ދިވެހި އިމްތިޙާނުގެ އުކުޅުތައް އެއް ފޮތަކުން ހިމެނޭ، "އެޗްއެސްސީ ދިވެހިން ފާސްވާނެ މަގު" ނެރެފިއެވެ.
މަތީ ސާނަވީއަށް ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ މުޙައްމަދު ޝަރީފު ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ، ބުރާސްފަތި ދުވަހު، ގައުމީ ކުތުބުހާނާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އޮނަރަބަލް ހީނާ ވަލީދެވެ.
ޝަރީފު ވިދާޅުވީ، މަތީ ސާނަވީގެ ދިވެހި އިމްތިޙާނަކީ ދަރިވަރުންނަށް ހާސްކަމާއި ނުތަނަވަސްކަން ގެނުވާ އިމްތިޙާނެއް ކަމަށާއި މި އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޭނުންވާ ހުނަރުތަކާއި ތަމުރީނުތަކާއި އުކުޅުތައް ކިޔައިދޭ ފޮތްތައް ރާއްޖޭގައި މަދު ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެއްވުމުގެ ފާގަތި ތަޖުރިބާ ހޯއްދަވާފައިވާ ޝަރީފަކީ، އެޗް.އެސް.ސީ. އިމްތިހާނު ކަރުދާސް ސާފުކުރެއްވުމުގެ ޢަމަލީ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ، މިހާރުވެސް ކިޔަވައިދެއްވާ މަޤްބޫލް މުދައްރިސެކެވެ.

ޝަރީފް ވިދާޅުވިގޮތުގައި، މި ފޮތުގެ ޤަދަރު ނުވަތަ މަކަ މަތިވެގެން، ބަރުވެގެން ދަނީ ސާނަވީ ފެންވަރަށް ކިޔަވައިދެއްވުގެ ތަޖުރިބާކާރު ދެ މުދައްރިސެއްގެ ޢަމަލީ ތަޖުރިބާއިން ފޮތް ތަހުޒީބުކޮށްފައިވާތީއެވެ. އެއް ބޭފުޅަކީ، ޝަރަފުއްދީން ސްކޫލްގެ މުރާލި ނާޒިރު އަޙްމަދު މިހާދެވެ. އަނެއް ބޭފުޅަކީ، އެތައް އަހަރެއް ވަންދެން، އަދި މިހާރުވެސް މި ފެންވަރަށް ކިޔަވައިދެއްވާ އުސްތާޛު، ގދ. ގައްދޫ މުޙައްމަދު ޝާމިޚްއެވެ. މި ދެބޭފުޅުން ވެސް ވަނީ ކުށް ހޯދުމުގެ ނަޒަރުން ފޮތުގެ ދެލިކޮޕީ ތަންޤީޙް ކޮށްފައެވެ. ފޮތުގެ ލޭއައުޓް ހެއްދެވީ އަޙްމަދު މިހާދެވެ.
ދަތްކުދި ފުނަލެއް އަޅުއްވައި، ފޮތުގެ ކޮންމެ ޖުމުލައެއް، ކޮންމެ ޕެރެގްރާފެއް ކޮންމެ ކަޑިއެއް، ކޮންމެ ބާބެއް ބައްލަވައި އޮމާންކޮށްދެއްވީ، ދިވެހިރާއްޖޭގެ މި ޒަމާނުގެ ޢިލްމުވެރިޔާ، ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރު ޑރ ޙަސަން ޙަމީދެވެ.
ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މި ފޮތުގައި، އިމްތިޙާނުގެ މުޤައްރަރުގައި ހިމެނޭ ސިޓީ، މަޒުމޫނު، ރިޕޯޓު، ފީޗަރ އާޓިކަލް، ޕްރޮޕޯޒަލް، ތަޤުރީރު، ދަތުރުނާމާ، ބައޮގުރަފީ، ރޭޑިއޯ ޑުރާމާ، ދޭހަ، ޚުލާޞާކުރުން ފަދަ ބައިތަކަށް ޖަވާބުދޭނެ ގޮތް ނަމޫނާތަކާ އެކު ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްފައިވެއެވެ. ވަކިން ޚާއްޞަކޮށް، ދިގު ލިޔުންތައް ފަސޭހައިން ހަނދާން ބެހެއްޓުމަށް ބޭނުންވާނެ އޮނިގަނޑުތަކާއި، އިމްތިޙާނުގައި މާކުސް ދޭނެ މިންގަނޑުތައް މި ފޮތުގައި ހިމަނާފައިވުމަކީ ދަރިވަރުން މިސްރާބުން ކަސިޔާރު ނުވާނޭ ކަމެކެވެ. މިއީ އިމްތިޙާނަށް ދުރާލާ ތައްޔާރުވާ ދަރިވަރުންނަށާއި، އެންމެ ފަހު ވަގުތު ފާސްވުމަށް މަސައްކަތްކުރާ ދަރިވަރުންނަށް ވެސް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެއެވެ.
178 ޞަފުޙާ ހިމެނޭ "އެޗްއެސް.ސީ ދިވެހިން ފާސްވާނެ މަގު" މި ފޮތުގެ އަގަކީ 199 ރުފިޔާއެވެ. ފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން 7430960 ނަމްބަރު ފޯނާ ގުޅުމުން ފޮތް ލިބޭނެ އިންތިޒާމު ވަނި ހަމަޖައްސާފައެވެ.
ދިވެހިބަހުގެ ދާއިރާއިން މާސްޓަރ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވާ މުޙައްމަދު ޝަރީފް މިހާރުވެސް ގެންދަވަނީ ދަރިވަރުންނަށް ވާހަކަދައްކަން ދަސްކޮށްދޭނެ އާ ފޮތެއް އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުންނެވެ.
advertisment
ހިޔާލު