ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންނަށް މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބެލެނިވެރިންގެ ކިބައިން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އެދިވަޑައިގެންފިއެވެ.
ކުއްޖައަށް އެހީތެރިކަން ދޭންބޭނުންވެގެން ބެލެނިވެރިޔާއަށް ގޮވާލެވޭ ފަހަރުގައި، އެހީތެރިކަން ދޭން ޖެހޭ ބެލެނިވަރިޔައަށް ގިނަ ފަހަރު ނާދެވޭ ކަމަށާއި އެހެން ނުހެއްދެވުމަށް ވަޒީރު ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
"އަތުން ބީވެގެންދާ ކޮންމެ ކުއްޖަކީ ޤައުމަށް ލިބިގެންދާ ގެއްލުމެއް. އަތުން ބީގެންދާ ކޮންމެ ކުއްޖަކާމެދު އެންމެން ހިތާމަކުރަންޖެހޭނެ" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ޚަބަރުފަތުރާ ވަޞީލަތްތަކާއި އިންޓަރނެޓްގެ ޒަރީއާއިން ފަތުރާލާ މައުލޫމާތުތަކަކީ އެއީ އަންނަން އޮތް ޖީލުގެ ވިސްނުމާ ފިކުރާއި ޚިޔާލު ބައްޓަންކުރާނެ ވަޞީލަތަކަށްވާނެތީ އެކަމަށް ސަމާލުވުމަށް ވެސް ބެލެނިވެރިންނަށް ތައުލީމާ ބެހޭ ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުމެން ކުދިން ތަރުބިއްޔަތުކުރުމުގައި، އަޅާލުމުގައި، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މާބޮޑަށް ހުށިޔާރު ވާންޖެހޭ ކަމަށް ދެކެން. ބެލެނިވެރިންގެ ދައުރު މިކަމުގައި މާ ބޮޑު" ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ވަޒީރު ދެން ފާހަގަކުރެއްވީ ގޭތެރެއިން ކުއްޖާއަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމެވެ.
"އަޅުގަނޑުމެން ޤަބޫލުކުރާ ބުނާ ބަހެއް މީ. މަންމަގެ އުނގަކީ ފުރަތަމަ މަދަރުސާއޭ. މާނައަކީ އެއީއޭ ފުރަތަމަ މަދަރުސާއަކީ. އެ ގޭގެތެރެއިން ކުއްޖާ ދަސްކުރާނެ އެހެން މީހުންނަށް އިހުތިރާމްކުރަން. ކަންތައްތަކަށް ކެތްކުރަން. އެ ގޭގެތެރެއިން ކުއްޖާ ދަސްކުރާނީ އެހެން މީހުންނަށް އިހުތިރާމް ކުރުމާއެކުގައި ތިމަންނަ ވެސް ދިރިއުޅެންޖެހޭކަން. ހަޤީޤަތުގައި ވެސް ގޭތެރެއިން ދޭންޖެހޭ އެހީތެރިކަން ބޮޑުވާން އެބަޖެހޭ"
ޑރ. އިސްމާއިލް ވިދާޅުވީ، ތައުލީމާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާނީ، ބެލެނިވެރިންނަށް ބޭނުންވެއްޖެ ހިނދެއްގައި ސްކޫލު މަދަރުސާތަކުގެ ތެރޭގައި ތިއްބެވި ސަޕޯޓް ސްޓާފުން މެދުވެރިކޮށް އެހީތެރިކަން ދޭން ކަމަށާއި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މެކޭނިޒަމް މިހާރަށްވުރެ މާ ބޮޑަށް ފުޅާކުރަން ޖެހޭ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، މުދައްރިސުން ނުނިދައި ތިބެގެން، ވަރުވަލިވާވާރަށް މަސައްކަތް ކުރި ނަމަވެސް މުދައްރިސުން ކުރާ އެ މަސައްކަތަށް ތިޔަބޭފުޅުންގެ އެއްބާރުލުން ނުދެވިއްޖެކަމަށް ވަނީމާ އެއިން ނުކުންނާނެ ނަތީޖާއެއް ނެތް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ދުނިޔެ ދަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަން ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންނާއި އެންމެން ވެސް ވިސްނަން އެބަޖެހޭ ކަމަށެވެ. ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ސްކޫލަށް މަދަރުސާއަކަށް މައުލޫމާތެއް ހޯދަން ދިއުން އެއީ މާބޮޑު ކަމަކަށް ނުވެދާނެ ކަމަށާއި ގެގައި ތިބެގެން، ގޭގެ ސިޓިންގރޫމުގައި ހުންނަ ކޮމްޕިއުޓަރެއް ނުވަތަ އެފަދަ ޑިވައިސްއެއް ބޭނުންކޮށްގެން މައުލޫމާތު ލިބިދާނެ ކަމަށެވެ.
"ތައުލީމީ މާހިރުން އެބަބުނޭ. މައުލޫމާތު ހޯދުމުގެ ބޭނުމުގައި ސްކޫލަށް ދިއުމަކީ އެކަށީގެންވާ ކަމެކޭ. އެކަމަކު އޭގެ މާނައެއް ނޫން ސްކޫލެއްގެ ބޭނުން ނެތިގެން ދާނެއެކޭ." ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ދަރިވަރުންނަށް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، ކޮންމެ ކުއްޖަކީ ކާމިޔާބު ކުއްޖަކަށް ވާން ބޭނުންވާނަމަ، އެހެން މީހުންނަށް އިހުތިރާމްކޮށް، ތެދުވެރި، މީހުންނަށް އަޅާލައި ކުއްޖަކަށް ވާންވާނެ ކަމަށެވެ. އެހެން މީހުންނާ ދޭތެރޭ ވިސްނާ ކުއްޖަކަށް ވާންވާނެ ކަމަށެވެ.
މީގެ މިސާލެއްގެ ގޮތުން ވަޒީރު ނެންގެވީ ފަލަސްތީނުގެ ކުދިން އުޅެމުންދާ ނިކަމެތިހާލެވެ.
"އެކުދިންނާ ދޭތެރޭ ކުރާ ކަންތައްތައް އަޅުގަނޑުމެންގެ ކުދިން އިހުސާސްކުރަންވާނެ. އެއީ ކުރަންޖެހޭ ކަމެއް. އެއީ ދީނީކަމަކަށް ވެގެންނޫން. ކޮންމެ ޤައުމެއްގައި ވެސް ކޮންމެ ތަނެއްގައި ވެސް އަނިޔާވެރިކަމެއް އަށާގެންފިކަމުގައިވާނަމަ އަޅުގަނޑުމެންގެ ހިތުގައި އެ ޝުއޫރު، ކަނޑައަޅަން ވާނެ އެކަމަށް ދެކޮޅުހަދަންވާނެ. އިންސާނިއްޔަތުކަން ގެއްލިއްޖެކަމަށް ވާނަމަ އުނގެނުމުގެ މުޅި ބޭނުން ކެނޑިގެން ހިނގައިދާނެ" ވަޒީރު ވިދާޅުވިއެވެ.
advertisment
ހިޔާލު