މުދައްރިސުންގެ ޝަކުވާތަކަކީ މައްސަލައެއް ނޫން: އެއީ ސްކޫލް އިޞްލާޙުކުރުމުގެ ފެށުން

ޢަބުދުﷲ ނަޞީޙް

ކޮންމެ ކާމިޔާބު ސުކޫލެއްގައި ވެސް، ދަރިވަރުންގެ އުނގެނުމާއި، ސުކޫލުގެ ސަގާފަތާއި، ތަޢުލީމީ ފެންވަރު މަތިކުރުމުގެ އަސްލަކީ މުދައްރިސުންނެވެ. ދަރިވަރުންނާއި، ބެލެނިވެރިންނާއި، އެކިއެކި މަންހަޖުތަކާ ކޮންމެ ދުވަހަކު މުޢާމަލާތްކުރާ ބަޔަކަށް ވާތީ، ތަޢުލީމީ ނިޒާމުގެ ވަރުގަދަ ސިފަތަކާއި ބަލިކަށިކަން އެންމެ ގާތުން އިޙްސާސްކުރެވޭނީ މުދައްރިސުންނަށެވެ. އެހެންކަމުން، އެ މީހުންގެ އަޑުތަކަށް އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުދައްރިސުން ކަންބޮޑުވުމެއް ފާޅުކުރުމުން ނުވަތަ ސުވާލެއް އުފެއްދުމުން، އެއީ ހަމައެކަނި ނުބައި ނިޔަތެއްގައި ނުވަތަ ބަދަލަކަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ދެކިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، އެއީ ނިޒާމު ރަނގަޅުކުރުމަށް ލިބޭ އަގުހުރި މަޢުލޫމާތެއްގެ ގޮތުގައި ބަލައިގަންނަންޖެހެއެވެ. މުދައްރިސުންގެ ޝަކުވާތަކަކީ ސުކޫލުގެ ކުރިއެރުމަށް އޮތް ހުރަހެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ނިޒާމުގެ ތެރޭގައި ސަމާލުކަންދީ، އިޞްލާޙުކޮށް، ވަރުގަދަކުރަންޖެހޭ ކަންކަން ހުރިކަން އަންގައިދޭ ފުރަތަމަ ނިޝާނެވެ.

ގިނަ ފަހަރަށް ސުކޫލުތަކުގެ އިސްވެރިންނަށް މިފަދަ ޝަކުވާތައް ފެންނަނީ އެ ބޭފުޅުންގެ ބާރަށް ގޮންޖެހުމެއްގެ ގޮތުގައި ނުވަތަ ސުކޫލު ހިންގުމަށް އެޅޭ ހުރަހެއްގެ ގޮތުގައެވެ. ނަމަވެސް، ކާމިޔާބު ވެރިއަކަށް ވުމަށްޓަކައި މި ވިސްނުން ބަދަލުކުރަންޖެހެއެވެ. ކޮންމެ ޝަކުވާއެއްގެ ފަހަތުގައި މުހިންމު މަޢުލޫމާތުތަކެއް އެކުލެވިގެންވެއެވެ. "މުދައްރިސުން ޝަކުވާ ކުރަނީ ކީއްވެ؟" މިހެން އެހުމުގެ ބަދަލުގައި، "މި ޝަކުވާއިން އަހަރެމެންގެ ނިޒާމާ ބެހޭގޮތުން ބުނެދެނީ ކޮން އެއްޗެއް؟" މިހެން އަހަންޖެހެއެވެ. މިގޮތަށް ވިސްނުން ބަދަލުކުރުމުން، ޝަކުވާތަކަކީ މައްސަލަތަކެއްގެ ބަދަލުގައި، އުނގެނުމަށާއި، ގުޅިގެން މަސައްކަތްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުޞަތުތަކަކަށް ވެގެންދެއެވެ.

މަސައްކަތް ބުރަވުމާއި، ތާވަލުތައް އެކަށީގެން ނުވުމާއި، ބެލެނިވެރިންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި، އިދާރީ ނިންމުންތައް ލަސްވުމަކީ މުދައްރިސުން އާންމުކޮށް ކުރާ ޝަކުވާތަކެވެ. ބަލާބެލުމަށް މިއީ ވަކިވަކި މުދައްރިސުންގެ ހިތްހަމަނުޖެހުންތަކެއް ކަމަށް ފެނުނަސް، ފުންކޮށް ވިސްނާލުމުން މިއީ މުޅި މުއައްސަސާގެ ހިންގުމުގައި ހުރި މައްސަލަތަކެއްކަން ހާމަވެއެވެ. މަސައްކަތް ބުރަވުމަކީ މަސައްކަތް ބަހާލުމުގައި ހަމަހަމަކަން ނެތުމުގެ ނިޝާނެކެވެ. ތާވަލާ ބެހޭ ޝަކުވާތަކުން އަންގައިދެނީ ތާވަލު ތައްޔާރުކުރުމުގެ ނިޒާމު ބަލިކަށިކަމެވެ. ބެލެނިވެރިންގެ ފަރާތުން ދިމާވާ ގޮންޖެހުންތަކަކީ މުދައްރިސުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަންޖެހޭ މުޢާމަލާތުގެ އުޞޫލުތައް ސާފުނުވުމުގެ ނަތީޖާއެވެ. އަދި އިދާރީ ނިންމުންތައް ލަސްވުމަކީ ނިންމުންތައް ނިންމުމުގެ ނިޒާމު އަލުން މުރާޖަޢާކުރަންޖެހޭ ކަމުގެ ހެއްކެކެވެ. ކޮންމެ ޝަކުވާއަކީ ވެސް ނިޒާމުގެ ތެރޭގައި އުޅޭ ބޮޑު މައްސަލައެއްގެ ބޭރުފުށުން ފެންނަން ހުރި އަލާމާތެކެވެ.

ކާމިޔާބު ވެރިންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ، ޝަކުވާގައި ހިމެނޭ "އިޙްސާސްތަކާއި" އޭގައި އެކުލެވޭ "މަޢުލޫމާތު" ވަކިކުރަން ދަތުމެވެ. މުދައްރިސުން ޝަކުވާ ކުރާއިރު ޖަޒުބާތީ ގޮތެއް ހުރެދާނެއެވެ. އެއީ އެ މީހުން ކުރާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ކުދިންނަށް އޮންނަ ލޯބީގެ ބޮޑުކަމުން ވާގޮތެކެވެ. މޮޅު ވެރިން ބަލާނީ ހަމައެކަނި ޝަކުވާ ކުރާ ރާގަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ޝަކުވާގެ އަޞްލު މާނަ ދެނެގަތުމަށް މަސައްކަތް ކުރާނެއެވެ. ކަނުލާ އަޑުއަހައި، އެކަށީގެންވާ ސުވާލުތައް ކުރުމުން، މައްސަލައިގެ އަޞްލު މޫ އަޅާފައިވާ ހިސާބު ދެނެގަނެވޭނެއެވެ. މިއީ މުދައްރިސުންގެ ތަޖުރިބާއަށް އިޙްތިރާމްކޮށް، އެ މީހުންގެ އިތުބާރު ހޯދުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމެވެ.

މުދައްރިސުންނަކީ ތަޢުލީމީ ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނެވެ. ސިޔާސަތުތައް ތަންފީޛުވާ ގޮތާއި، ދަރިވަރުންގެ އިޖާބައާއި، ވަޞީލަތްތަކުގެ ދަތިކަމާއި، އިދާރީ ހުރަސްތައް އެންމެ ފުރަތަމަ ފެންނާނީ އެ މީހުންނަށެވެ. އެހެންކަމުން، މައްސަލައެއް ބޮޑުވެ، މުޅި މުއައްސަސާއަށް ނުރައްކާވުމުގެ ކުރިން އެކަން ދެނެގަތުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބެއެވެ. މުދައްރިސުންގެ އަޑުއަހާ ސުކޫލުތަކަށް، މައްސަލަތައް ގޯސްވުމުގެ ކުރިން އެކަންކަން ހައްލުކުރުމުގެ ފުރުޞަތު ބޮޑެވެ.

މައްސަލަ ދެނެގަތުމުގެ އިތުރުން، އަމަލީ ގޮތުން ހައްލު ހޯދުމުގައި ވެސް މުދައްރިސުންގެ ދައުރު ބޮޑެވެ. ކުލާސްރޫމުގެ ތަޖުރިބާގެ ސަބަބުން، ކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް އެންމެ ރަނގަޅަށް އެނގޭނީ އެ މީހުންނަށެވެ. މުދައްރިސުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ނަމަ، ސުކޫލުތަކަށް އާ އުކުޅުތަކާއި އީޖާދީ ޚިޔާލުތައް ލިބޭނެއެވެ. ސުކޫލު އިޞްލާޙުކުރުމުގެ އެންމެ ކާމިޔާބު މަސައްކަތްތަކަކީ ހަމައެކަނި ލިޔެފައި ހުންނަ ސިޔާސަތުތަކެއް ނޫނެވެ. އެއީ ދާއިރާގެ ހަގީގަތް ދަންނަ މުދައްރިސުންގެ ފަރާތުން އަންނަ ޚިޔާލުތަކެވެ. މުދައްރިސުންގެ އަޑަށް އިސްކަންދޭ ސަގާފަތެއް އޮތް ނަމަ، އެތަނެއްގައި އުފެއްދުންތެރިކަން އިތުރުވެ، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާވާނެއެވެ.

މާނަހުރި ބަދަލެއް ގެނައުމަށްޓަކައި، ޝަކުވާގެ ފުންމިނަށް ބަލަންޖެހެއެވެ. މިސާލަކަށް، ބެލެނިވެރިންނާ މުޢާމަލާތްކުރަން އުނދަގޫވާ ކަމަށް މުދައްރިސަކު ބުނެފި ނަމަ، އެއީ ހަމައެކަނި ބެލެނިވެރިންގެ މައްސަލައެއް ކަމަށް ނިންމައިގެން ނުވާނެއެވެ. ބައެއް ފަހަރު އޭގެ އަޞްލަކީ ބެލެނިވެރިންނާ މުޢާމަލާތްކުރާނެ ސާފު އުޞޫލެއް ނެތުން ނުވަތަ އެފަދަ ހާލަތްތަކުގައި އިދާރީ އެހީތެރިކަން ނުލިބުމެވެ. ހަމައެހެންމެ، ތާވަލު އުނދަގޫ ކަމަށް ބުނާ ބުނުމުގެ ފަހަތުގައި އޮންނަނީ ކިޔަވައިދޭން ޖެހޭ ގަޑިތައް ބަހާލާފައިވާ ގޮތް ބޭއިންސާފުވުން ނުވަތަ ތައްޔާރުވާން ލިބޭ ވަގުތު މަދުވުން ކަމަށް ވެދާނެއެވެ. ބޭރުފުށުން ފެންނަ ޝަކުވާގެ ބަދަލުގައި، އޭގެ އަޞްލު ސަބަބު ހައްލުކުރުމަކީ ދެމެހެއްޓެނިވި ހައްލެކެވެ.

ޝަކުވާތައް ބޭނުންކޮށްގެން ސުކޫލު ކުރިއަރުވާ ވެރިން އާންމުކޮށް ކުރާ ކަންތައްތަކެއް ހުރެއެވެ. ފުރަތަމަކީ، ޝަކުވާތަކަކީ ފާޑުކިއުމެއްގެ ބަދަލުގައި ލިބޭ އަގުހުރި މަޢުލޫމާތެއް ކަމަށް ބަލައިގަތުމެވެ. ދެވަނަކީ، ތަކުރާރުވާ ޝަކުވާތައް ދެނެގަތުމެވެ. ގިނަ މުދައްރިސުން އެއް މައްސަލައެއް ފާހަގަކުރާ ނަމަ، އެއީ ނިޒާމުގެ ބަލިކަށިކަމެކެވެ. ތިންވަނަކީ، ޖަޒުބާތާއި ހަގީގަތް ވަކިކުރުމެވެ. ހަތަރުވަނަކީ، ދިފާޢީ ހަމަލާ ދިނުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު ޖަވާބުދާރީވުމެވެ. ސުވާލުކޮށް، ކަންކަން ސާފުކޮށް، މުދައްރިސުން ބައިވެރިކޮށްގެން ހައްލު ހޯދުމެވެ.

ގެނެވޭ ބަދަލުތައް މުދައްރިސުންނަށް ފެންނާނެހެން ހާމަކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެ މީހުން ފާހަގަކުރި ކަންބޮޑުވުންތަކަށް ބިނާކޮށް މާނަހުރި ބަދަލުތަކެއް އަންނަކަން ފެނުމުން، ވެރިންނަށް އޮންނަ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. ބަދަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރުމަކީ މުދައްރިސުންގެ ޚިޔާލު ބަލައިގަންނަކަން ހާމަވާ ކަމެކެވެ. އަދި އައު ޚިޔާލުތައް ހުށަހަޅާ މުދައްރިސުންގެ އަގުވަޒަންކުރުމަކީ އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް ބިނާކުރުމަށް ލިބޭ ބާރެކެވެ. ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަކީ، ސުކޫލުގެ މިސްރާބު ކަނޑައެޅުމުގައި މުދައްރިސުންގެ ދައުރު އޮތްކަން އެ މީހުންނަށް އިޙްސާސްކޮށްދޭނެ ކަމެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސުކޫލު އިޞްލާޙުކުރެވޭނީ، ހަމައެކަނި ވަގުތީ ހައްލުތަކެއް ހޯދުމުގެ ބަދަލުގައި، މައްސަލަ އުފެދެން މެދުވެރިވާ ނިޒާމުތައް ވަރުގަދަކޮށްގެންނެވެ. މިސާލަކަށް، އިދާރީ ލިޔެކިޔުންތައް ގިނަވެގެން ކުރާ ޝަކުވާތަކަށް ކޮންމެ ފަހަރަކު ވަކިވަކިން ޖަވާބުދިނުމުގެ ބަދަލުގައި، ބޭނުންނެތް އިދާރީ މަސައްކަތްތައް މަދުކުރާނެ ސާފު އުޞޫލެއް އެކުލަވައިލެވިދާނެއެވެ. ބެލެނިވެރިންގެ ފަރާތުން ދިމާވާ ކޮންމެ މައްސަލައަކަށް ވަކިވަކިން ހައްލު ހޯދުމުގެ ބަދަލުގައި، މުޢާމަލާތް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، މުދައްރިސުންނަށް ތަމްރީނު ދެވިދާނެއެވެ. އަދި ތާވަލަށް އަންނަ ކުއްލި ބަދަލުތައް މެނޭޖުކުރުމުގެ ބަދަލުގައި، އަހަރީ ރޭވުންތައް ހަރުދަނާކޮށްގެން އެފަދަ ބަދަލުތައް މަދުކުރެވިދާނެއެވެ. މިގޮތަށް ނިޒާމުތައް އިޞްލާޙުކުރުމުން، މުޅި ސުކޫލަށް އޭގެ ފައިދާ ކުރާނެ ދާއިމީ ހައްލުތަކެއް ލިބިގެންދާނެއެވެ.

ސުކޫލުގެ އިސްވެރިން ބޭނުންކުރާ ބަހުރުވަޔަކީ ވެސް އިތުބާރު އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައެއް ބަސްތަކުގެ ސަބަބުން މުދައްރިސުން ޚިޔާލުފާޅުކުރުމަށް ފަސްޖެހެއެވެ. "އަހަރެމެން އަބަދުވެސް ކަންކުރަނީ މިހެން"، "ތިޔައީ މާ ގިނައިން ޝަކުވާކުރުން"، ނުވަތަ "މި ނިޒާމުގައި އެއްވެސް މައްސަލައެއް ނެތް" ފަދަ ބަސްތަކުން ދޭހަވަނީ ބަދަލަކަށް ބޭނުންނުވާ ކަމެވެ. ނަމަވެސް، "ތިޔަ ބޭފުޅުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައި؟"، "މިކަން ރަނގަޅުކުރުމަށް ފެންނަނީ ކޮން ބަދަލެއް؟"، ނުވަތަ "އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ގުޅިގެން ކުރެވޭނީ ކޮން ކަމެއް؟" ފަދަ ސުވާލުތަކުން މުދައްރިސުންނަށް އިޙްތިރާމްކުރާކަން ހާމަވެ، ގުޅުންތައް ވަރުގަދަވެއެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން، ކުށްވެރިކުރުމުގެ ބަދަލުގައި އެންމެން ގުޅިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދެވޭނެއެވެ.

ޝަކުވާތައް ސުކޫލުގެ ކުރިއެރުމަށް ބަދަލުކުރުމުގެ އަމަލީ ގޮތަކީ، ކޮންމެ ޝަކުވާއެއްގެ ފަހަތުގައިވާ ނިޒާމު ދެނެގަތުމެވެ. އިދާރީ މަސައްކަތް ގިނަވުމުގެ ޝަކުވާއަކީ ލިޔެކިޔުންތަކާ ބެހޭ ސާފު ސިޔާސަތެއް ބޭނުންވާކަމުގެ ނިޝާނެކެވެ. ބެލެނިވެރިންގެ މައްސަލަތަކަކީ މުޢާމަލާތްކުރާނެ އުޞޫލެއް ބޭނުންވާކަމުގެ ހެއްކެކެވެ. ކުއްލި ބަދަލުތަކުގެ ޝަކުވާއަކީ ރޭވުންތެރިކަން ކުޑަވުމުގެ ނަތީޖާއެވެ. އަދި މަސައްކަތް ބުރަވުމުގެ ޝަކުވާއަކީ މަސައްކަތް ބަހާލުމުގައި އުޞޫލުތަކެއް ބޭނުންވާކަމުގެ ހެއްކެކެވެ. ކޮންމެ ޝަކުވާއަކީ ވެސް މުއައްސަސާގެ ނިޒާމުތައް މުރާޖަޢާކޮށް، ވަރުގަދަކޮށް، އިޞްލާޙުކުރުމަށް ލިބޭ ފުރުޞަތެކެވެ. މީގެ ފައިދާ މުދައްރިސުންނަށާއި، ދަރިވަރުންނަށާއި، މުޅި ސުކޫލު މުޖުތަމަޢަށް ކުރާނެއެވެ.

މުދައްރިސުންގެ އަޑުއަހައި، އެ މީހުންނަށް އެހީތެރިކަމާއި އިޙްތިރާމް ލިބޭ ނަމަ، މަސައްކަތަށް އޮންނަ ޝައުގުވެރިކަން އިތުރުވެއެވެ. އިސްވެރިންނާއި މުދައްރިސުންގެ މެދުގައި އިތުބާރު އުފެދި، މަސައްކަތުގެ މާޙައުލު އުފާވެރިވެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ލިބޭ ތަޢުލީމުގެ ފެންވަރު މަތިވެ، މެދުކެނޑުމެއްނެތި ތަރައްޤީވާ އުނގެނުމުގެ މާޙައުލެއް ބިނާވެއެވެ. ސުކޫލެއް އިޞްލާޙުކުރެވޭނީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކުން ނޫނެވެ. އެއީ އިތުބާރާއި، އިޙްތިރާމާއި، އެއް މަޤްޞަދެއްގައި ކުރެވޭ މަސައްކަތުން އުފެދޭ ވަރުގަދަ ގުޅުންތަކުންނެވެ.

އެންމެ ކާމިޔާބު ސުކޫލުތަކަކީ ޝަކުވާ ނުކުރާ ސުކޫލުތަކެއް ނޫނެވެ. ކޮންމެ ތަނެއްގައި ވެސް ގޮންޖެހުންތައް ހުންނާނެއެވެ. އެންމެ މޮޅު ސުކޫލުތަކުގެ ތަފާތަކީ، އަޑުއެހުމާއި، ދަސްކުރުމާއި، މެދުކެނޑުމެއްނެތި އިޞްލާޙުވާން ކުރާ މަސައްކަތެވެ. ޝަކުވާތަކަކީ ވެރިންގެ ބާރަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. އެއީ ނިޒާމުތައް ވަރުގަދަކޮށް، ފެންވަރު ރަނގަޅު ސަގާފަތެއް ބިނާކުރުމަށް ލިބޭ އަގުހުރި ފުރުޞަތުތަކެކެވެ. މުދައްރިސުންގެ އަޑަކީ އިޞްލާޙުކުރުމަށް ބޭނުންވާ މުހިންމު ވަޞީލަތެއް ކަމަށް ބަލައިގަންނަ އިސްވެރިން ތިބި ނަމަ، އެ ސުކޫލެއްގައި މުދައްރިސުންނާއި ދަރިވަރުންނަށް ވެސް ކުރިއެރުން ލިބޭނެއެވެ.

ނިންމާލަމުން ދަންނަވާނީ، ކޮންމެ ޝަކުވާއެއްގެ ފަހަތުގައި މުހިންމު ސުވާލެއްވެއެވެ. އެއީ "އަހަރެމެންގެ ސުކޫލު މިއަށްވުރެ ރަނގަޅު ކުރާނީ ކިހިނެއް؟" ކަނުލާ އަޑުއަހައި، ވިސްނުންތެރިކަމާއެކު ޖަވާބުދީ، ނިޒާމީ ގޮތެއްގައި ކަންކަން ރަނގަޅުކުރާ ވެރިންނަށް، ދިމާވާ ކަންބޮޑުވުންތައް ތަޢުލީމީ ފެންވަރު މަތިކުރުމުގެ ބާރަކަށް ބަދަލުކުރެވިދާނެއެވެ. ކާމިޔާބު ސުކޫލަކީ އެއްވެސް މީހަކު ޝަކުވާ ނުކުރާ ތަނެއް ނޫނެވެ. އެއީ ކޮންމެ މީހެއްގެ އަޑުވެސް އިވޭ، ކޮންމެ ކަންބޮޑުވުމަކަށް އުޞޫލީ ހައްލެއް އޮތް، އަދި ކޮންމެ ގޮންޖެހުމަކީ ކުރިއެރުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ދެކޭ ތަނެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *