މުހިންމު ހަފްލާތައް ބާއްވާގޮތަށް، އަޞްލު ސިފަތަކާ އެއްގޮތަށް ދާރުލް އުލޫމު ތަރައްޤީ ކުރަނީ

ރާއްޖޭގައި ހުރި ތާރީޚީ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ހުރި "ދާރުލް އުލޫމް" ގެ އަޞްލު ސިފަތަކާއެއްގޮތަށް، އަދި މުހިންމު ހަފްލާތައް ބޭއްވޭގޮތަށް ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުހައްމަދު ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 100 އަހަރު އަންނަ އަހަރު ފުރިގެންދާއިރު، ތާރީޚީ އެ ބިނާ، އާސާރީ ތަނެއްގެ ގޮތުގައި އާންމުނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ތަރައްޤީކުރަން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރަން ހިންގާ ހަރަކާތްތައް ވިލަރެސް ކުރާ ކޮމެޓީގެ ޗެއަރއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާ ޑރ. އަޙްމަދު ވިދާޅުވީ، ދާރުލްއުލޫމާއި ކުރިބޯށި އިމާރާތަކީ ތާރީޚީ ދެ އިމާރާތްކަމަށާއި އެއީ ތައުލީމީ ބިނާތަކުގެ ތެރޭގައި ހުރި އެންމެ މުހިންމު ދެ ބިނާ ކަމަށެވެ. ދާރުލްޢުލޫމުގެ ހޯލަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އިހުގެ ބައެއް ސިފަތައް ގެއްލިފައިވާކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދާރުލްއުލޫމް ތަރައްޤީ ކުރާނީ ރީތި ހޯލެއްގެ ގޮތަށް، ކުރިން ވެސް އެ ހޯލުގައި ބޭއްވި ފަދަ މުހިންމު ހަފްލާތައް ވެސް ބޭއްވޭ ގޮތަށް، އެ އިމާރާތުގެ އަސްލާ އެއްގޮތަށް ކަމަށެވެ. އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނީ މަޖީދިއްޔާގެ އިސްދަރިވަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

1952 ވަނަ އަހަރު ހުޅުވި ދާރުލް ޢުލޫމަކީ 1 ޖެނުއަރީ 1953ވަނަ އަހަރުގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވި ތާރީޚީ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ތަނެވެ. ދާރުލް އުލޫމުގައި ރަސްމީ ހަރަކާތްތައް ބޭއްވުން ހުއްޓުނީ އިސްލާމީ މަރުކަޒު އިމާރާތްކޮށް ބޭނުންކުރަން ފެށުމުން 1984ގައި ވަނަ އަހަރުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *