މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރަން ހިންގާ ހަރަކާތްތައް އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އެ ހަރަކާތްތައް ވިލަރެސް ކުރާނެ ސްޓިއަރިންގ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެ ކޮމިޓީގެ ޗެރއަރ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެފައިވަނީ، މަޖީދިއްޔާގެ 100 ވަނަ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތައް އަހަރީ ދުވަހުގެ ފަހަށް ވެސް ރާވާފައިވާ ކަމަށާއި އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހަރަކާތްތައް ކުރިއަށް ގެންދަން ސްޓިއަރިންގ ކޮމިޓީގެ ދަށުން މަސައްކަތް ކުރާނެ ސަބް ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށާއި އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ރާވާ ހިންގަނީ އެކްޓިވިޓީ ކޮމިޓީން ކަމަށެވެ.
އޭނާ ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތައް ޒީނަތްތެރިކޮށް، ޚާއްޞަކޮށް ވަކި ހިސާބުތަކުގައި ގިޑިގެތައް ބެހެއްޓުމުގެ ކަންތައްތައް އަންނަ އަހަރު ކުރިއަށް ދާނެ ކަމަށާއި މިހާރު ސަމާލުކަން ދެނީ 300 ދުވަހާއި 200 ދުވަހާ ދެމެދު ކުރިއަށް ގެންދާނެ ހަރަކާތްތައް ރާވާ ހިންގަން ކަމަށެވެ.
"އަންނަ އަހަރަކީ މަޖީދިއްޔާއަށާއި އެ ސްކޫލުން ކިޔެވި ހުރިހާ ފަރާތްތަކަށް ބޮޑު އަހަރަކަށް ވާނެ" ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޕަބްލިކޭޝަންސް އެންޑް އާކައިވް ކޮމިޓީގެ ފަރާތުން، 100 އަހަރުގެ ތެރޭގައި މަޖީދިއްޔާ އާ ގުޅުން ހުރި ތަކެތި އާކައިވް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަން ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއި މަޖީދިއްޔާ ސްކޫލާއި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންނާ ގުޅިގެން ދަރިވަރުންގެ އަތުގައ ހުރި ފޮތޯފަދަ ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯ މައުރަޒެއް އަންނަ މަހުގެ 14އަދި 15 ވަނަ ދުވަހު ބޭއްވުމުގެ މަސައްކަތް ވެސް މަޖީދިއްޔާ ސްކޫލުން ކުރިއަށް އެބަގެންދެއެވެ. މި މައުރަޒުގައި ޕްރިންސިޕަލުންގެ މަސައްކަތްތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯތައް ފެންނަން ހުންނާނެ ކަމަށް މަޖީދިއްޔާ ސްކޫލުން ބުނެއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭއިރު، އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާ އެތަން ހުޅުވަނީ "ސައްތައިގެ" ހަނދާނީ ބިނާއެއްގެ ގޮތުގައެވެ. އަދި އެއީ ޒަމާނީ ވަޞީލަތްތަކާއެކު ޑިޖިޓަލް ކުލާސްރޫމްތައް ހިމަނައިގެން ކިޔަވައިދޭނެ ފުރިހަމަ ތަނަކަށް ވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު