަކެއްޗެވެ. އުފައްދާ ލިޔުމުގެ އެކިއެކި ބާވަތްތަކެވެ. ބަހެއް ކުރިއަރައި ތަރައްޤީވުމުގައި ފޮތްތެރިކަމުގެ ދައުރު ވަރަށް ބޮޑެވެ. އެހެނީ ފޮތަކީ ބަހުގެ ޚަޒާނާއެވެ. އަދި އެއީ ބަހުގެ ތާރީޚީ ރެކޯޑެވެ. ކުރިރައި ތަރައްގީ ވެފައިވާ ކޮންމެ ބަހެއް ވެސް ކުރިއެރީ ފޮތްތެރިކަމުގެ ތެރެއިންނެވެ. މިހެންވުމުން ދިވެހިބަސް ވެސް ކުރިއެރުވުމުގައި ފޮތްތެރިކަން އާލާކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، އެކި ބާވަތްތަކުގެ އެކި ރޮނގުތަކުގެ އެކި މައުޒޫތަކުގެ ފޮތްތައް އުފެއްދުން ވާނީ ދިވެހިބަސް ކުރިއަރައި ތަރައްގީވާން ކުރެވޭނެ އެންމެ މާނަ ހުރި އެންމެ ބޭނުންތެރި މަސައްކަތަށެވެ.
ބަސް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ފޮތުގެ ދައުރު އަދާކުރާ ގޮތްތައް ވަރަށް ގިނައެވެ. ފޮތަކީ ބަހުގެ ބޭނުންކުރެވޭ ގޮތްތަކާއި، ބަހުގެ ޤަވާޢިދުތަކާއި، ބަހުގެ މުއްސަނދިކަން ދައްކައިދޭ އެއްޗެކެވެ. ފޮތްތަކުގައި ހުންނަ ތަފާތު ލިޔުންތަކުން ބަހުގެ އެކި ވައްތަރުގެ ބޭނުންކުރުންތައް ފެނެއެވެ. މީގެ ސަބަބުން ބަސް ބޭނުންކުރާ މީހުންނަށް ބަހުގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަސްވެއެވެ. ބަސް ބޭނުން ކުރުމުގެ އިސްތިއުމާލުތަކާއި ބަހުގެ ހަމަތައް އޮޅުންފިލައެވެ. ބަހަވީ އިލްމީ ދޮރާށިތަކުން ވަދެ ބަހުގެ ތަރައްގީގައި ކުރާން ހުންނަ އިތުރު ކަންކަން ހޯދައި ދަނެގަތުމުގެ އަސާސަކަށް ވެސް ފޮތްތެރިކަން ވެއެވެ. ދިވެހިބަހުގެ ފޮތް އަލަމާރީން ވެސް ފެންނަ ފޮތްތައް މަދެއް ނޫނެވެ. އެހެނަސް ލިޔެފައިވާ ދާއިރާތަކާއި އެކި އުމުރަށް ފެތޭ ގޮތަށް ލިޔެފައި ހުރި ލިޔުންތައް އިންތިހާއަށް މަދެވެ. ވަކިން ޚާއްޞަކޮށް ރަފުރާގެ ކުދިން ޗައުގުވެރިކަމާ އެކު ކިޔާ ހިތުން ކިޔާލަން ކަމުދާ ނާވިލެއް ނެތެވެ. ސައިންސުވެރި ފޮތްތަކެއް އާހިތަވެރި ފޮތްތަކެއް ވެސް ނެތެވެ. ހަގީގީ ވާހަކަތަކާއި ޚިޔާލީ ވާހަކަތައް މަދުން ނަމަވެސް އެބަ ހުށްޓެވެ. އެކަމަކު ތަފާތު އުމުރަށް ފެތޭ ހެން ދިރާސީ ނަޒަރުން ލިޔެފައިވާ ރަނގަޅު ފެންވަރުގެ ފޮތްތައް ނެތް ކަން ބަޔާންކޮށް މީހުން ޝަކުވާ ކުރާތީ އަޑު އަހަމެވެ.

މިއަދުގެ ދިވެހި ދަރިވަރަކަށް ނޫމާން ވަމަރްޔަމާއި، ރިވާޔަތު މޫސާ ވަޒުލޭޚާއާއި މާމަކުނުދޫ ބޮޑު ޢީސަގެ ވާހަކައާއި އަމީރު ހަމްޒާ ވާހަކައާއި ސައިފު ރަސްގެފާނު ވާހަކައާއި ހާތިމް މަނިކުފާނު ވާހަކަ ފަދަ ވާހަތަކުގެ ބަސްކޮށާރެއް ފަސޭހައިން ދޭހަ ނުވެދާނެއެވެ. އެފަދަ ވާހަކަތަކުގެ އަދަބީ ރަހައިގެ އިހުސާސް އަދުގެ ދަރީންނަށް ވިޔަދޭން ކުރާން ޖެހޭ އެންމެ މުހިންމު ކަމަކީ މިއަދުގެ ދިވެހިބަހުން އެ ކުދީންނަށް ތިލަވާ ވަރަށް އައު އިސްދާރުގެ ގޮތުގައި އެ ފޮތްތައް ލިޔެ ޝާއިއު ކުރަން ވީއެވެ. މުސްކުޅި އަދަބިއްޔާތުގައި ހުންނަ ބޯދާ ތައުބީރުތައް ދޭހަވާނީ އޭގެ ތިލަ މިންވަރުން ހޯދައި ދަނެގަތުމުގެ އުސޫލުތަކުގެ މައްޗަށް ބަރޯސާވެފައިވާ ބަހަވީ މިންގަނޑެއްގެ ތެރެއިންނެވެ. ބަސްދެކެ ފޫހި ނުވެ، ބަސް އުނގެނޭން ލޯބިކޮށް ބަހުގެ ލޯބި ކުދިންގެ ހިތުގައި އިތުރުވާނީ އުމުރާ ގުޅޭނެހެން. ހިތާ ކުޅޭނޭ ހެން ޝައުގުވެރިކަން ހިނިތުންވާ ހެން ފޮތްތެރިކަން އާލާވެގެންނެވެ.
ބަހަވީ ދިރާސީ ޢިލްމުވެރިއެއް ކަމުގައިވާ، ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ ޕްރޮފެސަރ ޑޭވިޑް ކްރިސްޓަލްގެ ދިރާސާތަކުން ހާމަވާ ގޮތުގައި، ބަހެއްގެ ދިރުންތެރިކަމާއި އެ ބަހަކުން ލިޔެވޭ ފޮތްތަކުގެ އަދަދާ ދެމެދު ސީދާ ގުޅުމެއް ވެއެވެ. އަދި ހަމައެހެންމެ، ޔުނެސްކޯގެ "އިންޑެކްސް ޓްރަންސްލޭޝަނަމް" އިން ދައްކާ ގޮތުގައި ބަހަކުން އެހެން ބަސްބަހަށް ތަރުޖަމާކުރެވޭ ފޮތްތަކުގެ އަދަދަކީ އެ ބަހެއްގެ ބައިނަލްއަޤްވާމީ ނުފޫޒު ދައްކައިއިދޭ މިންގަނޑެކެވެ. ބަސް ކުރިއެރުވުމުގައި ފޮތްތެރިކަމުގެ މުހިންމުކަން އަންގައިދޭ އެހެން ކަމެއް ވެސް އޮވެއެވެ. އެއީ ފޮތްތަކަކީ ބަހުގެ އާ ލަފުޒުތަކާއި ބަހުރުވަތައް ތަޢާރަފުކޮށް، ބަހުގެ ޤަވާޢިދުތައް ސާބިތުކޮށްދޭ ވަސީލަތެއް ކަމުގައި ވުމެވެ.

ކުރިއަރައިފައިވާ ކޮންމެ ބަހެއް ކުރިއެރުމުގައި ފޮތްތެރިކަން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އެ ފަދަ ކޮންމެ ބަހެއްގައި އިންތިހާއަށް ގިނައިން ފޮތް އެބަ ހުށްޓެވެ. އެކި ރޮނުގަތުން އެކި މައުޒޫތަކުންނެވެ. މިސާލަކަށް އިނގިރޭސި ބަހަށް ބަލާއިރު، ޝެކްސްޕިއަރގެ ޑުރާމާތަކާއި ޗާލްސް ޑިކެންސްގެ ނާވިލުތަކާއި، ވިލިއަމް ވޯޑްސްވަރތުގެ ޅެން ފޮތްތަކަކީ އިނގިރޭސި ބަސް މުއްސަނދިކޮށް ކުރިއެރުވުމުގައި އަދާކޮށްފައިވާ ދައުރު ވަރަށް ބޮޑު ފޮތްތަކެކެވެ. ހަމައެހެންމެ، ޢަރަބި ބަހަށް ބަލާ އިރު، ޤުރުއާނުގެ ބަލާޣަތްތެރި ބަސްކޮށާރާއި ބަހަވީ ހަމަތަކާއި ގަވާއިދުގެ ފުރިހަމަ އުސޫލުތަކާއި އިސްތިއުމާލުތައް ވެފައިވަނީ ޢަރަބިބަހުގެ ދިރުމާއި ކުރިއެރުމުގެ އާރު ކަމުގައެވެ. މީގެ އިތުރަށް، ފަރަންސޭސި ބަހާއި ޖަރުމަންބަހާއި ޗައިނާ ބަސް ވެސް ފާހަގަކުރަމެވެ. މި ފަދަ ކޮންމެ ބަހަކުން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފޮތްތައް ޝާއިޢުކުރެއެވެ. ހަގީގަތުގައި މި ބަސްތަކުގެ މުއްސަނދިކަމާއި ބޭނުންކުރާ މީހުންގެ ގިނަކަމަކީ މި ބަސްތަކުން އުފައްދާ ފޮތްތަކުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކޭ ދަންނަވާ ހިތްވެއެވެ. މިހެންވުމުން ދިވެހިބަސް ކުރިއެރުވުމުގައި ވެސް ކުރާންވީ އެންމެ ބޮޑު ކަމަކީ އެކިއެކި ރޮނގުތަކުން ފޮތްތައް ލިޔެ ޝާއިކުރުމެވެ.
ދިވެހިބަސް ކުރިއަރުވައި ތަރައްގީކުރުމަށް ޓަކައި ކުރާން ވީ ކަންކަމުގެ ތެރެއިން އެންމެ އަސާސީ ކަމަކީ ފޮތްތެރިކަން އާލާކުރުމެވެ. އެކި ރޮނގުތަކުން ފޮތް ލިޔެ ޝާއިއުކުރުމެވެ. އަދި އަގުހެޔޮކޮށް، އަތްފޯރާ ފެންވަރުގެ އަގުތަކުގައި ލިބޭނޭހެން މަގުތައް ފަހިކުރުމެވެ. އަޑު ފޮތްތަކާއި އަލިކުތަރިކު ފޮތްތައް ވެސް އުފައްދައި ފަހިފަހިކޮށް ހަލިހަލިކޮށް ލިބޭނޭ އިންތިޒާމުތައް ހަމަޖައްސަން ވީއެވެ. އެ މަގުތަކުން ދެވޭނޭ ގޮތްތައް މިއަދު ފަންނިއްޔާތުގެ ތެރެއިންނާއި މަސްނޫއީ ވިސްނުމުގެ ތެރެއިން ވަނީ ފަހިވެފައެވެ. ޒަމާނީ ފަންނިއްޔާތު ފަހިކޮށްދީފައިވާ ސުމޭކު ކޮންމެ މަންސައަކުން ދިވެހިބަހުން ވެސް އެކި ޒާތު ލިޔުންތައް ކިޔެނޭ އަޑު އެހޭނޭ ބެލޭނޭ ގޮތްތައް ހަމަޖައްސަން ވީއެވެ. ދިވެހިބަހުގެ ބަހަވީ ސިންދަފާތުގެ މުއްސަނދިކަމާއި ބަހުގެ ސަގާފީ ތަރިކައިގެ މުއްސަނދިކަން ސިންދަފާތުކޮށް އެކިއެކި ރޫހުގެ އެކިއެކި ވިންދުގެ ފޮތްތައް އެކި އުމުރަށް ފެތޭހެން، ގުޅޭ ހެން ޝައުގުވެރިކޮށް ލިޔެ ޝާއިއުކުރަންވީއެވެ. ދިބެހިބަސް ކުރިއަރާނީ އޭރުންނެވެ.
އާދޭހެވެ! ބަހެއް ކުރިއަރުވައި ތަރައްޤީކުރުމުގައި ފޮތް އުފެއްދުމުގެ މުހިންމުކަމަކީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ. އެހެނީ ފޮތަކީ ބަހުގެ ޚަޒާނާއެވެ. ބަހުގެ ތާރީޚެވެ. ބަހުގެ މުސްތަޤްބަލެވެ. ފޮތަކީ ބަހުގެ ދިރުމެވެ. ބަހުގެ އަހުލުވެރީންނާއި ބަހާ ދެމެދު ހުންނަ ބަހަވީ އެކިއެކި ގުޅުންތަކާއި ބަހުގެ މައްޗަށް ހުންނަ ކުލުނައާއި ލޯބި އާލާކޮށް ދިރުވުމުގެ ވިންދަކީ ވެސް ފޮތެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފްކަމުގައިވި ދިވެހިބަސް ތަރައްގީކުރުމަށާއި ދިރުވައި އާލާ ކުރުމަށް ޓަކައި އެކި ރޮނގުތަކުން ފޮތް އުފައްދަން އިސްކަންދެމާތޯއެވެ! ފޮތަކީ ކޮންމެ ބަހެއްގެ ވެސް ދިރުމާއި ކުރިއެރުމުގެ ބިންގަލެވެ. ޝައްކެއް ވެސް ނެތެވެ. ބަހުގެ އިމާރާތް އުސްއުސްކޮށް ބޮޑުބޮޑުކޮށް ބިނާކޮށް ގާއިމުކޮށް ދާއިމުކުރެވޭނީ ބިންގާ ވަރުގަދަވެގެންނެވެ. ޝައްކެއް ނެތެވެ. ފޮތްތެރިކަން މުއްސަނދިވީވީހެން ވަރުގަދަވާނީ ބަހުގެ އިމާރާތުގެ ބިންގަލެވެ.
advertisment
ހިޔާލު