ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން "ފަތުރު ވާހަކަ" ޓޫރިޒަމް ޑައިލޮގް ސީރީޒް އިފްތިތާޙުކޮށްފިއެވެ.
މިއީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލާ ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި މާނަހުރި މަޝްވަރާތަކެއް ކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒުން ކުރިއަށް ގެންދާ ސީރީޒެކެވެ.

މިއަދު ކުރިއަށް ގެންދިޔައީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުގެ ޝިއާރަކީ، ހަލަބޮލިކަމުގެ ތެރޭގައި ފަތުރުވެރިކަން: ދުނިޔެއަށް އަންނަ ލޮޅުންތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގެ މުސްތަޤުބަލެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް ޑރ. ޢަބްދުﷲ ނިޔާޒެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން ސިނާޢަތުގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަލަށް އުފެދެމުންދާ ހަޤީޤަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިއީ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ހަރަކާތެކެވެ. މިގޮތުން، ދާއިރާގެ މާހިރުން އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންތަކުގައި މައިގަނޑު ތިން ދާއިރާއަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ ދަތުރުފަތުރާއި ފަތުރުވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ، އަދި ކާބޯތަކެތީގެ ޚިދުމަތެވެ. މި މަޝްވަރާތަކުގައި ދުނިޔެއަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ނުތަނަވަސްކަމާއި، ތިމާވެށީގެ ފިއްތުންތަކުގެ އިތުރުން ދަތުރުފަތުރުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުސްތަޤުބަލަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ފުންކޮށް ބަހުސްކުރެވުނެވެ.

"ފަތުރު ވާހަކަ" އަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބައްދަލުވުންތަކެކެވެ. މިއީ ތަޢުލީމީ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާޢަތާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ މުހިންމު މަޝްވަރާތަކަށް ފުރުޞަތު ހުޅުވާލުމަށް އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ކުރާ މަސައްކަތުގެ ދަށުން ފެށި މުހިންމު ހަރަކާތެކެވެ.
advertisment
ހިޔާލު