ސާނަވީ އިމްތިޙާނަށް ފައްކާވުމަށް ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ޢިބާރާތްކުރާނީ ކިހިނެއް؟

ޒައިން ޙަސަން މުޙައްމަދު

އޮއްޓަރު ހުރި ކޮންމެ ލިޔުމަކީ ސާދާ މައުލޫމާތުތަކާއި ދުރުވިސްނުންތަކެއް ހިމެނިގެން ކުރެވޭ ވަރުގަދަ ޢިލްމީ މަސައްކަތެކެވެ. ވަރުގަދަ ކޮންމެ ލިޔުމަކީ ސާދާ ލަފުޒުތަކާއި ޖުމުލަތައް ބަދަހިގޮތެއްގައި ގެނައުމަށް ޓަކައި ގަތައިލެވިގެން ކުރަހައިދެވޭ ޢިލްމީ މަންޒަރެކެވެ. ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނަކީ މި ފަދަ މަންޒަރެއްކަން ޔަގީނެވެ. ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ލިޔަންވާނީ އެއްވެސް ކޮޅަކަށް ބުރަނުވެ ކަމެއްގެ ދެކޮޅު އޮތްކަން ބުނެދިނުމަށެވެ. ދެ ކޮޅަށް ވެސް އިންސާފުވެރިކޮށް، އެއްކޮޅަށާއި ދެކޮޅަށް ހުރި ހެކިތައް ހިމަނައިގެންނެވެ. ދެ ކޮޅަށް ވާހަކަދެކެވޭ މައުޟޫޢެއް ހަމަހަމަކޮށް ތަފުސީލުކޮށްދިނުމަށެވެ. މި ލިޔުން ދަރިވަރުން ލައްވައި ލިޔުއްވުމުގެ މައިގަނޑު މަގުސަދަކީ މި ބަޔާންކުރެވުނު ކަންކަން އެނގޭތޯ ބެލުމެވެ. ވީމާ، ސާނަވީ މަރުހަލާއަށް ފެތޭ ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ޢިބާރާތްކުރާނެ ގޮތްތަކާ މެދު ހުރިހައި ދަރިވަރުން ވެސް ފިކުރުކުރަން ޖެހެއެވެ.

ސާނަވީ މަރުހަލާއަށް ފެތޭ ދެކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ލިޔުމަށް ޓަކައި އެންމެ ފުރަތަމަ ވެސް ވިސްނުން ގެންގުޅެންވީ ހަރުދަނާ ފެށުމެއް ލިޔުމަށެވެ. އެގޮތުން، ފެށުމެއްގެ 3 ބިންގާކަމުގައިވާ ހޫކު ޖުމުލައާއި ފަސްމަންޒަރާއި ތީސީސް ބަޔާން، އުފެއްދުންތެރި ގޮތެއްގައި ގެނައުމަށް ޓަކައި ހާއްސަ އިސްކަމެއްދޭންވާނެއެވެ. މިކަން ކުރުމަށް ޓަކައި ހޫކު ޖުމުލައަކީ ކޮބައިކަން ދެނެގަނެ، ހޫކު ޖުމުލަ ގެނެވިދާނެ ގޮތްތަކަކީ ކޮބައިކަން ދަސްކުރަން ޖެހެއެވެ. މިގޮތުން، މެޓަފަރިކަލް ހޫކު ފަދަ ހޫކުތައް ދަސްކުުުރުން ބުއްދިވެރިއެވެ. ހަމައެހެންމެ، ހޫކު ޖުމުލަ ލިޔާ އިރު، ހޫކު ޖުމުލައިން މައުޟޫޢުގެ ދެކޮޅު ހާމަވާނެހެން ޢިބާރާތްކުރުމަކީ މުހިއްމުކަމެކެވެ. ހޫކު ޖުމުލައަށް ފަހު، އިންސާފުކުރެވޭ މައުޟޫޢާ ގުޅޭ ފަސްމަންޒަރެއް ގެންނަންވާނެއެވެ. މިކަން ކުރެވޭނެ އެންމެ ފަސޭހަ އެއް ގޮތަކީ ސުވާލު ރަނގަޅަށް ދިރާސާކޮށް ސުވާލުގައި ހުރި ފޯކަސް ނުކުތާތައް ނޯޓުކުރުމެވެ. ފަސްމަންޒަރުގައި މުހިއްމު އިސްތިލާހެއް އޮތް ނަމަ އޭގެމާނަ ގެންނަންވާނެއެވެ. އަދި މައުޟޫޢުގެ މިހާރުގެ ހާލަތާއި ދެކޮޅު އޮތްކަން ވެސް ހާމަކުރަންވާނެއެވެ. އެއާ އެކު، މައުޟޫޢާ ގުޅޭ ގޮތުން ކޮންމެހެން އެނގެން ޖެހޭ ކަމެއް އޮތް ނަމަ އެކަމެއް ވެސް ހިމަނަންވާނެއެވެ. ފަސްމަންޒަރަށް ފަހު، ހަރުދަނާ ތީސީސް ބަޔާނެެއް ގެންނަންވާނެއެވެ. ތީސީސް ދެ ގޮތަކަށް ގެނެވޭ އިރު، ހަނިކޮށް ތީސީސް ޖުމުލަ ގެނައުމަކީ ލިޔުންގަނޑު ވަރަށް ފުރިހަމައަށް ރާވާލެވޭނެ ގޮތެކެވެ. ކޮންމެ ގޮތެއް އިޚުތިޔާރުކުރި ނަމަވެސް ތީސީސް ޖުމުލަވާންވާނީ އެ ޖުމުލައެއްގެ މައްޗަށް މުޅި ލިޔުން ބިނާކުރާ ނުވަތަ ބިނާވެފައިވާ ޖުމުލައަކަށެވެ. މި ކަންކަންކަމަށް ސަމާލުކަން ދިނުމަކީ ހަރުދަނާ ފެށުމެއް ލިޔެވި، ލިޔުންގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމެކެވެ.

ސާނަވީއަށް ފެތޭ ދެ ކޮޅުހާމަކުރާ މަޒުމޫނެއްގެ އެންމެ މުހިއްމު އެއް ބަޔަކީ ވަރުގަދަ މައިގަނޑު ޕެރަގުރާފުތަކެއް ގެނައުމެވެ. އެގޮތުން، މައިގަނޑު ޕެރަގުރާފު ބިނާކުރަންވާނީ މައިގަނޑު ޖުމުލައަކުން ފަށާ އެއަށް ބާރުދޭ ޖުމުލަތަކެއް ހިމަނައި، ވަށާޖެހޭ ޖުމުލައަކުން ނިންމާ ގޮތަށެވެ. މައިގަނޑުގެ 4 ޕެރަގުރާފު ވެސް ބިނާކުރާންވާނީ މި ގޮތަށެވެ. ނުކުތާތައް ހުށަހެޅުމުގައި އެންމެ ފުރަތަމަ  މައުޟޫޢާ އެއްކޮޅުގެ 2 ނުކުތާ ގެނެވިދާނެއެވެ. ނުވަތަ މައުޟޫޢުއާ ދެ ކޮޅު 2 ނުކުތާ ވެސް ގެނެވިދާނެއެވެ. ނަމަވެސް، މައުޟޫޢާ އެއްކޮޅުގެ ނުކުތާއެއް ގެނެސްފައި މައުޟޫޢާ ދެ ކޮޅުގެ ނުކުތާއެއް ގެންނަ އުސޫލުން ލިޔުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. މީގެއިތުރުން، މައިގަނޑުގެ ޕެރަގުރާފުތައް ލިޔާ އިރު،  މައުޟޫޢާ އެއްކޮޅުގެ ނުވަތަ މައުޟޫޢާ ދެކޮޅުގެ 2 ނުކުތާ ގެނެސްފައި، ދެން ލިޔާ ޕެރަގުރާފު ފަށަންވާނީ ބަދަލުވާ ޢިބާރާތަކުންނެވެ. ބަދަލުވާ ޢިބާރާތަކީ ލިޔުންގަނޑުގެ ރާގު އަނެއް ކޮޅަށް އަނބުރައިލުމަށް ޓަކައި ބޭނުންކުރާ ޖުމުލައެކެވެ. މި ކަންކަމުގެ އިތުރުން، މައިގަނޑު ޖުމުލަ ގެންނަ އިރު، ހަރުދަނާ މައުޟޫޢާ ގުޅޭ މައިގަނޑު 1 ނުކުތާ ގެނައުމަށް ސަމާލުކަންދޭންވާނެއެވެ. ދެން، ބާރުދޭ ޖުމުލައިގެ ގޮތުގައި ގެންނާވާނީ މައިގަނޑު ޖުމުލަ (މައިގަނޑު ޖުމުލައިގައި ލިޔުނު ނުކުތާ) ސާބިތުކޮށްދިނުމަށް ޓަކައި ހުށަހަޅާ ހެއްކާއި ދަލީލާއި މިސާލެވެ. ބާރުދޭ ޖުމުލަތަކުގައި މައިގަނޑު ޖުމުލައަށް ބާރުދޭ ތަފާތު 4 ވިސްނުމަކުން ވިސްނާފައި އޮތުން މުހިއްމެވެ. ބާރުދޭ ޖުމުލަތަކަށް ފަހު، ގެންނަ ވަށާޖައްސާ ޖުމުލަވާންވާނީ ނިންމާކަން އަންގައިދޭ ގުޅުވާއަކުރަކުން ފަށާފައިވާ، ޕެރަގުރާފުގައި ދެއްކި ހުރިހައި ވާހަކަތަކެއް ވަށާޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ޖުމުލައަކަށެވެ. މި ބަޔާންކުޅަ ކަންކަމަށް ސަމާލުކަން ދީގެން ލިޔުމުގެ މައިގަނޑު ބިނާކުރުމަކީ ދެ ކޮޅު ހާމަކުރާ މަޒުމޫނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކޮށައިލެވޭ މަގަކަށްވެގެންދާނެއެވެ.

ކޮންމެ ފެށުމަކަށް ފަހު ނިންމުމެއް އަންނަ ފަދައިން އާރުލާ ނިންމުމެއް ގެނައުމަކީ ސާނަވީއަށް ފެތޭ ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނަކަށް ވަރަށް މުހިއްމު ސިފައެކެވެ.  އެގޮތުން، ނިންމުމުގެ އެންމެ މުހިއްމު 3 އަސާސްކަމުގައިވާ ތީސީސް ބަޔާން އަލުން ގެނައުމާއި މައިގަނޑު ޕެރަގުރާފުތައް ޚުލާޞާކޮށްލައިގެން ގެނައުމާއި ވަށާޖެހޭ ނިންމުމެއް ގެނައުމަށް ސަމާލުވާން ޖެހެއެވެ. މިކަން ކުރުމަށް ޓަކައި އެންމެ ފުރަތަމަ ފެށުމުގައި ގެނައި ތީސީސް އެހެން ޢިބާރާތުން ގެންނަންވާނެއެވެ. ތީސީސް އަލުން ގެންނަ އިރު، ފެށުމުގައި އޮތް ގޮތަށް ނަކަލުކޮށްގެން ގެނެސްގެން ނުވާނެއެވެ. އަދި ތީސީސް އަލުން ގެންނަންވާނީ އެ ޖުމުލައިން ނިންމުމުގެ ޕެރަގުރާފު ހުޅުވައިލަދޭ ފަދަ ގޮތަކަށެވެ. ތީސީސްއަށް ފަހު، މައިގަނޑު ޕެރަގުތާފުތަކުގެ ޚުލާޞާއެއް ގެންނަންވާނެއެވެ. ޚުލާޞާގައި ހިމަނަންވާނީ މައިގަނޑުގެ 4 ޕެރަގުރާފުގައި ލިޔުނު 4 މައިގަނޑު ނުކުތާއެވެ. އެއްވެސް ނުކުތާއެއްގެ އިތުރު ތަފުސީލެއް ގެނާކަށްނުޖެހޭނެއެވެ. ހަމައެއާ އެކު، ޚުލާޞާ ލިސްޓުކޮށް ނުގެނުމަށާއި، ކޮންމެ މައިގަނޑު ނުކުތާއެއް ވަކިވަކި ޖުމުލަތަކެއްގެ ގޮތުގައި ގެނައުމަށް ފަރުވާތެރިވާންވާނެއެވެ. މި ގޮތަށް މައިގަނޑު ޕެރަގުރާފުތަކުގެ ޚުލާޞާ ގެނައުމަށް ފަހު، މަޒުމޫނު ނިންމާލުމަށް ޓަކައި މުޅި މަޒުމޫނު ވަށާޖެހޭ ފަދަ ނިންމުމެއް ގެންނަންވާނެއެވެ. މިގޮތުން، މައުޟޫޢުގެ ދެ ކޮޅަށް އަހުލުވެރިވުމަށް ބާރުއެޅޭ ފަދަ ބުނުމެއް ގެނެވިދާނެއެވެ. ހަަމައެހެންމެ، ކިޔުންތެރީންނަށް ގޮތް ނިންމަށް ދޫކޮށްލެވިދާނެއެވެ. އެއްވެސް ހާލެއްގައި ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއްގެ ނިންމުމުގައި ލިޔުންތެރިޔާ އެއްވެސް ކޮޅަކަށް ބުރަވެގެންނުވާނެއެވެ. މި ކަންތައްތަކާ އެއްގޮތަށް އަމަލަކުރުމުގެ ނަތީޖާއަކީ މުޅި ލިޔުން ވަށާޖެހޭ ފަދަ ވަރުގަދަ ނިންމުމެއް ލިޔެވިގެން ދިއުމެވެ.

ލިޔުން އަލުން ކިޔައި ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އިސްލާހުކުރުމަކީ ސާނަވީ އިމްތިހާނަށް ފެތޭ ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ލިޔުމުގައި ވިސްނުން ގެންގުޅެން ޖެހޭ ގޮތެކެވެ. އެގޮތުން، ލިޔުން ލިޔެ ނިމުމުން އެ ލިޔުން އަލުން ކިޔުމަށް ސަމާލުވާން ޖެހެއެވެ. މިކަން ކުރާ އިރު، ކިޔަމުންދާ ވަރަކަށް ލިޔުމުގައި ހުރި އިމްލާ ކުށްތަކާއި ބަހުގެ ޤަވާއިދުގެ ކުށްތައް އިސްލާހުކުރުމަށް ފަރުވާތެރިވާން ޖެހެއެވެ. ހަމައެއާ އެކު، ލިޔުން ލިޔެވިފައިވަނީ ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއްގެ އުސްލޫބުންކަން ޔަގީންކުރަން ޖެހެއެވެ. މިކަން ކުރުމަށް ޓަކައި، ލިޔުމުގައި އެއްވެސް ކޮޅަކަށް ބުރަވެފައިނުވާކަން ކަށަވަރުކުރެވިދާނެއެވެ. އަދި، މައުޟޫޢުގެ ދެ ކޮޅަށް ވެސް ހަމަހަމަކޮށް ހެކިތައް ހުށަހެޅިފައިވާކަން ގައިމުކުރެވިދާނެއެވެ. ހަމައެހެންމެ، ބަދަލުވާ ޢިބާރާތް ގެނެވިފައިވާކަން ވެސް ކަށަވަރުކުރެވިދާނެއެވެ. އޭގެއިތުުރުން، ފެށުމާއި މައިގަނޑުގެ ޕެރަގުރާފުތަކާއި ނިންމުމުގައި ހިމެނިފައިވާ ކަންކަން އަލުން ބަލައި، އިސްލާހުކުރަން ޖެހޭ ކަމެއްވާ ނަމަ އެކަމެއް އިސްލާހުކުރެވިދާނެއެވެ. މި ގޮތަށް އަމަލުކުރުމުގެ ފޮނި ނަތީޖާއަކީ ކުށްތަކުން މިންޖުވެ، ބަރިއްޔަވެފައިވާ ދެ ކޮޅު ހާމަކުރާ މަޒުމޫނެއް ލިޔުމުގެ ދޮރުތައް ހުޅުވިގެންދިއުމެވެ.

ސާނަވީ އިމްތިހާނަށް ފެތޭ ދެ ކޮޅަށް ވާހަކަދައްކާ މަޒުމޫނެއް ޢިބާރާތްކުރުމަށް ޓަކައި ގިނަ ކަންތަކަކާ މެދު ވިސްނާލަން ޖެހެއެވެ. ފުރަތަމައީ ހަރުދަނާ ފެށުމެއް ލިޔުމެވެ. ދެވަނައީ މައިގަނޑު ޕެރަގުރާފުތައް ގަތައިލެވިގެން އޮއްޓަރުހުރި ގޮތެއްގައި، ލިޔުމުގެ އުސްލޫބުން ކައްސައިނުލާނެހެން ގެނެސްދިނުމެވެ. ތިންވަނައީ ލިޔުމަށް އެކަށީގެންވާނެހެން ލިޔުމުގެ ޚުލާޞާއެއް އެކުލެވޭ ގޮތަށް މުޅި ލިޔުން ވަށާޖެހޭ ފަދަ ނިންމުމެއް ލިޔުމެވެ. ވީމާ، މި ކަންތަކާ އެއްގޮތަށް ހުރިހައި ދަރިވަރުން ވެސް އަމަލުކުރުމަށް ފަރުވާތެރިވާށެވެ. އޭރުން، ސާނަވީ އިމްތިހާނަށް ފެތޭ ދެ ކޮޅަށް ވާހަކަދައްކާ މޮޅު މަޒުމޫނެއް ލިޔެވުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *