ކީ ސްޓޭޖް 1ގެ ދަރިވަރުންނަށް ދިވެއްސާއި އިސްލާމާއި ހިސާބު ކިޔަވައިދޭ ވަގުތު އަންނަ އަހަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ތައުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ރޭ އެމަނިކުފާނު ވިދާޅުވީ، 2015 ވަނަ އަހަރު އައު މަންހަޖަށް ކިޔަވައިދޭން ފެށިފަހުން މިއަދާ ހަމައަށް އައިއިރު އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންވެ ކަރިކިއުލަމުގެ ކޮންޓެންޓް ތަރުތީބުވެފައިވާ ގޮތް އަލުން ބަލައި، ކޮންޓެންޓް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައު ކަރިކިއުލަމުގައި ކިޔަވަން ފެށިކުދިން ގުރޭޑް 10 ނިންމީ 2025-2026 ވަނަ އަހަރުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި ލިބުނު ނަތީޖާތަކުގެ މައްޗަށް ބަލައި ރިވިޝަންތަކެއް ހަދަމުންދާކަން ވަޒީރު، ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރަށްވުރެ ގިނަ ވަގުތު ދިވެހި މާއްދާއާއި އިސްލާމް މާއްދާއާއި ހިސާބު މާއްދާ ކިޔަވަން، އަދި އެކިއެކި ބަސްތައް ދަސްކުރާ މިންވަރަށް ވެސް ވަގުތު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަންނަ އަހަރު ކީ ސްޓޭޖް 1އެކަކަށް މި ބަދަލު ގެނެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު މި ކުރަނީ" ޑރ. އިސްމާއިލް ރޭ ވިދާޅުވިއެވެ.
advertisment
ހިޔާލު