ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީއިން ށ. ފޯކައިދޫ ސްކޫލަށް ކޮމްޕިއުޓަރ ލެބެއް ހަދިޔާކޮށްފިއެވެ.
ބަރަކާ ޗެރިޓީން ފޯކައިދޫ ސްކޫލުގައި ޤާއިމްކުރި ކޮމްޕިއުޓަރ ލެބު ހުޅުވައިދެއްވީ ސްވިސް ބަރަކާ ޗެރިޓީގެ ސީއީއޯއެވެ.
ފޯކައިދޫ ސްކޫލުގައި އަލަށް ޤާއިމް ކުރި 12 ކޮމްޕިއުޓަރުގެ ކޮމްޕިއުޓަރު ހިމެނޭ ލެބުގެ ބޭނުން މައިގަނޑު ގޮތެއްގައި ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންނަށެވެ. އޭގެ އިތުރުން ބީޓެކްގައި ކިޔަވާ ދަރިވަރުންގެ އެސައިންމަންޓްތަކަށާއި އެހެން ގުރޭޑްތަކުގެ ކުދިންނަށް ބޭސިކް ކޮމްޕިއުޓަރު ކިޔަވައިދޭން ބޭނުން ކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

485 ދަރިވަރުން ކިޔަވަމުންދާ ފޯކައިދޫ ސްކޫލަށް ކޮމްޕިއުޓަރު ލެބެއް ލިބުމަކީ އެ ސްކޫލުގެ ކޮމްޕިއުޓަރ ސައިންސް ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމަށް ލިބުނު ވަރަށް ބޮޑު އެހީއެއްގެ ގޮތުގައި އެ ސްކޫލުން ފާހަގަކުރެއެވެ.

"ކުރިން ބޭނުން ކުރަމުންއައި ކޮމްޕިއުޓަރު ލެބުގެ ހާލަތު ދަށްވަމުން ގޮސްގޮސް، މަރާމާތު ކޮށްގެން ވެސް ބޭނުން ކުރެވޭ ހާލަތުގައި ހުރީ އެންމެ ތިން ކޮމްޕިއުޓަރު. ޒަމާނީ ކޮމްޕިއުޓަރު ލެބެއް ލިބުމަކީ ދަރިވަރުންގެ ކިޔެވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ކުރިއަށް އަޅުނު މުހިންމު ފިޔަވަޅެއް" ބަރަކާ ޗެރިޓީގެ އިސްނެގުމަށް އެފަދަ ބޮޑު މަސައްކަތެއް ފޯކައިދޫ ސްކޫލުގައި ޤާއިމްކޮށްދިން ކަމަށްޓަކައި ޕްރިންސިޕަލް މުޙައްމަދު ޝަމީމް ވަނީ އެ ޗެރިޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

ބަރަކާ ޗެރިޓީން އަންނަނީ ރާއްޖޭގެ ސްކޫލުތަކުގައި މުހިންމު ވަޞީލަތްތައް ޤާއިމްކޮށްދޭން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިންމަފުށީ ސްކޫލުގެ އަށް ކުލާސް ރޫމަށް ބޭނުންވާ ފަރުނީޗަރުވެސް އެ ބަރަކާ ޗެރިޓީން ވަނީ މިދިޔަ އަހަރު ހަދިޔާކޮށްފައެވެ.
advertisment
ހިޔާލު