ހީނސަމާސާގެ ތެރެއިން އުނގަންނައިދިނުން: ދަރިންގެ ވިސްނުމާއި ޝަޚްޞިއްޔަތު ބައްޓަންކުރުމުގައި ބޯޑު ގޭމްތަކުގެ ދައުރު!

މޫސާ ނިމާލް

މިއަދުގެ ތަޢުލީމީ ނިޒާމުގައި "ކްރިޓިކަލް ތިންކިންގ" އާއި "ޕްރޮބްލަމް ސޯލްވިންގ" (ވިސްނުންތޫނުކުރުމާއި މައްސަލަ ޙައްލުކުރުން) ފަދަ ލަފުޒުތަކަކީ ކުދިންގެ ކިބައިގައި އަށަގަންނުވަން އެންމެ ބޮޑަށް ބާރުއަޅާ ސިފަތަކެވެ. އުނގަންނައިދިނުމުގެ މާހިރުން އަބަދުވެސް ބާރުއަޅުއްވަނީ ފިލާވަޅުތައް ފޫހި ފިލާވަޅުތަކަކަށް ހެދުމުގެ ބަދަލުގައި، ކިޔަވައިދިނުން ހިތްގައިމު އަދި ކުދިން ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ބައްޓަންކުރުމަށެވެ. ވީއިރު، އުނގަންނައިދިނުމަކީ ބައެއް ފަހަރު ހަމައެކަނި މަޖާކޮށްލުމުގެ ތެރެއިން ކުރެވޭނެ ކަމަކަށް ނުހެދޭނެ ބާވައެވެ؟

މަޝްހޫރު ތަޢުލީމީ ތަޖުރިބާކާރު ޑރ. ބްރެޑް ޖޯންސަން ފާހަގަކުރައްވާ ގޮތުގައި، މި ދެންނެވި ހުނަރުތަކަކީ މިއަދު ތަޢުލީމީ ދާއިރާގެ މަޝްހޫރު ބަސްތަކަކަށް ވުމުގެ މާ ކުރިން، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ދަސްކުރި ހުނަރުތަކެކެވެ. އެއީ އެއްވެސް ކްލާސްރޫމެއް ނުވަތަ ޑިޖިޓަލް ކިޔަވައިދޭ އެޕެއްގެ އެހީއާ ނުލައެވެ. އޭގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާއެކު ބޯޑު ގޭމް ކުޅޭ މޭޒުދޮށުންނެވެ. އޭރު އަހަރެމެން ތިބީ އެ ކުޅިވަރުތަކުން ލިބޭ އުފަލާއި މަޖާކަމުގެ ތެރޭގައި ކަމުން، މުސްތަޤުބަލަށް ބޭނުންވާ ފިލާވަޅުތަކެއް ސިކުނޑީގައި ބިނާވަމުންދާކަން އިޙްސާސްވެސް ނުވަނީއެވެ.

ބޯޑު ގޭމްތަކަކީ ހަމައެކަނި ވަގުތުދުއްވާލާ ކުޅިވަރެއް ނޫނެވެ. އޭގެ ކޮންމެ ކުޅިވަރަކީ ސިކުނޑި ތަރައްޤީކޮށްދޭ އަދި އަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދޭ ނުފެންނަ ކްލާސްރޫމެކެވެ.

ކޮންމެ ކުޅިވަރަކީ ތަފާތު މާއްދާއެއް!

  • ރާޒުވާ (ޗެސް) – ވިސްނުންތޫނުކުރުމާއި ރޭވުންތެރިކަން: ރާޒުވާއަކީ ހިސާބާއި ލޮޖިކަލް ތިންކިންގ (ބުއްދީގެ ވިސްނުން) ގެ ބިންގަލެވެ. މިއިން ކުދިންނަށް ދަސްކޮށްދެނީ ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިން ކުރިއާލާ ރޭވުމާއި، ކެތްތެރިކަމާއެކު ގޮތް ނިންމުމެވެ. އެންމެ މުހިންމު ކަމަކީ، ބަލިވުމުން މާޔޫސްވުމުގެ ބަދަލުގައި ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަންނަން ދަސްވުމެވެ.
  • ޗެކާސް – އުކުޅުވެރިކަމާއި ނަތީޖާ ދެނެގަތުން: ތިމާ ކުރާ ކަމަކުން ނުކުމެދާނެ ނަތީޖާ ކުރިއާލާ އަންދާޒާކުރުމުގެ ހުނަރު މިއިން އުނގަންނައިދެއެވެ.
  • ސޮރީ! – ޖަޒުބާތުތައް ކޮންޓްރޯލްކުރުން:މިއީ ކްލާސްރޫމް ބެލެހެއްޓުމުގައި ބޭނުންވާ އެންމެ މުހިންމު ސިފައެވެ. ނާކާމިޔާބީއާ ކުރިމަތިލާނެ ހިތްވަރާއި، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކުރުމުގެ (އިމޯޝަނަލް ރެގިއުލޭޝަން) އިތުރުން ތިމާގެފުރުސަތަށް އިންތިޒާރުކުރަން މިއިން ދަސްވެއެވެ.
  • އޫނޯ – ސަމާލުކަމާއި ފްލެކްސިބިލިޓީ: ފާހަގަކުރުމުގެ ހުނަރާއި، ހާލަތަށް ބަލައި އުކުޅުތައް އަވަހަށް ބަދަލުކުރުމުގެ ފްލެކްސިބިލިޓީ (ލެކްބެލުން) ދަސްކޮށްދީ، ކުދިންގެ ސަމާލުކަންދޭ ވަގުތު އިތުރުކޮށްދެއެވެ.
  • މޮނޮޕޮލީ – މާލީ ތަޢުލީމާއި މުޢާމަލާތްކުރުން: ވިޔަފާރީގެ އުޞޫލުތަކާއި، މާލީ ހޭލުންތެރިކަމުގެ ބިންގަލެވެ. ވާހަކަދައްކައިގެން ކަންކަން ހަމަޖެއްސުމާއި (ނެގޯޝިއޭޝަން) ފައިދާއާއި ގެއްލުމުގެ ނުރައްކާ ދެނެގަންނަން މިއިން ދަސްވެއެވެ.
  • ކަނެކްޓް ފޯ – ސްޓްރެޓީޖިކް ވިސްނުން: ހަލުވިކަމާއެކު ޕްލޭންތައް ހަދައި، ކުރިމަތިން ފެންނަން ހުރި ގޮތްތަކުން އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރަން ދަސްކޮށްދެއެވެ.
  • ސްކްރެބަލް އަދި ބޮގްލް – ބަހުގެ ހުނަރު ތަރައްޤީކުރުން: ބަސްކޮށާރު މުއްސަނދިކޮށް، އަކުރުތައް އަތުރާނެ ގޮތާއި، އަވަހަށް ވިސްނައިގެން ލަފުޒުތައް އުފައްދާނެ ގޮތް ދަސްކޮށްދޭ ބަހުގެ ފުރިހަމަ މާއްދާއެކެވެ.
  • ޓިކެޓް ޓު ރައިޑް – ޖިއޮގްރަފީއާއި މެނޭޖްމަންޓް: ބިމުގެ ބަހާރުތައް ދެނެގަތުމާއެކު (ކުރު) އަދި ދުރު ރާސްތާއަކަށް ވަސީލަތްތައް މެނޭޖުކުރާނެ ގޮތުގެ އަމަލީ ތަޖުރިބާއެކެވެ.
  • ކޯޕަރޭޓިވް ގޭމްތައް: ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ޕެންޑެމިކް، ފޯބިޑްން އައިލެންޑް އަދި ކާސްލް ޕެނިކް ފަދަ ގުޅިގެން ކުޅޭ ގޭމްތަކަކީ މިއަދުގެ ކްލާސްރޫމްތަކުގައި ބާރުއަޅާ "ކޮލަބަރޭޓިވް ލާނިންގ" (ގުޅިގެން އުނގަންނައިދިނުން) ގެ އެންމެ ފުރިހަމަ މިސާލެވެ. މިއިން ކުޅިވަރެއްގައި ވަކިވަކި ކުދިން ވާދައެއް ނުކުރާނެއެވެ. މޮޅުވިޔަސް، ބަލިވިޔަސް ވާނީ އެންމެން އެކުގައެވެ. މިއިން ދަސްކޮށްދެނީ ލީޑަރޝިޕްގެ ހުނަރާއި، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން މުޢާމަލާތްކުރުމާއި، އެންމެން އެކުގައި މައްސަލަތައް ޙައްލުކުރުމެވެ.

ޑރ. ބްރެޑް ޖޯންސަން ވިދާޅުވާ ގޮތުގައި، މި ހުރިހާ ކަމެއްގެ އެންމެ ރީތި ބަޔަކީ ކުދިން މި ބޮޑެތި، މުހިންމު ހުނަރުތައް ތަރައްޤީކުރަމުން ދަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، ހީނސަމާސާކޮށް، އާއިލާއާ ގުޅުން ބަދަހިކުރަމުން، ހަގީގީ އިންސާނީ މުޢާމަލާތްތަކެއްގެ ތެރެއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *