ކުދީންގެ ތަޢުލީމު އިހު އޮތް ގޮތަށް އިޢާދަކުރަން ކުރާ މަސައްކަތުގެ ހިތަކީ މުދައްރިސުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް ރޯގާގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑުމުން، އިންޓަރނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުން ފާހަގަކުރާ ކަމަށެވެ. މި މައްސަލަ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް މެދުވެރިވެފައިވާއިރު، މިހާރު އަޅުގަނޑުމެންނަށް ކުރެވެން އޮތްކަމަކީ، ކުދީންގެ ތަޢުލީމު އިހު އޮތް ގޮތަށް އިޢާދަކުރުން ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
" މިހާރު އަޅުގަނޑުމެންނަށް ކުރެވެން އޮތްކަމަކީ، ކުދީންގެ ތަޢުލީމު އިހު އޮތް ގޮތަށް އިޢާދަކުރުން. ގެއްލުނު ފިލާވަޅުތައް ނަގާ ހަމަކުރުން. ނުދެވުނު ދަރުސްތަކާއި އުނގަންނައި ނުދެވުނު ސުލޫކާއި ތަރުބިއްޔަތު ދަރިވަރުންނަށް ދިނުން" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ. " ކަމަކީ އުނދަގޫ ކަމެއް. މަސައްކަތުގެ ޒިންމާ ބޮޑުކަން ކަށަވަރު. ނަމަވެސް، މިކަން ނުކޮށް ދޫކޮށްލައިފިނަމަ، އެކަމުގެ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާނެ! އެހެންކަމުން، މިއަދު އަޅުގަނޑު އެދެނީ، ބެލެނިވެރީންނާއި ރައްޔިތުން އެދެނީ، މުޅި ދުނިޔެ އެދެނީ މުދައްރިސުންގެ ކިބައިން އަނެއްކާވެސް ވަރަށް ބޮޑު ހިތްވަރަކަށް. ރޯގާގެ ސަބަބުން އެއްވެސް އުނިކަމެއް ދަރިވަރުންގެ ތަޢުލީމަށް، މަދަރުސާތަކުން ނުކުންނަ ޖީލަށް މެދުވެރިވިޔަ ނުދިނުން"
ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުން. ކޮވިޑާ ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލުކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަ ކުރުމަކީ ލާޒިމްކަމެއް – އެޑިއުކޭޝަން މިނިސްޓަރު
ކޮވިޑްގެ ދަތި ޙާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުންކަމަށާއި، ކޮވިޑާ ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލުކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަ ކުރުމަކީ ލާޒިމްކަމެއް ކަމަށެވެ. މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރަކަށް ”ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ ކަމަށް ޔުނެސްކޯއިން ކަނޑައެޅީ މި ދެންނެވި ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
" ކޮވިޑްގެ ދުވަސްވަރު، ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ޤުރްބާނީގެ ސަބަބުންކަން ޔަޤީން. މުދައްރިސުންނަށް ޖެހުނީ އައު ކަންތައްތަކެއް ދަސްކޮށްގެން، އެހެންޏާ ބޭނުންނުކުރާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އެހެންޏާ ނުކިޔަވައިދޭ ގޮތަކަށް ކިޔަވައިދޭން. މުދައްރިސުން މިކަން ނުކުރިނަމަ، ދަރިވަރުންނަށް ވާނޭ ގޮތް، ގޭބިސީގެ އިޖްތިމާޢީ ދިރިއުޅުމަށް އަންނާނޭ ހުސްކަން އަޅުގަނޑަށް ދަންނަވާކަށްވެސް ނޭނގޭ. އެހެންކަމުން، ރޯގާގެ ދުވަސްވަރު މުދައްރިސުން ކުރި ހިތްވަރަށްޓަކައި، އެ މުދައްރިސުންނަށް ސާބަހުގެ އަތްތިލަބަޑިއަކަށް އަޅުގަނޑު ގޮވާލަން. " މުދައްރިސުންނަށް ސާބަސް ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުހެ ޚިޠާބު ނިންމާލެއްވީ، މުދައްރިސުންގެ އައު ޖީލެއް އުފެއްދުމުގައި، މުދައްރިސްކަން ކުރާހިތްވާ ބައެއް ތަރުބިއްޔަތުކުރުމުގައި، މުދައްރިސުން ނިސްބަތްވާ ޕްރޮފެޝަންއަށްޓަކައި، ތިޔަ ކުރައްވަމުން ގެންދަވާ ހިތްވަރަކީ ނަމޫނާ ހިތްވަރަކަށް ހެއްދެވުމަށް އިލްތިމާސް ކުރައްވަމުންނެވެ.
advertisment
ހިޔާލު