އުނގޫފާރު ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯނަގައިދޭން އެ ސްކޫލުގެ ދަރިވަރުން ހަވާލުވެއްޖެ

އުނގޫފާރު ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފޮޓޯނަގައިދޭން އެ ސްކޫލުގެ ދަރިވަރުން ހަވާލުވެއްޖެއެވެ. މިއީ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ސްކޫލުން އެޅި މުހިންމު ފިޔަވަޅެކެވެ.


އުނގޫފާރު ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް ދަރިވަރު ނޫހަށް ވިދާޅުވީ، ފޮޓޯނަގަން ދެ ކެމެރާގެ ސެޓަޕެއް ޕީޓީއޭގެ އެހީތެރިކަމާއެކު އެ ސްކޫލުގެ މީޑިއާ ކުލަބަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެކި ހަރަކާތްތަކުގެ ފޮޓޯތައް ނަގާނެ ގޮތާއި އަދި ކެމެރާ ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ވެސް އެކަމުގެ މާހިރަކު ލައްވައި މިހާރު ހިންގާފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.


"މިހާރު އަޅުގަނޑުމެން ސްކޫލުގެ ފޭސްބުކް ޕޭޖުގައި ހުންނާނީ ދަރިވަރުން ނަގާ ފޮޓޯތައް" ދަރިވަރުންގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑއިގެން ހުންނަވައި ޕްރިންސިޕަލް ނަސީމް ވިދާޅުވިއެވެ.
އުނގޫފާރު ސްކޫލުގައި ކުރިއަށް ގެންދާ ފުޓްސަލްއާއި ހޭންޑްބޯޅަ މުބާރާތުގެ ފޮޓޯތައް ނެގީ ވެސް މީޑިއާ ކުލަބުގެ ދަރިވަރުންނެވެ.


ނަސީމް ވިދާޅުވީ، ފޮޓޯ ނެގުމުގެ އިތުރުން ފޮޓޯތައް އެޑިޓްކުރުމާއި ސްޕޮޓްވެއަރ ބޭނުން ކުރާނެ ގޮތުގެ އިރުޝާދުވެސް ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
"ފޮޓޯ ނެގުމުގައި ކުދިން ހަދާ މިސްޓޭކްތައް ވެސް ބަލައި، ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދަން" ނަސީމް ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ، ސްކޫލުން ހިންގާ މުހިންމު ހަރަކާތްތަކުގެ ފޮޓޯ ދަރިވަރުން ނަގަން ފެށުމުން ދަރިވަރުންނަށް ހުނަރުތަކެއް ދަސްވުމާއެކު އެ ސްކޫލުން ކުރަމުން އައި ޚަރަދުތަކެއް ވެސް ސަލާމަތްވެއްޖެ ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން މިޖެހެނީ ކޮންމެ އިވެންޓަކަށް 1000 ރުފިޔާ ނޫނީ އެއަށްވުރެ ބޮޑު އަގެއް ދީގެން މީހަކު ގެންނަން. އެ ހުރިހާ ޚަރަދެއް ސަލާމަތްވެ، ދަރިވަރުންގެ އުފެއްދުންތެރިކަން ވެސް އިތުރުކުރެވިއްޖެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *