ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސަށް ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް މި އަހަރު ހުށައަޅައިފިއެވެ. ތެވެލި ކޮންފަރެންސް މި އަހަރު ބާއްވަނީ އަންނަ އޮގަސްޓް މަހުގެ 17ން 19އަށެވެ.
ދިރާސާ ކަރުދާސް ހުށައަޅަން ދީފައި އޮތް މުއްދަތު ޖޫން މަހުގެ 30އަށް ހަމަވިއިރު 330 ދިރާސާ ކަރުދާސް ހުށައަޅަފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ. މިއީ ރާއްޖޭގައި ބާއްވާ އިންޓަރނޭޝަނަލް ކޮންފަރެންސަކަށް މިހާތަނަށް ހުށައެޅި އެންމެ ގިނަ އަދަދެއްގެ ދިރާސާ ކަރުދާހެވެ. މިދިޔަ އަހަރު ތެވެލި ކޮންފަރެންސަށް 337 ދިރާސާ ކަރުދާސް ހުށަހެޅިއިރު އޭގެ ތެރެއިން ބަލައިގަތީ 198 ދިރާސާ ކަރުދާހެވެ.
މި އަހަރު ހުށައެޅި 330 ދިރާސާ ކަރުދާސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 23 ޤައުމަކުން ހުށައެޅި 77 ދިރާސާ ކަރުދާސްތައް ހިމެނެއެވެ.
ތެވެލި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އާރލީ ބަރޑް ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.
ތެވެލި 2026 ގެ ޝިޔާރަކީ، "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ"އެވެ.
ތެވެލި ކޮންފަރެންސް ފަށަނީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެމްއެންޔޫ ބެޗްލާސް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ހާއްސަ އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމަކުންނެވެ. ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕްތައް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

ތެވެލި ކޮންފަރެންސް ޚާއްޞަ ވަނީ، ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މި ކޮންފަރެންސަކީ، ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ.
މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ވުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމެވެ.
ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޮންފަރެންސަށް ކަރުދާސް ހުށައަޅަން ޖެހޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ސަސްޓެއިނަބަލް ފިއުޗާސް އެންޑް ކްލައިމެޓް އެކްޝަން؛ އިނޮވޭޝަން، ޓެކްނޮލޮޖީ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން؛ ސައިންސް، ހެލްތު އެންޑް ހިއުމަން ވެލްބީންގ؛ ގްލޯބަލް ގަވަރނަންސް، ޕީސް އެންޑް ޑިވެލޮޕްމަންޓް؛ ތަޢުލީމާއި، ޢިލްމާއި މަސައްކަތުގެ މުސްތަޤްބަލު؛ ޖެންޑަރ، އިކުއިޓީ އެންޑް ސޯޝަލް ޓްރާންސްފޯމޭޝަން؛ ރެސިލިއަންޓް އިކޮނޮމީ އެންޑް ފިއުޗަރ މާކެޓްސް؛ އިންޓަރ ޑިސިޕްލިނަރީ ރިސާރޗް އެންޑް ގްލޯބަލް ކޮލަބަރޭޝަން؛ އަދި އާޓިފިޝަލް އިންޓެލިޖެންސް، އެތިކްސް އެންޑް ހިއުމަން ފިއުޗާސްއެވެ. މި މައުޟޫޢުތަކުގެ މަޤްޞަދަކީ، އިޖްތިމާޢީ ބޮޑެތި ގޮންޖެހުންތަކަށް ކްރޮސް ޑިސިޕްލިނަރީ ރިސާރޗް ކުރުމާއި، އެވިޑެންސް ބޭސްޑް ސޮލިއުޝަންތަކަށް ބާރުއެޅުމެވެ.
މި ކޮންފަރެންސްގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ވެެސް ޕޭޕަރު ހުށައެޅިއެވެ.
މިކޮންފަރެންސްގެ ކުރިއަށް ހުރި މުހިއްމު ތާރީޚްތައް:
އާލީ ބާޑް ރެޖިސްޓްރޭޝަން 5 ޖުލައިގެ ނިޔަލަށް
ޕްރެޒެންޓޭޝަން ހުށަހަޅަން ޖެހެނީ 30 ޖުލައިގެ ނިޔަލަށް
ބައިވެރިންގެ ރެޖިސްޓްރޭޝަން 5 އޯގަސްޓްގެ ނިޔަލަށް
ޕޯސްޓަރ ހުށައަޅަންޖެހެނީ 13 އޮގަސްޓްގެ ނިޔަލަށް
ތެވެލި 2026 ގައި ހަތަރު އެވޯޑެއް ދޭން ވަނީ ނިންމާފައެވެ. އެއީ އައުޓްސްޓޭންޑިން ޕޭޕަރ އޮފް ދަ ކޮންފަރެންސް (އޯޕީސީ) އެވޯޑް، އާލީ ކެރިއާ ރިސާޗަރ (އީސީއާރް) އެވޯޑް، އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް (ޔޫއާރްއީ) އެވޯޑް އަދި ބެސްޓް ފެކަލްޓީ އެވޯޑް (ބީއެފްއޭ) އެވެ.
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތެވެލި ކޮންފަރެންސް އެމްއެންޔޫއިން އަންނަނީ ބާއްވަމުންނެވެ.
advertisment
ހިޔާލު