ޞަލާޙުއްދީން ސްކޫލުގެ ކެޕްޓަން ޔޫހާން: ރާއްޖެއިން ބޭރުގައި ކިޔަވަން ފެށި ނަމަވެސް ދިވެހިބަހަށް އަހުލުވެރި ދަރިވަރަކަށްވި

އިސްމާޢީލް ޔޫޙާން އަޙްމަދު ނާފިޢު އަކީ، ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ އާބާދީ ބޮޑު އެއް ސްކޫލް (ޞަލާޙުއްދީން ސްކޫލް) ގެ  މި ދިރާސީ އަހަރުގެ ކެޕްޓަނެވެ. އޭނާއަކީ ބ.ދަރަވަންދޫ ހިޔަލީޤުލްޝަން އަލްފާޟިލް އަޙްމަދު ނާފިޢާއި އދ. ދިއްދޫ ރޯޒީހައުސް އަލްފާޟިލާ ފާޠިމަތު ޢަލީގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ އުފަންވެފައިވަނީ 06 ޖޫން 2010 ގައި މާލޭގައެވެ.

އުމުރުން އެންމެ އެއް މަހުންފެށިގެން އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމައާއެކު އދ. ދިއްދޫގައެވެ. ތަޢުލީމީ ގޮތުން އެކަށީގެންވާ ފުރުޞަތެއް ނެތް އެ ކުޑަ ރަށުގައި ދިރި އުޅެމުންއައި ނަމަވެސް އޭނާގެ ތަޢުލީމާއި އޭނާގެ މުސްތަޤުބަލަށްޓަކައި އޭނާގެ މަންމަ އެޅި އެންމެ އުނދަގޫ ނަމަވެސް އެންމެ މުހިންމު ފިޔަވަޅާއެކު އޭނާގެ އުމުރުން އެންމެ 3 އަހަރުގައި އޭނާވަނީ، އިންޑިއާގެ ނަންދަންކޯޑުގައި ހުންނަ ދި އޮކްސްފޯޑް ސްކޫލުގައި، އޭނާގެ ތަޢުލީމީ ޙަޔާތް ފަށާފައެވެ.

އެންމެ ކުޑައިރުއްސުރެ އޭނާ ފާހަގަ ކުރެވިފައިވަނީ ކިޔެވުމަށް ޝަޢުޤުވެރިވާ، ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ.އެގޮތުން މި އުމުރުގައިވެސް ކޮންމެ އަހަރަކުވެސް ކުލާހުގެ އެއް ވަނަ ނުވަތަ ދެ ވަނައިގައި ހިމެނެއެވެ. އަދި ކިޔެވުމުގެ އިތުރަށް ބޭއްވޭ އިތުރު ޙަރަކާތްތަކާއި މުބާރާތްތަކުގެތެރެއިން ގިނަ ޙަރަކާތްތަކަކާއި މުބާރާތްތަކުން ރަން ވަނަތަކެއް ޙާޞިލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

2018ވަނަ އަހަރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާ އެކު އިންޑިއާގައި ދިރިއުޅެމުން އައި ގިނަ ދިވެހިންނެކޭ އެއްފަދައިން އޭނާގެ އާއިލާއަށް ވެސް ދިވެހިރާއްޖެ އަށް ބަދަލުވާންޖެހުނެވެ. އެހެންކަމުން އެނބުރި ރާއްޖެ އައިސް 2019ވަނަ އަހަރު، ކ.މާފުށީ ސްކޫލުގެ ގްރޭޑް 3 ގައި ތަޢުލީމު ޙާޞިލް ކުރަންފެށިއެވެ. މި ދުވަސްވަރު ދިމާވި  އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދިރާސީ އަހަރު ފެށުމާއި ނިމުމުގެ އޮތް ފަރަގާއި އަދި ޚާއްޞަކޮށް އޭނާއަކީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލްކުރަމުން އައި ދަރިވަރަކަށްވުމުން، އޭނާއަށް ރަނގަޅަށް ދިވެހިބަހުން ލިޔެ ކިޔަން ނޭނގިދާނެކަމަށް ދެކި 2018 ވަނަ އަހަރު ރާއްޖޭގެ ސްކޫލަށް ވެއްދުމަށް ދިމާވި ދަތިކަމެވެ. ނަމަވެސް ކ.މާފުށީ ސްކޫލުގައި 2018 ވަނަ އަހަރު ގްރޭޑް 2 ގައި ތަޢުލީމު ޙާޞިލުކުރި ދަރިވަރުންނަށް ދީފައިވާ "ދިވެހި" މާއްދާގެ ޓެސްޓް ޕޭޕަރު ހަދައި އެ ދަރިވަރުންގެ އެވްރެޖް މާރކްސް އަށްވުރެ މަތިން މާރކްސްހޯދައި، 2019ވަނަ އަހަރު، ކ.މާފުށީ ސްކޫލުގެ ގްރޭޑް 3 ގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އޭނާ ހޯދާފަވެއެވެ. އެ ސްކޫލުގައި އޭނާ ހޭދަކޮށްފައިވާ 4 އަހަރު ދުވަހުގެތެރޭގައި ވެސް އޭނާ ފަހަގަކުރެވިފައިވަނީ، ސްކޫލުގެ ހުރިހާ މުދައްރިސުންގެ ލޯބި ހޯދާފައިވާ، އަޚްލާގު ރަނގަޅު އަދި ތަޢުލީމީ ގޮތުންނާއި އިތުރު ޙަރަކާތްތަކުން ވެސް ރަންވަނަ ތަކެއް ޙާޞިލްކުރަމުން އައި ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ކުލާހުން އެއްވަނަ ހޯދުމާއި 2022 ވަނަ އަހަރު ޖޫނިއަރ ޕްރިފެކްޓްކަން ޙާޞިލްކޮށްފައިވެއެވެ.

2023ވަނަ އަހަރު ޔުޙާންގެ މަންމައަށް ފްލެޓް ލިބި އޭނާގެ ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ، އޭނާގެ ތަޢުލީމީ ޙަޔާތަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. އެގޮތުން 2023 ވަނައަހަރު ހުޅުމާލޭގައި އަލަށް ހުޅުވުނު ޞަލާޙުއްދީން ސްކޫލުގެ ގްރޭޑު 7 އަށް އޭނާވަނީ އޭނާގެ ތަޢުލީމީ ޙަޔާތް ފުރިހަމަކުރުމަށް ލިބުނު މި ފުޞަތުގެ ބޭނުން އެންމެ ފުރިހަ ގޮތުގައި ހިފުމުގެ އުންމީދާއި އަޒުމުގައެވެ. އެންމެ ފުރަތަމަ ދުވަހުންފެށިގެން ވެސް މި ސްކޫލުގައި ވެސް އޭނާ ފާހަގަކުރެވެމުން އައިސްފައިވަނީ ، ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ، ތޫނުފިލި ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން ގްރޭޑް 7 ގައި ގްރޭޑްގެ ޓޮޕް 10 އިން 3ވަނަ، ގްރޭޑް 8 ގައި2ވަނަ، އަދި ގްރޭޑް9 ގައި 1ވަނަ ޙާޞިލްކޮށްފައިވެއެވެ. އަދި ގްރޭޑް 7 ގައި ސްކޫލް ޕްރިފެކްޓްކަން، ގްރޭޑް 8 ގައި ސްކޫލް ޕްރިފެކްޓްކަން އަދި ގްރޭޑް 9 ގައި ޕްރިފެކްޓްކަމުގެ އިތުރުން ސްކޫލުގެ ސީނިއަރ ކައުންސިލް އިން ޖާގަ ހޯދާފައިވެއެވެ. އަދި 2025 ވަނަ އަހަރު ޑިސިޕްލިން އެވޯޑް ޙާޞިލްކޮށްފައިވެއެވެ. މިފަދަ އާބާދީ ބޮޑު ޚާއްޞަކޮށް ވާދަވެރި ކުދިންގިނަ ސްކޫލެއްގައި، ރަނގަޅު ޕޯސްޓެއްގައި ދެމިހުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ތަޢުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދުމަކުންއެކަނި ނުފުދޭނެކަން ޤަބޫލުކޮށް، ކިޔެވުމުގެ އިތުރުން ސްކޫލުކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދާ، ސްކޫލުގައިބާއްވާ އިތުރު ޙަރަކާތްތަކާއި އިންޓަރ ސްކޫލް ލެވެލްގައި ބާއްވާ ގިނަ މުބާރާތްތަކާއި ޤައުމީ ލެވެލްގައި ބާއްވާ ގިނަ މުބާރާތްތަކެއްގައި ސްކޫލް ތަމްޞީލްކޮށްދީފައިވެއެވެ. އެގޮތުން އިންޓަރ ސްކޫލް ވޮލީ، ޗެސް، އަދި މީގެ އިތުރުން އަދަބީ ގިނަ މުބާރާތްތަކެއް ހިމެނެއެވެ.ޚާއްޞަކޮށް 2025 ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީއިން ބޭއްވި ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، 2025 ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީއިން ބޭއްވި’ހުތް ޢަލީ ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ27 ވަނަ ޤަޢުމީ މުބާރާތް’ގައި މި ސްކޫލަށް ފަޚުރުވެރި އެއްވަނަ ހޯދުމުގައި އޭނާގެ ދައުރު ފާހަގަކޮށްލެވެއެވެ. މިފަދަ އެތަކެއް ކާމިޔާބަކާއި ރަން ވަނަތަކަކާ އެކު މި ދިރާސީ އަހަރުގެ މި ސްކޫލުގެ ސްކޫލް ކެޕަޓަންގެ މަޤާމު އޭނާ  އެވަނީ ހޯދާފައެވެ.

ތަޢުލީމީ ގޮތުންނާއި އަދި ޢަމަލީ ދިރިއުޅުމުގައި ވެސް، މާތް ﷲ އޭނާއަށް ހެޔޮގޮތް މެދުވެރިކުރައްވާށިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *