ތައުލީމުގެ ޤާނޫނުގެ ދަށުން ޓީޗަރުންނަށް ލައިންސަންސް ދޭނެ މެކޭނިޒަމް ތަޢާރަފުކުރަން އަހަރެންހާ ދުވަސް ނަގާނެ ކަމަށް ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުން ބުނެފިއެވެ.
އެ ބޯޑްގެ ރަޖިސްޓްރާއަކަށް ހަމަޖައްސާފައި ވަނީ އައިޝަތު އާތިޔާ ނަސީރެވެ. މިއަދު ފާހަގަކުރާ އެދުރުންގެ ދުވަހާ ގުޅިގެން ދަރިވަރު ނޫހަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އާތިޔާ ނަސީރު ވިދާޅުވީ، ބޯޑް އުފެއްދި ފަހުން މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، ބޯޑް ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރާއްޖެއަށް އާ ކަމެއް، މަޝްވަރާ ކުރަންޖެހޭ ކަންތައްތައް ގިނަ
އާތިޔާ ވިދާޅުވީ މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދޭނެ ނިޒާމަކީ ދުނިޔެއަށް އާ ނިޒާމަކަށް ނުވިޔަސް ރާއްޖެއަށް އާ ނިޒާމެއް ކަމަށާއި، އެފަދަ ނިޒާމެއް ގާއިމް ކުރަން އެތައް އުސޫލުތަކާއި ބައިވަރު ގަވާއިދުތަކެއް ހަދަންޖެހޭ ކަމަށެވެ.

" އަޅުގަނޑުމެންނަށް އާ ކަމެއް ކަމުގަ ވީ ނަމަވެސް. ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެހެން ގައުމުތަކުގަ މިކަން ކުރާތާ. އަޅުގަނޑުމެން އަލަށްކުރާއިރު ނުޖެހޭ ސުމަކުން ފަށާކަށެއް. އެބޭފުޅުންގެ އެދަތުރު، އަޅުގަނޑުމެން ރަނގަޅަށް މުތޯލިޔާކޮށް ބަލައިފައި އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި ގޮތަށް ކުރިއަށް ގެންދެވޭނެ" އާތިޔާ ވިދާޅުވިއެވެ. " އަޅުގަނޑުމެން ބަލަންޖެހޭނީ، ކޮބާތޯ ހުރި ގޮންޖެހުންތަކަކީ، ކޮން ގޮތަކަށް ކަންތައް ކުރީމަތޯ ރަނގަޅުވާނީ. ލައިސަންސު ދިނުމުގައި އެމީހުން ބަލަނީ ކޮން ކޮން ކަންތައްތަކަކަށްތޯ. އެއީ އަޅުގަނޑުމެންނާ އެންމެ ގުޅޭ ގޮތް ތޯ. މި ހުރިހާ ކަމަކަށް ބެލުމަށްފަހު، ފަށައިގަންނަ އިރު ހަރުދަނާ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ"
" ދިރާސާ ތަކުން ދައްކާ ގޮތުގައި، ކަންކަން ކާމިޔާބު ނުވަނީ ގޮތް ނިންމުމުގެ މަރުޙަލާގައި މުދައްރިސުން ބައިވެރި ނުކުރާތީ" އާތިޔާ ނަސީރު
އާތިޔާ ގަބޫލު ކުރައްވާ ގޮތުގައި މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޭނެ ނިޒާމެއް އެކަށައަޅާއިރު، ގުޅުން ހުރި ވީހާވެސް ގިނަ ބަޔަކާ ބައްދަލުކޮށް މަޝްވަރާކުރަން ޖެހެއެވެ. މިކަހަލަ ކޮންމެ ކަމެއް ޓީޗަރުންގެ ތެރޭގައި ތަންފީޒުވެގެން އަންނައިރު، ދިރާސާ ތަކުން ދައްކާ ގޮތުގައި، ކަންކަން ކާމިޔާބު ނުވަނީ ގޮތް ނިންމުމުގެ މަރުޙަލާގައި މުދައްރިސުން ބައިވެރި ނުކުރާތީ ކަމަށް އާތިޔާ ވިދާޅުވިއެވެ.
މުދައްރިސެއްގެ އިތުރުން ޕްރިންސިޕަލެއްގެ ޒިންމާވެސް މީގެ ކުރިން އުފުއްލެވި، އާތިޔާ ވިދާޅުވީ ތައުލީމުގެ ގާނޫނުގައި ލައިސަންސް ދިނުމުގައި މުދައްރިސުންގެ ގޮތުގައި ބަލާނެ ފަރާތްތައް މާނަކޮށްފައި އޮތީ ވަރަށް ފުޅާކޮށް ކަމަށާއި، މުދައްރިސުންގެ އިތުރުން ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ތެރަޕިސްޓުންނާއި، ކައުންސިލަރުން ވެސް މާނަކޮށްފައި އޮތީ މުދައްރިސުންގެ ތެރޭގައި ކަމަށެވެ.

" މަތީ ތައުލީމުގެ މުއައްސަސާ ތަކާއި، ޕްރީ ސާވިސް ޓީޗާރ ޓްރެއިނިންގ ދޭ މަރުކަޒު ތަކަށް މީގެ ސަބަބުން އަސަރުކުރާއިރު، ބޯޑުން ގެންނަން ބޭނުންވާ ބަދަލުތަކަށް އެބޭފުޅުން ކިހާ ތައްޔާރުތޯ، ކިހިނެއްތޯ މިކަންތައްތައް ކުރެވޭނީ ބަލަންޖެހޭ. މިކަން ކުރަން އަޅުގަނޑުމެންނާ އެބޭފުޅުން ނާ ގުޅިގެން ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަހުރި" އާތިޔާ ވިދާޅުވިއެވެ. " އަޅުގަނޑުމެން މިތާ ތިބެފައި، ބައްދަލުވެލާފައި، ބޯޑުން ގޮތެއް ނިންމާނީކީ ނޫން. އަޅުގަނޑުމެން ހުށަހަޅާ ކަންތައްތައް ގުޅުން ހުރި އެބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު އެބޭފުޅުންގެ ހިޔާލާ އެއްކޮށް އަޅުގަނޑުމެން އުސޫލުތަކާއި ގަވާއިދުތަށް ފައިނަލް ކުރާނީ"
އާތިޔާ ވިދާޅުވީ ކުރަން ހުރި މަސައްކަތްތަކަށް ބަލާއިރު، ޓީޗަރުންނަށް ލައިސަންސް ދޭނެ މެކޭނިޒަމް ތައާރަފުކުރަން އަހަރެންހާ ދުވަސް ހޭދަވާނެ ކަމަށެވެ. ތައުލީމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން 2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އެކަމަށް ޚާއްޞަ ލައިސަންސެއް ލިބިގެންނެވެ.
ނުފޫޒުން އެއްކިބާވުމަށް ހުރިހާ އުޞޫލެއް ލިޔެ އާންމުވެފައި ހުރުން މުހިންމު
އާތިޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މަސައްކަތްކުރާ ކޮންމެ މުދައްރިސަކަށް ވެސް ލައިސަންސެއް ލިބިގެން ނޫނީ ކިޔަވައިނުދެވޭ ހިސާބަށްދާއިރު، އެކަން ކުރާނެ ގޮތް ވަރަށް ތަފްސީލްކޮށް ލިޔެކިޔުންތަކުން ފެންނަން ހުންނަންޖެހޭ ކަމަށެވެ. ލައިސެންސް ދިނުމުގައި ބަލާނެ ބައިވަރު ކަންތައްތައް ހުންނާނެ ކަމަށާއި، އިދާރީ ގޮތުން ބަލަންޖެހޭ، އަދި ފުރިހަމަ ކުރަންޖެހޭ ވަރަށް ބައިވަރު ލިޔެކިޔުނަތަކެއް ހުންނާނެ ކަމަށެވެ.
" އެމީހަކު ހުށަހަޅާ ލިޔެކިޔުންތަކަށް ބަލާފައި ލައިސެންސް ދެވޭނީ ވެސް އަދި ރަޖިސްޓަރީ ކުރެވޭނީ ވެސް. އަދި އޭނަ އެއް ގިންތިން އަނެއް ގިންތިއަށް ބަދަލު ކުރެވޭނީ ވެސް. އެއަކީ ހަމަ ހުރެފައި ނިންމޭނެ ކަމެއް ނޫން" އާތިޔާ ވިދާޅުވިއެވެ.
" ވަކި މީހެއްގެ ނުފޫޒެއްވެސް މީގެ ތެރެއަކަށް ނުވަދެވޭނެ. އަޅުގަނޑު މި ބޯޑުގެ ރަޖިސްޓްރާ އެއްގެ ގޮތުގައި ހުރެގެން، އެކަން ކަށަވަރު ކުރާނަން. އެކަން ޔަގީން ވެސް ކުރާނަން "
އާތިޔާ ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ހަދައި، ވަކި މީހަކާ ދޭތެރޭގަ ކަންތަކެއް ނުކުރެވޭގޮތަށް އުސޫލުތަކާ ގަވާއިދުތައް އެކަށައަޅާނެ ކަމަށެވެ. އޭރުން ލައިސަންސް ދިނުމުގެ އިތުރުން، ބާޠިލް ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ ހާލަތްތައް ތަފްސީލްކޮށް ލިޔެފައި އޮންނާނެ ކަމަށެވެ.
މުދައްރިސުން ރަޖިސްޓަރކޮށް ލައިސަންސް ދިނުމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރާނެ ޔަގީންކަން ވެސް އާތިޔާ ވަނީ ދެއްވާފައެވެ.
" ވަކި މީހެއްގެ ނުފޫޒެއްވެސް މީގެ ތެރެއަކަށް ނުވަދެވޭނެ. އަޅުގަނޑު މި ބޯޑުގެ ރަޖިސްޓްރާ އެއްގެ ގޮތުގައި ހުރެގެން، އެކަން ކަށަވަރު ކުރާނަން. އެކަން ޔަގީން ވެސް ކުރާނަން"
advertisment
ހިޔާލު