ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ނ.މަނަދޫގައި ގާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކާ މަނަދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
19 ޖޫން 2016 (ހުކުރު) ދުވަހުގެ ހަވީރު މަނަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހުސްނީ މުބާރަކް ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުއަކީ މަނަދޫގެ ޢުމްރާނީ އަދި ތަޢުލީމީ ތަރައްޤީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށާއި މި އިންޤިލާބީ މުހިންމު މަޝްރޫޢުގެ ސަބަބުން ރަށުގައި ތިބެގެން މަނަދޫގެ ދަރިވަރުންނަށް ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ރަނުގެ ފުރުޞަތު ފަހިވެގެންދާކަމީ މަނަދޫއަށް ނިޞްބަތްވާ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެކަމެއްކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި މަތީ ތަޢުލީމުގެ މިފަދަ މަޝްރޫޢުއަކީ ހަމައެކަނި ކޮންކްރީޓް ޢިމާރާތްތަކެއް ނޫންކަމަށާއި އެހެނެއްކަމަކު އެއީ މަނަދޫގެ އިތުރުން ކައިރީގައިވާ އެހެން ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރި ހެޔޮ މިޞްރާބަކަށް ގެންދިޔުމަށް ލިބޭނެ އެންމެ އަގުހުރި ފުރުޞަތުކަން ފާހަގަ ކުރެއްވިއެވެ. މި މަސްރޫޢުގެ ތައާރަފެއް ދެއްވީ އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދެވެ. މި މަޝްރޫޢުގެ މައުލޫމާތު ތިރީގައި އެވަނީއެވެ؛
- މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވެނީ ކެމްޕަސް އިމާރާތަކާއި އެކޮމޮޑޭޝަން ޢިމާރާތެއް.
- ކެމްޕަސް ޢިމާރާތުގައި 4 ކްލާސްރޫމާއި، ސެމިނަރ ރޫމަކާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، މީޓިންގ ރޫމެއް ހިމެނޭ.
- އެކޮމޮޑޭޝަން ޢިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، މުވައްޒަފުންގެ ސްޓޫޑިއޯ-ޓައިޕް އެކޮމޮޑޭޝަން 2 ފްލެޓާއި، އިންޑޯ ކުޅިވަރުތައް ކުޅުމަށް އަދި ޖިމް ގާއިމްކުރުމާއި ކެންޓީނުގެ ޚިދުމަތް ހިމެނޭ.
- މީގެ އިތުރުން ދަރިވަރުން ކިޔަވަން އަދި އިޖުތިމާޢީ ކަންކަމަށް ބޭނުންކުރުމަށް ގޯތި ތެރޭގައި އިތުރު ވަޞީލަތް ގާއިމްކުރެވޭނެ.
- މި މަޝްރޫޢުއަށް މަނަދޫއިން 19000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ވަނީ ކަނޑައަޅައި ރަޖިސްޓްރީ ކޮށްދީފައި.
- ކޮންޓްރެކްޓަރަކީ ޓްރަސްޓްއެންޖް ކުންފުނި.
- މަޝްރޫޢުއަކީ ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނޭ މަޝްރޫޢުއެއް
- އެއް އަހަރުދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައި ވަނީ.

ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެންމެ ފުރަތަމަ ކޮންކްރީޓް އޮއްސައިދެއްވީ ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކާއި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރާއި އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދެވެ. އޭގެ ފަހުން މަނަދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަނަދޫގެ ކަމުވޮށިވެގެންވާ އިސްރައްވެހިންވެސް ވަނީ ކޮންކްރީޓް އަޅަން ފެށުމުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ.
advertisment
ހިޔާލު