15 ޑޮކްޓަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުމާލެ ހޮސްޕިޓަލުން އިންޓާންޝިޕަށް ހުޅުވާލައިފި

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން 15 ޑޮކްޓަރުންނަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިންޓާންޝިޕަށް ކުރިމަތިލާން ހުޅުވާލާފައިވަނީ، ޖުލައި 12 ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ. މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުމެވެ. އަދި އިންޓާންޝިޕަށް ކުރިމަތިލާ ފަރާތެއްގެ ޕޮލިސް ރިކޯޑެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އޮވެގެން ނުވާނެއެވެ.

އެޕްލިކޭޝަން ފޯމާއެކު އެޓެސްޓްކޮށްފައިވާ އެމްބީބީއެސް ސެޓްފިކެޓާއި، ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ކޮޕީއާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީގެ އިތުރުން ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް ހުށަހަޅަންޖެހެއެވެ.

15 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކުރި ތާރީޚަށް ބަލައި، ކޯސް ނިންމިފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ގެޒެޓްގައި ކުރި އުއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ އިންޓާންޝިޕްގެ ގޮތުގައި ޑޮކްޓަރީކަން ކިޔަވައި ނިންމައި ފަރާތްތަކަށް ފުރުޞަތު ފަހިކޮށް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *