ދުނިޔޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ވަޒަންކުރާ ބައިނަލްއަޤްވާމީ އެންމެ މަޤްބޫލު އެއް މިންގަނޑު ކަމަށްވާ " ޓައިމްސް ހަޔަރ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026 " ގައި ވިލާ ކޮލެޖުން ތާރީޚީ އައު ކާމިޔާބީތަކެއް ހާސިލުކޮށްފިއެވެ.
އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ކުރާ މަސައްކަތްތައް، ޓީޗިންގް، ރިސަރޗް، ސްޓްވަރޑްޝިޕް އަދި އައުޓްރީޗް، މި ހަތަރު ދާއިރާއިން ވަޒަންކޮށް އެކުލަވާލާ މި ރޭންކިންގްސްގެ މިއަހަރުގެ ނަތީޖާ ދައްކާގޮތުން، މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިންގ (ޖުމްލަ ރޭންކިންގ) ގައި 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ހިމެނިފައެވެ. މިއީ މިދިޔަ އަހަރު ވިލާ ކޮލެޖު ހިމެނުނު 401-600 ބޭންޑާ އަޅާބަލާއިރު، އެންމެ އަހަރެއްގެ ތެރޭގައި މިއީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ ވިލާ ކޮލެޖަކީ މިރޭޓިންގައި ދިވެހިރާއްޖެއިން އެންމެމަތިން ރޭޓް ކުރެވިފައިވާ މުއައްސަސާއެވެ..
މިއަހަރުގެ ރޭޓިންގްސް ގައި ވިލާ ކޮލެޖަށް ލިބުނު އެންމެ ފަޚުރުވެރި ކާމިޔާބީއަކީ، "ކޮލިޓީ އެޑިއުކޭޝަން" ނުވަތަ ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުން ވަޒަންކުރާ 'އެސް.ޑީ.ޖީ 4′ ގެ ކެޓެގަރީން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މުއައްސަސާތަކާ ވާދަކޮށް ގަދަ 100 ގެ ތެރޭގައި ހިމެނުމެވެ. މި ކެޓެގަރީގައި މުޅި ދުނިޔެއިން ބައިވެރިވި 1,335 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 82ވަނަ މަޤާމު ހާސިލުކޮށްފައެވެ. މިއީ މިދިޔަ އަހަރު މި ކެޓެގަރީން ވިލާ ކޮލެޖު ހިމެނުނު 101-200 ބޭންޑުން ކުރިއަރައި، ފުރަތަމަ ފަހަރަށް ދުނިޔޭގެ ގަދަ 100 އަށް ވަދެ، ދިވެހިރާއްޖޭގެ ތަޢުލީމީ މުއައްސަސާއަކުން ބައިނަލްއަޤްވާމީ މައިދާނުގައި ހޯދި އެންމެ ޝަރަފުވެރި ކާމިޔާބީއެކެވެ.
މީގެ އިތުރުންވެސް، ދެމެހެއްޓެނިވި ތަރައްޤީގެ އެހެނިހެން މުހިންމު ދާއިރާތަކުން ވިލާ ކޮލެޖުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން:
- އެސް.ޑީ.ޖީ 16 (ޕީސް، ޖަސްޓިސް އެންޑް ސްޓްރޯނގ އިންސްޓިޓިއުޝަންސް): ދުނިޔޭގެ 914 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 101-200 ބޭންޑުގައި ހިމެނިފައެވެ. މިއީ މިދިޔަ އަހަރުގެ 201-300 ބޭންޑުން އެއް ބޭންޑު ކުރިއަރައި، ހެޔޮ ވެރިކަމުގެ ނިޒާމުތަކާއި އިންސާފު ޤާއިމުކުރުމަށް ކޮލެޖުން ކުރާ މަސައްކަތުން ހޯދި ބޮޑު ކުރިއެރުމެކެވެ.
- އެސް.ޑީ.ޖީ 3 (ގުޑް ހެލްތް އެންޑް ވެލް ބީއިންގ): ދުނިޔޭގެ 1,254 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނިފައެވެ. މިއީ މިދިޔަ އަހަރުގެ 601-800 ބޭންޑުން އެތައް ދަރަޖައެއް ކުރިއަރައި، މިއަހަރު ވިލާ ކޮލެޖުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާއެވެ. މި ކުރިއެރުމުން ދައްކުވައިދެނީ މުޖުތަމަޢުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ވިލާ ކޮލެޖުން ދޭ އަހައްމިއްޔަތުކަމެވެ.
- އެސް.ޑީ.ޖީ 5 (ޖެންޑަރ އީކުއަލިޓީ): ދުނިޔޭގެ 1,095 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި، މިދިޔަ އަހަރެކޭ އެއްފަދައިން ދުނިޔޭގެ ކުރީ ސަފުގައި ހިމެނިފައެވެ. މިއީ މިންތީގެ ހަމަހަމަކަން ޤާއިމުކޮށް، ހުރިހާ ދަރިވަރުންނަށް ތަފާތުކުރުމެއްނެތި ފުރުޞަތުތައް ފޯރުކޮށްދިނުމަށް ކޮލެޖުން ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.
- އެސް.ޑީ.ޖީ 17 (ޕާޓްނަރޝިޕް ފޮރ ގޯލްސް): ދުނިޔޭގެ 1,610 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނި، މިދިޔަ އަހަރުގެ މަޤާމު ދަމަހައްޓައި، އެކި ފަރާތްތަކާ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގެ ޤާބިލުކަން ދައްކުވައިދީފައެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި: "މިއީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެންމެ އަހަރެއްގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަޅުގަނޑުމެން ދޭ އިސްކަން ދައްކުވައިދޭ ކަމެއް.
މި ކާމިޔާބީން ރަމްޒުކޮށްދެނީ ވިލާ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގެ ކޮލިޓީ ތަޢުލީމެއް ފޯރުކޮށްދީ، އިޖުތިމާޢީ ގޮތުން ޒިންމާދާރު، ހޭލުންތެރި ޖީލެއް ބިނާކުރާ މުޢައްސަސާއެއްކަމެވެ. ޚާއްޞަކޮށް ތަޢުލީމީ ފެންވަރު ވަޒަންކުރާ އިންޑެކްސްގައި މުޅި ދުނިޔެއިން 82 ވަނައިގައި ވިލާ ކޮލެޖު އޮތުމަކީ، މަތީ ތަޢުލީމު ހާސިލުކުރުމަށް އެ ކޮލެޖު ޚިޔާރުކުރާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ޔަޤީންކަމެކެވެ. މިއީ އެ ދަރިވަރުން ހާސިލުކުރާ ސަނަދުގެ ބަރުދަން ބައިނަލްއަޤްވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.
ދުނިޔޭގެ ނަންމަޝްހޫރު ޔުނިވަރސިޓީތަކާ އެއް ހަމައެއްގައި ވިލާ ކޮލެޖު ގުނާލެވެން ފެށުމަކީ މުޅި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. ވިލާ ކޮލެޖުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ތަޢުލީމުގެ ފެންވަރު އިތުރަށް މަތިކޮށް، ދިރާސާތައް ފުޅާކޮށް، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ އެންމެ އިސް ސަފުގައި ދެމިއޮތުމެވެ.
advertisment
ހިޔާލު