ފައުޒިއްޔާ: ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ އެދުރު

ކިޔަވައި ދިނުމަކީ ހަމައެކަނި ދެލިގަނޑު އުނގަންނައި ދިނުމެއް ނޫނެވެ. އެއީ ހަގީގީ ދިރިއުޅުމަށް ދަރިވަރުން ހޭނުވުމެވެ. އެ ދަރިވަރުންގެ މުސްތަގުބަލުގެ އުންމީދު އާކޮށްދިނުމެވެ. ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށާއި އެނޫން ކުދީންނަށް ވެސް އެ ފޮނި އުންމީދު ހާޞިލުކޮށްދޭން މަސައްކަތް ކޮށްދިނުމެވެ. މި ބުރަ މަސްޢޫލިއްޔަތާއެކު މީގެ އެތައް އަހަރެއް އުނގަންނައިދެއްވުމުގެ މަސައްކަތް ފެށްޓެވި އެއް ބޭފުޅަކީ މިއަދު ޢިމާދުއްދީން ސްކޫލުގެ ލިޑިން ޓީޗަރު ފައުޒިއްޔާ މަޙުމޫދެވެ. ގިނަ ދަރިވަރުންގެ ފައުޒިއްޔާ މިސްއެވެ.

ފައުޒިއްޔާ މިސްއަކީ އެތައް ބެލެނިވެރީންގެ ލޯބި ހޯއްދަވައި ޚާއްޞަ އެހީއަށް ބޭނުންވާ އާއިލާތަކުގެ އިހުތިރާމާއި ގަދަރު ހޯއްދަވާފައިވާ އެހީތެރިއެކެވެ. އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެއްވައި، އެކުދިންގެ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ހުންނެވި ބޭފުޅެކެވެ.

"އަޅުގަނޑު ތަޢުލީމީ ދާއިރާއަށް ހިތްޖެހުނީ ހަމަ ވަރަށް ތުއްތުއިރު. މަންމައަކީ ބޮޑެތި މީހުންނަށް ނަމާދުކުރަން ދަސްކޮށްދީ، ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި ބޭފުޅެއް. އެ ތަނުން އަޅުގަނޑު ވެސް ހިތަށްއެރީ އަޅުގަނޑު ވެސް ބޮޑުވެގެންވާނީ ޓީޗަރަކަށޭ. އަޅުގަނޑުގެ މަންމަ ގެންގުޅުނީ އުމުރުން ގިނަ ދުވަސްތަކެއްވެފައި ތިބި މީހުންނާއި ޒުވާނުންނާއި، އޭރު ލިޔަންކިޔަން ނޭނގޭ ކުދިން. އެ ކުދިން މަންމައަށް ވަރަށް އިހްތިރާމު ވެސް ކުރި. އެ މަންޒަރު ފެނި ހިތަށްއެރީ އަޅުގަނޑު ވެސް ވާނީ މަންމަގޮތަށް ޓީޗަރަކަށޭ" އުނގަންނައި ދިނުމުގެ ދާއިރާއަށް ފައުޒިއްޔާގެ ޝައުގުވެރިކަން ދޫވި ސަބަބު ވިދާޅުވެދެއްވިއެވެ.

ސްކޫލު ދައުރު ނިންމާލުމާއެކު ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފައުޒިއްޔާއަށް އެންމެ ފުރަތަމަ ފުރުޞަތު ލިބިވަޑައިގަތީ ފޮރިން މިނިސްޓްރީންނެވެ. ނަމަވެސް އެއީ ފައުޒިއްޔާ އެންމެ ބޭނުންވި ދާއިރާއެއް ނޫނެވެ. އޭރު ކަންކަން ހުރި ގޮތުން ވަޒީފާއަށް އެތަނަށް ނުކުންނަވަން ޖެހިވަޑައިގަތެވެ.

"އެތަނުގައި މަސައްކަތް ކުރަމުން ވެސް ޓިއުޝަންދޭން ފެށިން. ސުކޫލުދައުރުގައި ވެސް ޓިއުޝަންދެން. އެގޮތުން ވަރަށް ތުއްތު ކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ޓިއުޝަން ދިނިން. އެ ދުވަސްވަރަކީ ލެޓިން ދަސްކުރުމުގެ ދުވަސްވަރެއް. އޭރު ވަޒީފާގައި އުޅޭ  މީހުން ލެޓިން ދަސްކުރުން އެއީ މަޖުބޫރު ކަމެއް. އެކަން ދަސްކޮށްދިނުމަށް އަޅުގަނޑު ވެސް މަސައްކަތްކުރީން. ވަރަށް ގިނަ މީހުންނަށް އެކަން ކޮށްދިނީން. ވަޒީފާގައި އަހަރެއް ވީތަނާ އައިޓީގައި ޓީޗަރުން ތަމްރީނުކުރާ ކޯސް އިޢުލާންކުރި. އެ އިއުލާން ކުރި ދުވަހު އަޅުގަނޑު ނަންގަތިން މިނިސްޓްރީގައި އަޅުގަނޑު ދާން ބޭނުންވަނީ ޓީޗިން ހަދައިގެން ޓީޗިން ދާއިރާއަށޭ. އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން އެބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތް. އެ ދުވަސްވަރަކީ ވަޒީފާއިން ކަނޑާނުލާ އެހެން ވަޒީފާއަކަށް  ނެރޭ ދުވަސްވަރެއް ވެސް ނޫން" ފައުޒިއްޔާގެ ހަގީގީ އުންމީދުގައި ކުލަޖެހުމުގެ ފުރުޞަތު ފަހިވާން ފެށީ ޓީޗިން ކޯހުގައި ކުރިއަށްދެވޭ ގޮތް ވުމުންނެވެ.

ގައި ފައުޒިއްޔާ ގެންދެވީ ޓީޗިން ކޯސް ފުރިހަމަ ކުރައްވަމުންނެވެ. އެ ކޯހުގެ ބައިވެރިއެއްގެ ގޮތުގައެވެ.

" އެ ކޯސް ނިންމުމަށްފަހު އަޅުގަނޑުގެ މަސައްކަތް ފެށީ ޖަމާލުއްދީން ސުކޫލުގައި.  އެންމެ ފުރަތަމަ އަޅުގަނޑު ނެގީ ގުރޭޑު 2 ގެ ކުލާހެއް. އެ ކުލާހަށް ކިޔަވައިދެމުން އަޅުގަނޑުގެ އަޒުމަކަށްވީ އެ ކުދީން ގޮވައިގެން އުޅުމުގައި އެ ކުދިންނަށް ރަނގަޅު ގޮތް ބުނެދިނުން. ޖެހިގެން އައި އަހަރު އަޅުގަނޑަށް ލިބުނީ ގުރޭޑު ތިނެއް. އޭރު ވެސް އަޅުގަނޑަށް ކުލާސްތެރެއިން ތަފާތު ފެންވަރުގެ ކުދިން ފެންނަމުން ދިޔަ. އޭރު ވެސް ޖަމާލުއްދީންގައި އަޑުއެހުމުން މަހުރޫމްވެފައި ތިބޭ ކުދިންނަށް ކިޔަވައިދެމުން ދިޔަ. އެ ކުދިން އެކި ގަޑިތަކުގައި މެއިން ސްޓްރީމް ކުލާސްތަކަށް ފޮނުވާ. އެގޮތުން އަޅުގަނޑަށް ލިބުނު މެތްސް ގަޑީގައި ގެންގުޅެލަން ކުއްޖެއް. އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ އޯޓިޒަމްއެއް، ޑައުންސިންޑްރަމްއެއް. އަޅުގަނޑުގެ މަސައްކަތަކަށްވީ ކުލާހުގައި ތިބި ކުލާސް ފެންވަރަށްވުރެ ދަށްކޮށް ތިބި ކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުލާސް ކުރިއަށް ގެންދިޔުން. އަޅުގަނޑުގެ ނަޒަރުގައި ޖަމާލުއްދީނަކީ ވަރަށް ރަނގަޅު ބިންގަލަކާއި އެކީ ކުރިއަށް ދާ ސުކޫލެއް" ކިޔަވައިދިނުމުގެ ތަޖުރިބާއިން ފައުޒިއްޔާ މިސްރާބު ބަދަލުވަމުން ދިޔައީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދީންނާ ދިމާއަށެވެ.

" އަޅުގަނޑު ގުރޭޑު ފަހަކަށް ކިޔަވައިދެމުން ދިޔަ އަހަރު އަޅުގަނޑަށް ދިމާވި ގެންގުޅެން ވަރަށް އުނދަގޫ ދެތިން ކުއްޖަކާ. އަޅުގަނޑު އެ ކުދިން ގެންގުޅުނީ ވަރަށް ގާތްކޮށް. އެކަމުގެ ތެރެއިން ފާހަގަވީ އެއީ ގޭތެރެއިން އަޅާލުން ލިބިފައިނުވާ ކުދީންތަކެއްކަން. މިހާރުގެ ގޮތަށް ބުނާ ނަމަ ޚާއްޞަ އެހީއަށް ބޭނުންވެފައި ތިބޭ ކުދިންތަކެއްކަން. އަޅުގަނޑު ހިތަށް އެރި މިކުދިން މިހެން ދޫކޮށްލައިފި ނަމަ ހަމަ ރަށުތެރެއަށް ގިނައޭ ވާނީ. އެހެންވެ އޭރުގެ ޕްރިންސިޕަލަށް ދަންނަވައިގެން އަޅުގަނޑު މަސައްކަތް ފެއްޓީ. އަޅުގަނޑުގެ ޓާގެޓަކަށްވީ މި ކުދިންނަށް މުޖުތަމަޢު ތެރެގައި އުޅެވޭނެ ގޮތްތަކެއް ހެދުން" ފައުޒިއްޔާ ފަސްޖެހުމެއް ނެތި އަދިވެސް ވަޑައިގަތީ ކުރިއަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ލޯބިޖެހިފަ އޮންނަ ކަމެއްމީ ކުދިންނަށް ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްކޮށްދިނުން. ހުނަރެއް ދަސްކޮށްދީ އަދި އަޅުގަނޑަށް ނޭނގޭ ކަމެއްނަމަ އެކަން ދަންނަ އެހެން ބައެއް މެދުވެރިކޮށްގެން ނަމަވެސް ދަރިވަރުންނަށް އުނގަންނައިދިނުން. އެހެންވީމާ އަބަދުވެސް ބެލީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދީންނަށް ވެސް އެ ފަދަ ކަމެއް ދަސްކޮށްދެވޭތޯ" ފައުޒިއްޔާގެ ތަޢުލީމީ ތަޖުރިބާގައި ވިސްނުން ގެންގުޅުއްވި ގޮތް ވިދާޅުވެދެއްވިއެވެ.

2000 ވަނަ އަހަރު އިމާދުއްދީން ސްކޫލު ހުޅުވުމާ ގުޅިގެން  އެ ސްކޫލަށް ފައުޒިއްޔާ ބަދަލުކުރެއްވިއެވެ. ކިޔެވުމުގައި އިތުރު އެހީތެރިކަމެއް ބޭނުންވާ ކުދިން އެ ސުކޫލުން ފުރުޞަތު ދެމުން ދިޔައެވެ. ގާތްގަނޑަކަށް ބާރަ ވަރަކަށް ކުދިން، ފަހުން 30 ކުދިން އެ ސްކޫލުގައި ތިއްބެވެ. ފައުޒިއްޔާގެ ނަޒަރު އެކުދީންނަށް ހުއްޓުނެވެ. އެ ކުދީންނަށް ކިޔަވައިދެއްވަން ޝައުގުވެރިވެވަޑައިގަތެވެ.

" އެއީ ގާތްގަނޑަކަށް 2004 ގައި. އެހެން ހުއްޓާ 2007 ގައި އަޅުގަނޑާ އެކުދިން ހަވާލުވި.  އަޅުގަނޑު އޭރު ބަލަހައްޓަމުން އައީ ސުޕަވައިޒަރެއްގެ ގޮތުން ގުރޭޑު 5. އޭގެ އިތުރުން ދެން އަޅުގަނޑަށް މި ލިބުނީ ސެން ކުލާސް. 2007 އިން ފެށިގެން އަޅުގަނޑު މިކުދިންނާއި އެކީގައި މަސައްކަތް ކުރަމުން ދިޔައިން. އޭރުއްސުރެ އަޅުގަނޑު އެ ކުދީންގެ މުސްތަޤުބަލު ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތް އެބަ ކުރަން" ސްޕެޝަލް ނީޑްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ފައުޒިއްޔާ ވިދާޅުވިއެވެ.

ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނާ ދޭތެރޭ މުޖުތަމަޢުގެ ވިސްނުން މަޑުމަޑުން ބަދަލުވަމުން ދާކަން ފައުޒިއްޔާ ފާހަގަ ކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ކުރިއަށްވުރެ ތަންކޮޅެއް ބޮޑަށް ހޭލުންތެރިވެއްޖެ. ނަމަވެސް އަދިވެސް އަޅުގަނޑުމެން ހީކުރާ ވަރެއްނުވޭ. އެއްގޮތަކީ އަޅުގަނޑުމެން މިކަން ކުރިއަރުވަން ތިބި މީހުންނަށް އެކަން އަދިވެސް އެންމެ ރަނގަޅަށް ނުކުރެވެނީ. ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ބައެއް ކުދިން ސުކޫލަށް ވެސް ނުފޮނުވާ. ދަރިވަރު ސްކޫލަށް ގެންނަ އިރު އޭނާގެ ރަށްޓެއްސަކަށް ފެނިދާނެތީ ލަދުގަނޭ. ނަމަވެސް ކުރިޔާ އަޅާ ބަލާއިރު ބެލެނިވެރީން ވެސް އަދި ޓީޗަރުން ވެސް ހޭލުންތެރިވެއްޖެ" ފައުޒިއްޔާ ފާހަގަކުރެއްވީ އޭރު ދިމާވި އެއް ގޮންޖެހުމެވެ.

"ކުރިން ނަމަ ވަރަށް އުނދަގު ވާނެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުއްޖަކު ގެންގޮސް އާއްމުކުލާހަކަށްލާން. މިހާރުދެން މިކަމާ ބެހޭގޮތުން ޓީޗަރުން ވެސް އެބަ ތަމްރީނުކުރެވޭ. މިކަހަލަ ކަންތައްތައް ކުރިއަށްދާތީހެން އަޅުގަނޑަށް ހީވަނީ މިހާރު ހަމަ ވަރަށް ގިނަ ޓީޗަރުން ހަމަ ވަރަށް ހޭލުންތެރި. މިކުދިން ކުލާހުގައި ބޭތިއްބިޔަސް އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް ނާދޭ. އަދި އެފަދަ ކުއްޖަކު މެއިން ސްޓްރީމް ކުލާހަކަށް ލައިފިނަމަ އެ ކުލާހުގައި ތިބޭ ބައެއް ކުދީންގެ ބެލެނިވެރިން އެކަމާ ޝަކުވާކުރޭ. މައްސަލަ ޖައްސާ. ނަމަވެސް މިހާރު ހަމަ އެއްގޮތަކަށްވެސް އެބައެއް ނެތް. ވަރަށް މަދު" ތައުލީމީ ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ފައުޒިއްޔާ ވިދާޅުވިއެވެ.

ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން 2016 ވަނަ އަހަރު ފައުޒިއްޔާއަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިވެހި ސަރުކާރުން ދެއްވާފައެވެ. ރަސްމީ ވަޒީފާގެ ހައިސިއްޔަތުން ފައުޒިއްޔާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، މާލެއާއި އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައި ތިބި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ރޮނގުން ފައުޒިއްޔާ ދެއްވި ޚިދުމަތްތަކާއި، އެ ރޮނގުން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައެވެ.

ކިޔަވައިދެއްވުމުގެ އިތުރުން ވެސް ފައުޒިއްޔާ ފާހަގަ ކުރެވެނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށާއި، އެކިއެކި ސަބަބުތަކާހުރެ ތަޢުލީމު އުނގެނުމުން މަޙުރޫމުވެފައިވާ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަން އަބަދުވެސް ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެފަދަ ކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، އެ ކުދިންގެ ހާލަތާ ގުޅޭގޮތުން ކަންކަން ކުރަން ފެނިވަޑައިގަންނަވާ ގޮތުގެ މަޝްވަރާއާއި ލަފާ ދެއްވައި، އެ ޚިދުމަތެއް ދެއްވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށް އެ ޚިދުމަތެއް ދެއްވަމަކީ ފައުޒިއްޔާއަށް ލިބިވަޑައިގަންނަވާ ހިތްޕުޅުހަމަޖެހުމެކެވެ.

"އަޅުގަނޑު ހަމަ ވަރަށް ހިތަހަމަޖެހޭ އަޅުގަނޑު ކުރެވުނު މަސައްކަތާ ދޭތެރޭ. އަޅުގަނޑު ކޮންމެ ދިމާލަކަށް ނިކުތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ދަރިވަރުންނާ މި ދިމާވަނީ. މިހާރު ދެން އަޅުގަނޑު ބޭނުންވަނީ އާ ބަޔަކު ނިކުމެ މިކަމައިގެން އުޅުން. އަޅުގަނޑު އުންމީދަކީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އަޅުގަނޑަށް ލިބިފައި ހުރި މިންވަރަކުން އޭރަކު ދެވެން އޮތް އެހީތެރިކަމެއް ދިނުން. މި ކުދިން، އަޅުގަނޑުގެ ނެޓްވޯކަކުން އިރާދަކުރެއްވިއްޔާ ކެނޑިގެނެއް ނުދާނެ" ފައުޒިއްޔާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *