މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ހަރުދަނާ ރަނގަޅު ގުޅުމުން ދަރިވަރުގެ ނަތީޖާއަށް ހެޔޮ ބަދަލެއް ގެނައުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާކަމަށް އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވެއްޖެއެވެ.
އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ރިންޒީ ވިދާޅުވީ، ޢިލްމީ ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި، ދަރިވަރުން އެ މުދައްރިސް ބަލައިގަންނަ ނަމަ އެ މުދައްރިސްގެ ފިލާވަޅުތަކަށް ދަރިވަރުން ސަމާލުކަންދޭވަރު އިތުރުވާ ކަމަށެވެ.
"ދަރިވަރާއި މުދައްރިސާ ދެމެދު ހަރުދަނާ ގުޅުމެއް ޤާއިމްކުރެވިފަ ވާނަމަ، އެ މުދައްރިސެއްގެ ގަޑިއަށް ކުދިން އިންތިޒާރުވެސް ކުރޭ. އެކަން، ދަރިވަރު ގަވައިދުން ސްކޫލަށް އައުމަށް އެޅޭ ބާރަކަށްވެސްވޭ. ގިނަ ފަހަރަށް އެކަން ބިނާވަނީ މުދައްރިސް ކިޔަވައިދެއްވާ ގޮތަށް. ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ބޭނުންކުރައްވާ އުކުޅުތަކަށް. ދަރިވަރުން ގަޔާވާނެ ގޮތްތައް ފިލާވަޅުގައި ހިމަނާ މިންވަރަށް" ރިންޒީ ވިދާޅުވިއެވެ.
ރިންޒީ، ހުރިހާ މުދައްރިސުންނަށް އިލްތިމާސް ކުރެއްވީ، ދަރިވަރުން ޝައުޤުވެރިވާނޭ ގޮތްތައް ބަލައިގެން، އެ ގޮތްގޮތަށް ފިލާވަޅުތައް ރޭއްވެވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށެވެ.

ތިޔަ މުދައްރިސުން ކުރައްވަނީ ބުރަ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި، ރިންޒީ ވިދާޅުވީ، ހަމަ ޔަގީނުންވެސް 32 ކުދިންނަށް ފަހުމްވާގޮތަށް ފިލާވަލެއްތައްޔާރުކޮށް ކިޔަވާދިނުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ.
"އަޅުގަޑު ތިޔަބޭފުޅުންނާ މެދު ފަހުރުވެރިވަން. އަޅުގަޑު ދަންނަވާލަން ބޭނުންވަނީ ދީނީ އަދި ދުނިޔެވީ ނަޒަރަކުން ވިސްނާލިޔަސް ޤަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ މުދައްރިސުންގެ މަސައްކަތުގެ މާތްކަމާ މަތިވެރިކަން. މުދައްރިސުންނަކީ ދުނިޔެއާ އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް. ކިޔަވައިދިނުމަކީ ކިހާ މަތިވެރި އަޅުކަމެއްކަން. ތިޔަބޭފުޅުން އަމިއްލަ ނަފުސަށް ފަހުރުވެރިވާންޖެހޭ. އެހެނީ ތިޔަބޭފުޅުން ތި ކުރަށްވަނީ މާތް މަސައްކަތެއް" މުދައްރިސުންނަށް ތައުރީފު ކުރައްވައި ރިންޒީ ވިދާޅުވިއެވެ.
ޤުދުރަތީ ނިޒާމުން ލިބޭ ފިލާވަޅުތަކާ އިންސާނީ ޙަޤީޤަތްތަކާ ވަނީ ގުޅި ލާމެހިފައި ކަމަށާއި އެ ފަދަ ކަންކަމާމެދު ވިސްނާ ފިކުރު ކުރުން މުހިއްމުކަމަށް ޕްރިންސިޕަލް ރިންޒީ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ. އަދި އެފަދަ ދެތިން ކަމެއް ފާހަގަވެސް ކޮށްދެއްވިއެވެ.
އިންޒީ ވިދާޅުވީ، މުތެއް އުފެދެނީ އިތާގެ ހަށިގަނޑުގެތެރެއަށް ވަންނަ ކުޑަކުޑަ ވެލިފުކެއްގެކިބައިން ސަލާމަތްވުމަށް އެ ސޫފި ކުރާ މަސައްކަތުގެތެރެއިން ކަމަށާއި ގިނަ ދުވަސްތަކެއްގެ މަސައްކަތާއި ގޮންޖެހުންތަކާއި ކެތްތެރިކަން މި މަރުހަލާތަކުގައި ތަޖުރިބާކުރަންޖެހޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރީތި އަގުހުރި މުތެއް ވުޖޫދުވާ ކަމަށާއި ހަމަ އެފަދައިން ދަރިވަރުންނަށް ވެސް އުނދަގޫތައް ތަހަންމަލްކުރަންޖެހިދާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށްދިޔުމަށް ހުރަސްތައް ކުރިމަތިވެ މާޔޫސްވާފަހަރު އައުމަކީ ވެދާނެ ކަންކަން. ނަމަވެސް އެ ކަންކަމަށް ކެތްތެރިވެ ހިތްވަރާއެކު ކުރިއަށް ދިއުމުން ކާމިޔާބީގެ ފޮނިކަން ޙާޞިލްކުރެވޭނެ. ކެތްތެރިކަމާއެކު ކުރާ މަސައްކަތުން ކާމިޔާބީގެ ދޮރުތައް ހުޅުވޭނެކަން ހަނދާން ބަހައްޓަންވާނެ" ރިންޒީ ވިދާޅުވިއެވެ.
ބޭރުން ބަލާލުމަކުން އޭގެ ބަނޑުގައިވާ އަގުބޮޑު ރީތި މުތީއެއް އަހަރެމެންނަކަށް ނުފެންނަ ކަމަށާއި އެއީ، އޭގެ ރީތިކަން މާ އެތެރޭގައި ރައްކާކުރެވިފައި ވާތީކަމަށް ރިންޒީ ދަރިވަރުންނަށް ވިދާޅުވިއެވެ.
"ހަމަ އެ ގޮތަށް އިންސާނެއްގެ ރީތިކަމަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫން. ހަގީގީ ރީތިކަމަކީ މީހާގެ ނަފުސުގެ ރީތިކަން. ކުރާ ޢަމަލުތަކުގެ ހެޔޮކަމާއި އަޚުލާޤުގެ ރީތިކަން. ހިތްހެޔޮކަމާއި އޯގާތެރިކަން. ބޮޑާކަމާ ކިބުރުވެރިކަމަކީ އިންސާނާ ހަލާކުގެތެރެއަށް ވައްޓާލާނެ ސަބަބެއްކަން ދަންނަންވާނެ" ނަފުސުގެ ޒީނަތްތެރިކަމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް ދަރިވަރުންނަށް ހަނދާންކޮށްދެމުން ރިންޒީ ވިދާޅުވިއެވެ.
"ނުހަނު ރީތި ކުލަތަކުން ޒީނަތްތެރިވެފަވާ މުތަކީ އެންމެ ރެޔަކުން އުފެދޭ އެއްޗެއް ނޫން. މުތެއްގެ ފަށަލަތައް އުފެދި ތަރައްޤީވަމުންދަނީ ލަސްލަހުން. ގިނަދުވަހުން. މި މޭރުމުން ވިސްނާއިރު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކުދިކުދި މަސައްކަތްތަކުން. ޢިލްމާއި ހުނަރު ތަރައްޤީކޮށް ކާމިޔާބީގެ ކުންނަށް ވާޞިލްވުމަށް ވަގުތުނަގާފާނެ. މުހިއްމީ އުއްމީދު ކަނޑާނުލުން. ނުގުޑާފަދަ ޢަޒުމެއްގައި ކެތްތެރިކަމާއެކު މަސައްކަތުގަ ދެމިހުރުން"

ބެލެނިވެރިންނާއި ސްކޫލުން ދަތުރު ކުރަނީ އެއް މިސްރާބަކަށް ކަމަށާއި ސްކޫލުން ކުރާ މަސައްކަތުގެ އެއްކޮޅުގައި ތިއްބެވި ބެލެނިވެރިން ކުރައްވާ މަސައްކަތްޕުޅު ޝުކުރުވެރި ހިތަކުން ފާހަގަކޮށް އިޙްތިރާމާއެކު ރިންޒީ ވަނީ ޝުކުރުދަންނަވާފައެވެ.
އާދަޔާ ޚިލާފު ޒަމާނެއްގައި، ބެލެނިވެރިން ވިސްނާލުން މުހިއްމު ކަމެއް ރިންޒީ ފާހަގަކުރެއްވީ، ދަރިން ކިތަންމެ މަތީ ފާހެއް ނެގިކަމުގައިޔަސް، ކިތަންމެ ބޮޑުވިޔަސް. ދަރިންވާނީ ދަރިންނަށް ކަމަށެވެ. ދަރިންގެ މައްޗަށް ބަސްކިޔޭ ބަޔަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށާއި އެކަމަކު ބައެއްފަހަރު ދަރިފުޅު ބެލެނިވެރިޔާގެ މައްޗަށް ބަސްކިޔާ ފާހަގަކުރެވޭ ކަމަށެވެ. ކަމެއްގައި ދަރިފުޅު ނިންމާ ގޮތް އެއީ ނުރަނގަޅު ނިންމުމެއްކަން އެނގޭ ހާލުގައި ވެސް ބެލެނިވެރިޔާއަށް ދަރިފުޅުގެ މައްޗަށް ބަހެއް ބުނުއްވަން ކެރިނުލައްވާކަން ރިންޒީ ވިދާޅުވިއެވެ.
"މިއީ ވަރަށް ހިތާމަވެރި ހާލަތެއް. ދަރިފުޅު މަގުން ކަސިޔާރުވާ ނަމަ ހެޔޮ ގޮތް ބުނެދެއްވޭ ފަރާތަކަށް ބެލެނިވެރިޔާ ވެލައްވަންވާނެ. ދަރިން ކުރާ ނުވަތަ ކުރަން ބޭނުންވާ ކަންކަމަށް ނޫނެކޭ ބުނުއްވަން ޖެހިއްޖެ ހާލަތެއްގައި ނޫނެކޭ ބުނުއްވަންވާނެ. އެހެން ނޫނީ ނުހަނު ހިތްދަތި ކަންކަމާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް. ވީމާ މިފަދަ ކަންކަމަށް ވިސްނަވާލެއްވުމަށް މި ފުރުސަތުގަ އަޅުގަނޑު އެންމެހާ ބެލެނިވެރިންނަށް ގޮވާލަން"
advertisment
ހިޔާލު