ޖުލައި 31ގެ ނިޔަލަށް ލޯގޯ ހުށައަޅަން ޖެހޭ، މި މުބާރާތުގައި ބައިވެރިވެވެނީ މަޖީދިއްޔާގެ އެހާރާއި މިހާރުގެ ދަރިވަރުންނަށް
މަޖީދިއްޔާ ސްކޫލުގެ 100 ވަނަ އަހަރީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރަތައް ލޯގޯ ހުށެޅުން ޖުލައި މަހުގެ 31 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ. ލޯގޯ ހުށައެޅޭނީ މަޖީދިއްޔާ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށެވެ. އަދި ގުރޫޕުގެ ގޮތުގައި އެ ދަރިވަރުންނަށް ލޯގޯ ހުށައެޅެއެވެ.
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ (އެމް.އެމް.ޑީ.ޖޭ) ގުޅިގެން، މި މުބާރާތް ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.
މި މުބާރާތުގެ އިނާމުގެ ގޮތުގައި 15،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
ލޯގޯ ފަރުމާކުރުމުގައި ހިމަނަން މަޖުބޫރު ކަންތައްތަކުގައި ކަނޑައަޅާފައި ވަނީ، 1927-2027 ހިމެނުމާއި 100 އަހަރުކަން ބަޔާންކުރުމާއި ސްކޫލުގެ ވަންތަކަމާއި، ތާރީޚާއި، އަދި މުސްތަޤުބަލުގެ ތަޞައްވުރު ރަމްޒުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން، އިތުރު އިރުޝާދުގެ ގޮތުގައި:
- ލޯގޯއަކީ ސާދާ، ފަސޭހައިން ހަނދާން ހުންނަ ފަދަ، އަދި ހިތްގައިމު ފަރުމާއަކަށް ވާންޖެހޭނެއެވެ.
- ޗާޕުކުރުމަށާއި (ބެނާ، ސެޓުފިކެޓު)، ޑިޖިޓަލް ވަސީލަތްތަކަށާއި، އަދި ތަފާތު ތަކެތީގައި (ޔުނީފޯމް، ހަނދާނީ ހަދިޔާ) ބޭނުންކުރަން އެކަށޭނަ ވާންޖެހޭނެއެވެ.
- ކުލަކޮށް އަދި ކަޅާއި ހުދުން ވެސް ލޯގޯ ބޭނުންކުރެވެން ވާނެއެވެ.
- ސްކޫލުގެ ރަސްމީ ކުލަތައް ކަމަށްވާ ރަތް، ފެހި އަދި ހުދު ކުލައާ ގުޅޭގޮތަށް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ލޯގޯ ހުށައަޅާއިރު، ލޯގޯގެ ޑިޒައިން ފައިލްތަކާއި ލޯގޯގެ ކޮންސެޕްޓް ކިޔައިދޭ ލިޔުމެއް، ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ކުލަތައް އިޚްތިޔާރުކުރި ސަބަބު ބަޔާންކޮށް ހުށައަޅަން ޖެހެއެވެ.
ލޯގޯއަށް މާކްސްދިނުމުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައި ވަނީ، އުފެއްދުންތެރިކަމާއި ތަފާތުވުމާއި 100 އަހަރުގެ ޝިއާރާ ގުޅޭ މިންވަރެވެ. މި ދެބަޔަށް 50 އިންސައްތަ މާކްސް ކަނޑައަޅާފައިވެއެވެ. ދެން ހިމެނެނީ ފަރުމާގެ ފުރިހަމަކަމާއި ސާފުކަމަށް 20 އިންސައްތަ، ބޭނުންކުރުމުގެ ފަސޭހަކަމަށް 15 އިންސްތައް، ސްކޫލުގެ ރަސްމީ އައިޑެންޓިޓީއާ ގުޅޭ މިންވަރަށް 15 އިންސައްތައެވެ.
ލޯގޯތައް އިންސާފުކުރާނީ މަޖީދިއްޔާ ސްކޫލާއި އެމް.އެމް.ޑީ.ޖޭ ގުޅިގެން ކަނޑައަޅާ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. ހޮވޭ ލޯގޯއަކީ 100 އަހަރުގެ ރަސްމީ ލޯގޯގެ ގޮތުގައި ބޭނުންކުރާނެއެވެ.
advertisment
ހިޔާލު