ޢަބުދުﷲ ނަޞީޙު
ކާމިޔާބު ކްލާސްރޫމަކީ ހަމައެކަނި ކިޔަވައިދިނުމާއި އުނގެނުމުގެ އަމަލީ މަސައްކަތް ހިނގާ ފިޒިކަލް ބިނާއެއް ނޫނެވެ. އެއީ ދަރިވަރުންނަށް ރައްކާތެރިކަމާއި، ގަދަރާއި، އިހުތިރާމް ލިބި، ގޮންޖެހުންތަކާ ކުރިމަތިލައި، އެކުދިންގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވުމަށް ހިތްވަރު ލިބޭފަދަ ދިރުންހުރި މާހައުލެކެވެ. ފެންވަރު ރަނގަޅު ކްލާސްރޫމްތަކަކީ އަމިއްލައަށް އުފެދޭ ތަންތަނެއް ނޫނެވެ. އެއީ މުދައްރިސުންގެ ހަރުދަނާ އުސޫލުތަކާއި އިރުޝާދުގެ ދަށުން، ވަރަށް ބޮޑަށް ރޭވިގެން ބިނާކުރެވޭ ތަންތަނެވެ. ކޮންމެ ކާމިޔާބު ކްލާސްރޫމެއްގެ އަސާސަކީ "6 ޕީ" އެވެ. އެއީ: މަގްސަދު (Purpose)، ރޭވުންތެރިކަން (Planning)، ތައްޔާރުވުން (Preparation)، ބައިވެރިވުން (Participation)، ދުވެލި (Pacing)، އަދި ކުރިއެރުން ވަޒަންކުރުން (Progress Monitoring) އެވެ. މި ހަ އުސޫލު ގުޅިގެން، މާނަވީ އުނގެނުމަކަށް ބޭނުންވާ ބިންގާ އެޅި، ދަރިވަރުންގެ ނަތީޖާ ރަނގަޅުވެ، ހަރުދަނާ ސަގާފަތެއް ކްލާސްރޫމުގައި އުފެދިގެންދެއެވެ.
މިއަދުގެ ހަލުވިކަމާއެކު ބަދަލުވަމުންދާ ތައުލީމީ ނިޒާމުގައި، މުދައްރިސުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މާއްދާގެ މައުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދަރިވަރުންގެ ކިބައިގައި ފާޑުކިޔުމާއެކު ވިސްނުމުގެ ހުނަރާއި، ގުޅިގެން މަސައްކަތްކުރުމާއި، އުފެއްދުންތެރިކަމާއި، މުއާމަލާތްކުރުމުގެ ހުނަރުގެ އިތުރުން މުޅި އުމުރަށް އުނގެނުމުގެ ޝައުގުވެރިކަން އުފެއްދުމަކީ މުދައްރިސުންގެ ޒިންމާއެކެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ދަރިވަރުންގެ ބޭނުންތަކަށް ރިއާޔަތްކުރާ، ހުރިހާ ކުދިން ޝާމިލުވާ، އަދި ތަރުތީބު ކުރެވިފައިވާ އުނގަންނައިދިނުމުގެ މާހައުލެއް ބިނާކުރަންޖެހެއެވެ. "6 ޕީ" އަކީ ފިލާވަޅުތައް ފަރުމާކުރުމުގައާއި، ދަރިވަރުންގެ ޝައުގުވެރިކަން ދެމެހެއްޓުމުގައި އަދި އުނގެނުމުގެ ނަތީޖާ އިތުރަށް ފުރިހަމަކުރުމުގައި މުދައްރިސުންނަށް ބޭނުންކުރެވޭނެ އަމަލީ އޮނިގަނޑެކެވެ.
މަގްސަދު (Purpose): މާނައާއި މިސްރާބު ކަނޑައެޅުން
ކޮންމެ ކާމިޔާބު ފިލާވަޅެއް ފެށެނީ ސާފު މަގްސަދަކާ އެކުގައެވެ. މަގްސަދަކީ ދަރިވަރުންގެ ހިތުގައި އުފެދޭ އެންމެ މުހިންމު އެއް ސުވާލު ކަމަށްވާ "މި ކިޔަވަނީ ކީއްވެ؟" މިއަށް ލިބޭ ޖަވާބެވެ. އުނގެނުމުގެ މަގްސަދުތައް ދަރިވަރުންނަށް ފަހުމްވުމުން، އެކުދިން އުނގެނުމަށް ދޭ ސަމާލުކަމާއި ޝައުގުވެރިކަން އިތުރުވެގެންދެއެވެ.
މަގްސަދުގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށްވެސް ދާންވީ މިސްރާބު އެނގިގެންދެއެވެ. މީގެ ސަބަބުން ކްލާސްރޫމުގައި ކުރިއަށްދާ ހަރަކާތްތަކާއި، މަޝްވަރާތަކާއި، ވަޒަންކުރުންތައް ވަކި ލަނޑުދަނޑިތަކަކަށް އަމާޒުކުރެވެއެވެ. ސާފު މަގްސަދެއް ނެތް ފިލާވަޅެއްގެ ސަބަބުން ދަރިވަރުން އޮޅުންބޮޅުންވެ، އުނގެނުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެއެވެ.
ހަރުދަނާ މުދައްރިސުން ކޮންމެ ފިލާވަޅެއްގެ ކުރީކޮޅު ފިލާވަޅުގެ މަގްސަދު ބަޔާންކޮށްދީ، ފިލާވަޅުގެ އެކި މަރުހަލާތަކުގައި އެކަން ހަނދާންކޮށްދެއެވެ. އަދި ދަސްކުރާ އެއްޗަކާއި ކުރިން އެނގިފައިވާ މައުލޫމާތާއި، މުސްތަގުބަލުގައި އުނގެނޭނެ ކަންކަމާއި، އަމަލީ ދިރިއުޅުމާ ހުރި ގުޅުން ދަރިވަރުންނަށް ބުނެދެއެވެ. މިފަދަ ސާފު މަގްސަދެއް އޮތުމުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އުނގެނުމުގެ ޒިންމާ އަމިއްލައަށް އުފުލަން ފަށައެވެ.
ރޭވުންތެރިކަން (Planning): ކާމިޔާބީއަށްޓަކައި އުނގެނުން ފަރުމާކުރުން
ރޭވުންތެރިކަމަކީ ކާމިޔާބު ކިޔަވައިދިނުމުގެ ބިންގަލެވެ. ބިނާއެއް އެޅުމުގެ ކުރިން އާކިޓެކްޓުން ކުރެހުންތައް ތައްޔާރުކުރާ ފަދައިން، މުދައްރިސުންވެސް ކްލާހަށް ވަނުމުގެ ކުރިން އުނގެނުމުގެ ތަޖުރިބާތައް ފަރުމާކުރަންޖެހެއެވެ. ފުރިހަމަ ރޭވުމެއްގެ ސަބަބުން ފިލާވަޅުތައް ތަރުތީބުވެ، މުގައްރަރާއި އުނގެނުމުގެ މަގްސަދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ.
ހަރުދަނާ ރޭވުމެއްގައި، ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ކަނޑައެޅުމާއި، އެންމެ އެކަށީގެންވާ އުނގަންނައިދިނުމުގެ އުސޫލުތައް އިޚްތިޔާރުކުރުމާއި، ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހަރަކާތްތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ތަފާތު ގާބިލިއްޔަތާއި، ޝައުގުވެރިކަމާއި، އުނގެނުމުގެ ވައްޓަފާޅިއަށް ރިއާޔަތްކުރަންޖެހެއެވެ.
ރަނގަޅަށް ރޭވިފައިވާ ފިލާވަޅެއްގެ ސަބަބުން، އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވާއިރު ވަގުތު ބޭކާރުވުން ކުޑަވެ، ކްލާސްރޫމްގެ އަމާންކަން ދެމެހެއްޓެއެވެ. އަދި ޓެކްނޮލޮޖީއާއި، ގުޅިގެން ކުރާ މަސައްކަތްތަކާއި، އަމަލީ ހަރަކާތްތައް ފިލާވަޅުގެ ތެރެއަށް ވައްދައި، ދަރިވަރުންގެ ފުން ވިސްނުން ތަރައްގީކުރުމަށް ފުރުސަތު ލިބެއެވެ.
ތައްޔާރުވުން (Preparation): އުނގެނުމަށް ތައްޔާރުވެފައި އޮތުން
ރޭވުންތެރިކަން ފިލާވަޅު ފަރުމާކުރުމަށް އަމާޒުވާއިރު، ތައްޔާރުވުން އަމާޒުވަނީ އެ ރޭވުން އަމަލީގޮތުން ތަންފީޒުކުރުމަށެވެ. މީގެ ތެރޭގައި ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، ތަކެތި ތަރުތީބުކުރުމާއި، އުނގެނުމުގެ މާހައުލު ތައްޔާރުކުރުމާއި، ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ދުރާލައި ވިސްނުން ހިމެނެއެވެ.
ފުރިހަމައަށް ތައްޔާރުވެގެން ހުންނަ މުދައްރިސަކު ކްލާހަށް ވަންނާނީ އިތުބާރާއެކުގައެވެ. ކިޔަވައިދޭން ބޭނުންވާ ތަކެއްޗާއި، ޓެކްނޮލޮޖީއާއި، ވަޒަންކުރުމަށް ބޭނުންވާ ވަސީލަތްތައް ހުންނާނީ ތައްޔާރަށެވެ. މިކަމުގެ ސަބަބުން ފިލާވަޅު މެދުކެނޑުމެއްނެތި އޮމާންކަމާއެކު ކުރިއަށްދާނެއެވެ.
މުދައްރިސަކު ތައްޔާރުވެފައި ހުރުމަކީ ކްލާސް މެނޭޖްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. ފިލާވަޅަކީ ރޭވިގެން ކުރިއަށްދާ ކަމެއްކަން ދަރިވަރުންނަށް އިހުސާސްވުމުން، އެކުދިންގެ އަޚްލާގީ މައްސަލަތައް މަދުވެ، ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވެއެވެ. މީގެ އިތުރުން، މިއީ މުދައްރިސު އަމިއްލަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސްމެއެވެ.
ބައިވެރިވުން (Participation): ދަރިވަރުން ހަރަކާތްތެރިކުރުވުން
އުނގެނުމަކީ ހަމައެކަނި އަޑުއަހައިގެން ހުންނަ ހުރުމެއް ނޫނެވެ؛ އެއީ ދަރިވަރުން އަމަލީގޮތުން ކުރާ ކަމެކެވެ. އެހެންކަމުން، ބައިވެރިވުމަކީ ކާމިޔާބު އުނގަންނައިދިނުމުގެ އެންމެ މުހިންމު އެއް ބަހާއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދަރިވަރުން އެންމެ ފުރިހަމައަށް އުނގެނެނީ އެކުދިން އަމަލީގޮތުން ބައިވެރިވާ މާހައުލެއްގައެވެ.
އަމަލީގޮތުން ބައިވެރިވުމުގެ ސަބަބުން ދަރިވަރުން ސުވާލުކުރުމަށާއި، ޚިޔާލު ބަދަލުކުރުމަށާއި، މައްސަލަ ހައްލުކުރުމަށް އަދި އެކުދިންނަށް ލިބޭ އިލްމު އަމަލީ ދާއިރާގައި ބޭނުންކުރުމަށް ފުރުސަތު ލިބެއެވެ. މީގެ ސަބަބުން ކްލާސްރޫމަކީ ހަމައެކަނި މުދައްރިސު މައުލޫމާތުދޭ ތަނެއްގެ ބަދަލުގައި، ދަރިވަރުން އިސްވެ އުނގެނޭ މަރުކަޒަކަށް ބަދަލުވެގެންދެއެވެ.
ގްރޫޕް މަޝްވަރާތަކާއި، ބަހުސްތަކާއި، ޕްރޮޖެކްޓްތައް ފަދަ ތަފާތު ހަރަކާތްތަކުގެ އެހީގައި ހުރިހާ ދަރިވަރުން ބައިވެރިވުން އިތުރުކުރުމުގެ ސަބަބުން 21 ވަނަ ގަރުނުގެ މުހިންމު ހުނަރުތައް ކަމަށްވާ މުއާމަލާތްކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އުފެއްދުންތެރިކަން އަދި ފާޑުކިޔުމާއެކު ވިސްނުމުގެ ހުނަރު ވަރުގަދަވެގެންދެއެވެ. އަމަލީގޮތުން ބައިވެރިވާ ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އިޖުތިމާއީ ހުނަރުތައް ރަނގަޅުވެ، ތައުލީމީ ނަތީޖާ އުޖާލާވެއެވެ.
ހުރިހާ ކުދިން ޝާމިލުވާ ކްލާސްރޫމެއްގައި، ބައިވެރިވުމަކީ ތަފާތު ގޮތްގޮތަށް ކުރެވޭނެ ކަމެއްކަން ބަލައިގަނެވެއެވެ. ބައެއް ދަރިވަރުން އަނގަބަހުން ކުރާ މަޝްވަރާތަކުގައި ބައިވެރިވާއިރު، އަނެއްބައި ދަރިވަރުން ލިޔުމުން ނުވަތަ ކުރެހުމުން ނުވަތަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އެކުދިންގެ ބައިވެރިވުން ދައްކުވައިދެއެވެ. ހަރުދަނާ މުދައްރިސުން ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކަށް ފަސޭހަ ގޮތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
ދުވެލި (Pacing): އުނގެނުމުގެ ރިދަމް ހިފެހެއްޓުން
ދުވެއްޔަކީ ކިޔަވައިދިނުމަށް ލިބޭ ވަގުތު މެނޭޖްކުރުމާއި، އުނގެނުމުގެ ހަރަކާތްތައް ކުރިއަށްދާ ހަލުވިމިނެވެ. ރަނގަޅު ދުވެއްޔެއްގައި ފިލާވަޅު ކުރިއަށްގެންދިއުމުން، ދަރިވަރުން ފޫހިވިޔަނުދީ، އުނގެނޭ ކަންކަމާ މެދު ވިސްނާ ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ލިބިގެންދެއެވެ.
މުދައްރިސުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަފާތު ފެންވަރުގެ ކުދިންގެ ބޭނުންތަކާ އެއްވަރަށް ފިލާވަޅު ކުރިއަށް ގެންދިއުމެވެ. ފިލާވަޅު މާ ހަލުވިކޮށް ކުރިއަށްދާނަމަ، ބައެއް ދަރިވަރުންނަށް އެ ފަހުމްނުވެ، އުނގެނުމާ ދުރަށް ދެއެވެ. އަދި މާ ލަސްކޮށް ކުރިއަށްދާނަމަ، މޮޅު ދަރިވަރުންގެ ޝައުގުވެރިކަން ގެއްލި ފޫހިވެއެވެ. އެހެންކަމުން، ހުރިހާ ދަރިވަރުންނަށް ފައިދާވާނެ ފަދަ މެދު މިންގަނޑެއްގެ ދުވެއްޔެއް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.
ރަނގަޅު ދުވެއްޔެއް ހިފެހެއްޓުމަށްޓަކައި، ދަރިވަރުންނަށް މައުލޫމާތު ފަހުމްވާ މިންވަރު މުދައްރިސު މެދުނުކެނޑި ބަލަންޖެހެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި ފިލާވަޅު މަޑުޖައްސާލައި، އިތުރު ތަފްސީލާއި ފަރިތަކުރުންތައް ދިނުމަކީ ހަރުދަނާ މުދައްރިސުންގެ ސިފައެކެވެ. މާނަވީ އުނގެނުމެއް ހާސިލުވާނީ، ހަމައެކަނި ފޮތުގައި ހުރި އެއްޗެއް ކިޔަވައި ނިންމާލުމުގެ ބަދަލުގައި، ކޮންސެޕްޓްތައް ފުންކޮށް ދަސްކުރުމަށް ވަގުތު ދިނުމުންނެވެ.
ކުރިއޭރުން ވަޒަންކުރުން (Progress Monitoring): މެދުނުކެނޑި އިސްލާހުކުރުމަށް މަގުދެއްކުން
ކުރިއޭރުން ވަޒަންކުރުމަކީ ދަރިވަރުން އުނގެނޭ މިންވަރު ބަލައި، ފީޑްބެކް ދީ، އެ މައުލޫމާތުގެ އަލީގައި ކިޔަވައިދިނުމުގެ އުސޫލުތައް ބަދަލުކުރުމުގެ މަރުހަލާއެވެ. މިއީ މުދައްރިސުންނަށް ދަރިވަރުން ތިބި ހިސާބާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ.
މިއީ ހަމައެކަނި އިމްތިހާނުތަކާއި ޓާމް ޓެސްޓުތަކެއް ނޫނެވެ. މީގެ ތެރޭގައި ކޮންމެ ދުވަހަކު ކްލާހުގައި ކުރެވޭ އޮބްޒަވޭޝަންތަކާއި، މަޝްވަރާތަކާއި، ކުދި ކުއިޒްތަކާއި، ދަރިވަރުން އަމިއްލައަށް ކުރާ ވަޒަންކުރުންތައް ހިމެނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ދަތިވާ ކަންކަން ކުރިއާލައި ދެނެގަނެވި، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅިގެންދެއެވެ.
ފީޑްބެކް ނުވަތަ އިރުޝާދު ދިނުމަކީ ކުރިއޭރުން ވަޒަންކުރުމުގެ މައިބަދައެވެ. ފެންވަރު ރަނގަޅު އިރުޝާދުގެ ސަބަބުން ދަރިވަރުންގެ ހުރި ވަރުގަދަ ސިފަތަކާއި، ރަނގަޅުކުރަންޖެހޭ ކަންކަމާއި، ކުރިއަށް ދާނެ ގޮތް ސާފުވެގެންދެއެވެ. މީގެ ސަބަބުން ދަރިވަރުން އުނގެނުމުގެ ޒިންމާ އަމިއްލައަށް އުފުލައި، ކުށްތަކަކީ ނާކާމިޔާބީއެއްގެ ބަދަލުގައި އުނގެނުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކެން ފަށައެވެ.
"6 ޕީ" އެއްކޮށްލުން
މި ހަ ބަހާއަކީ ވަކިވަކިން މުހިންމު ކަންކަން ކަމުގައިވީ ނަމަވެސް، މީގެ ހަގީގީ ނަތީޖާ ފެންނާނީ ހަ ކަންތައް އެކުލެވިގެންނެވެ. މަގްސަދު މިސްރާބު ދައްކައިދޭއިރު، ރޭވުންތެރިކަން އޮނިގަނޑު އެކުލަވާލައެވެ. ތައްޔާރުވުން ތަންފީޒުކުރުމަށް މަގުފަހިކޮށްދޭއިރު، ބައިވެރިވުން ދަރިވަރުން ހަރަކާތްތެރިކުރުވައެވެ. ދުވެލި އުނގެނުމުގެ ހަލުވިމިން ހިފަހައްޓައިދޭއިރު، ކުރިއޭރުން ވަޒަންކުރުން މެދުނުކެނޑި ކުރިއެރުމަށް އެހީތެރިވެދެއެވެ.
ކާމިޔާބު ކްލާސްރޫމެއްގެ "6 ޕީ" އަކީ ހަމައެކަނި ކިޔަވައިދިނުމުގެ އުކުޅެއް ނޫނެވެ؛ އެއީ ތައުލީމީ ފެންވަރު ރަނގަޅުކުރުމުގެ ފަލްސަފާއެކެވެ. މިއީ ކިޔަވައިދިނުމަކީ ވަކި މަގްސަދެއް އޮވެގެން، ރޭވިގެން، އަދި ދަރިވަރުންގެ ކުރިއެރުމަށް އިސްކަންދީގެން ކުރަންޖެހޭ ކަމެއްކަން ހަނދާންކޮށްދޭ ކަމެކެވެ. މި އުސޫލުތަކަށް އަމަލުކުރުމުން، ކޮންމެ ދަރިވަރަކަށްވެސް ކާމިޔާބު ހާސިލުކުރުމުގެ ފުރުސަތު ލިބި، ކްލާސްރޫމަކީ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ ތަނަކަށް ބަދަލުވެގެންދާނެއެވެ.
advertisment
ހިޔާލު