އަމީނިއްޔާ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "ޓްރެވަލް ރިހާސަލް" ނުވަތަ ދަތުރުގެ ތަޖުރިބާ ހޯދައިދިނުމުގެ ޕްރޮގްރާމެއް އެމިރޭޓްސް ގްރޫޕުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމުގައި ޖުމުލަ 20 ބައިވެރިން ހިމެނޭހެން ދަރިވަރުންނާއި ބައެއް ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގައި ވައިގެ ދަތުރުފަތުރުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މީގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، މިނިވަންކަމާއެކު ދަތުރުކުރުމުގެ ހުނަރު އަށަގަތުމަށް މަގުފަހިވެގެންދިޔަ ކަމަށް އެ ސްކޫލުން ބުނެއެވެ. މީގެ އިތުރުން، އެންމެހައި ފަރާތްތަކަށް ބައިވެރިވެވޭފަދަ ދަތުރުފަތުރުގެ ނިޒާމެއްގައި ބެލެނިވެރިންނާއި މުދައްރިސުންނަށް ދަރިވަރުންނަށް ދެވޭނެ އެހީތެރިކަން ދެނެގަތުމަށްވެސް މިކަމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.
މި ރިހާސަލަކީ ހުރިހާ ފަރާތްތަކަކަށްވެސް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބި، މުޖުތަމައުގެ އެންމެން ބައިވެރިކޮށް، އެންމެންނަކީވެސް މުހިންމު ބައެއްކަމުގެ އިހުސާސް ކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އަމީނިއްޔާ ސްކޫލުން ދެކެއެވެ.

އަމީނިއްޔާ ސްކޫލުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންތައްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު، ޝަތުރަތު ޝާކިރު ދަރިވަރު ނޫހަށް ވިދާޅުވީ، ދަތުރުފަތުރަކީ ބައެއް ކުދިންނަށް ފަސޭހަކަމެއް ނޫންކަމަށާއި، މި ކަމަށް ބައެއް ދަރިވަރުންނަށް އެހީތެރިކަންދީ ކުރިންތައްޔާރުކުރަންޖެހޭ ކަމަށެވެ. އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރެވަލް ރިހާސަލް"އެއް އެމިރޭޓްސް ގުރޫޕުން ކުރިއަށް ގެންދިޔައީ އެ އެއަރލައިންގެ އިސްނެގުމުގެ މަތިން ކަމަށާއި އެ ތަޖުރިބާ ދަރިވަރުންނަށް ހޯދައި ދިނީ ދުރާލާ ތައްޔާރުވެގެން ވަރަށް ފުރިހަމައަށް ކަމަށެވެ. އޭނާ ވިދާޅުވީ، "ޓްރެވަލް ރިހާސަލް" އަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނާއި ބޭނުންވާ މެޓީރިއަލް ތައްޔާރު ކުރުމުގައި އެ ސްކޫލުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"ޓްރެވަލް ރިހާސަލް"އެއް ގެންދަން އެމިރޭޓްސްގެ ބޭފުޅުން އަޅުގަނޑުމެންނަށް ހުށައެޅީ. ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ދަތުރުފަތުރު ކުރުމުގައި ފަންނީގޮތުން އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން މި ޙަރަކާތުގެ ތެރެއިން ބޭނުންވާކަމަށް ދެންނެވި، އަދި ކުދިންނަށް ދިމާވެދާނެ އުނދަގޫތަކަށް ތައްޔާރުވުމުގެގޮތުން ގިނަ މަޢުލޫމާތުތަކެއް ޙިއްސާކުރެވިގެންދިޔަ. ޝަތުރަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "ޓްރެވަލް ރިހާސަލް" ކުރިއަށް ގެންދިއުމުގެ ކުރިން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި އަދި އެމިރޭޓްސްގެ ޓީމެއްވެސް ހިމެނޭހެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި އެ ސެޝަންތަކުން ޓެކްނިކަލީ ކަންތައްތައް ކުރިއަށް ގެންދަން ކޮންފިޑެންސް ލިބިގެންދިޔަ ކަމަށް އެމިރޭޓްސްގެ ޓީމުން ވިދާޅުވި ކަމަށެވެ.
ޝަތުރަތު ވިދާޅުވީ، މި ޙަރަކާތް ކުރިއަށް ގެންދެވުނީ ގުޅުން ހުރި ހުރިހާ ސްޓޭކްހޯލްޑަރސް ގުޅިގެން ކަމަށެވެ. ދަރިވަރުން ޗެކިންކޮށް، ބޯޑިންގ ޕާސްދީ، އިމިގްރޭޝަން އަދި ކަސްޓަމްސް ނިންމާ، އެއަރޕޯޓް ސްޓާފުންގެ އެހީތެރިކަމާއެކު ޑިއުޓީ ފްރީ އަދި ޑިޕާޗަރ އާއި އެރައިވަލް ގޭޓްގެ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރުން ވެގެން ދިޔައީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބުނު ތަފާތު ތަޖުރިބާއެއް ކަމަށެވެ. އެކަން އެ ހަރަކާތުގައި ބައިވެރިވި ބައެއް ދަރިވަރުންނާއި ބެލެނިވެރިން ފާހަގަކުރިކަން ޝަތުރަތު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވެގެން. "ޓްރެވަލް ރިހާސަލް"ގެ ކުރިން އެކަމަށް ކުދިން ހާނުވައި، ސޯޝަލް ސްޓޯރީ އަދި ސީކުއެންޝަލް ވިޝުއަލްސް ބޭނުންކޮށްގެން ކުދިންނަށް ކިޔައިދީ މި ޙާލަތްތަކަށް ތައްޔާރުވުމުގެ ސެޝަނެއް ކުރިއަށް ގެންދެވުނު. މީގެ ސަބަބުން ދަރިވަރުންގެ އެންޒައިޓީ ކުޑަކުރެވިގެން ދިޔަ. މެންޓަލީ ކުދިން ރެޑީވިކަން ފާހަގަކުރެވުނު. އެއަރޕޯޓްގައި ދިމާވެދާނެފަދަ ހުރިހާ ޙާލަތްތަކަށް ހޭލުންތެރިކުރެވިގެން ދިޔަ. އަދި ޓްރެވަލް ރިހާސަލް ކުރިއަށް ދިޔައިރު ބައެއް ދަރިވަރުން ދިޔައީ އަމިއްލައަށްވެސް 'ސެލްފް ޗެކިން ޗެކްލިސްޓެއް ބޭނުންކޮށްގެން ޓާސްކްތައް ފުރިހަމަކުރަމުން. މީގެ ސަބަބުން ކުދިން ބާރުވެރިކުރެވިގެން ދިޔަ." ޝަތުރަތު ވިދާޅުވިއެވެ.

"މިއީ، އެމިރޭޓްސް ނަމޫނާއަކަށް ބަލައިގެން އެހެން ހުރިހާ އެއަރލައިނަކުން ވެސް ކުރިއަށް ގެންދަންވީ މުހިންމު މަސައްކަތެއް، މިއީ ކޮންމެ ކުއްޖަކަށް ދުނިޔެ ދެކިލަން ދާނެ ފުރުސަތު ފަސޭހަކަމާއެކު ހޯދައިދިނުމަށް ކޮށިގެންދާނެ މަގެއް ކަމާއިމެދަކު ޝައްކެއްނެތް"
ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން "ޓްރެވަލް ރިހާސަލް" ކުރިއަށް ގެންދިއުމުގައި އެމިރޭޓްސް ގްރޫޕުން ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައި އެ ފަރާތަށް އަމީނިއްޔާ ސްކޫލުން ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.
advertisment
ހިޔާލު