ތ. ހިރިލަންދޫ މީހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އެރަށަށް ޚާއްޞަ ބަސްކޮށާރެއް އެކުލަވާލައި އާންމުކޮށްފިއެވެ. މި މސައްކަތް ކުރީ ހިރިލަންދޫ ސްކޫލުގެ ދިވެހިޑިޕާޓްމަންޓުގެ ފަރާތުންނެވެ. މި މަސައްކަތުގައި އެ ސްކޫލުގެ މުދައްރިސުން ބައިވެރިވިއެވެ.
ހިރިލަންދޫ ސްކޫލުން ބުނީ، އެރަށުގެ މީހުން ވާހަކަދައްކާ ބަހުރުވައާއި ވާހަކަދެއްކުމުގައި ބޭނުންކުރާ ބަސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ނުހަނު މުހިންމު ކަމަށެވެ.
"ހިރިލަންދޫ ބަސްކޮށާރު" އަކީ ފަސޭހައިން ސާޗްކޮށްގެން ބަސްތައް ހޯދޭނެ ގޮތަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ މަންސައެއް ކަމަށެވެ.
ހިރިލަންދޫ ސްކޫލުގެ ޕްރިންސިޕަލް ޝައްމޫން ވިދާޅުވީ، ހިރިލަންދޫއަށް ޚާއްޞަ ބަސްކޮށާރެއް އެލުލަވާލުމުގެ މަސއްކަތް ފެށީ މިދިޔަ އަހަރު ކަމަށާއި މިހާތަނަށް 260އަށްވުރެ ގިނަ ބަސްތައް ބަސްކޮށާރުގައި ހިމަނާފައިވާ ކަމަށެވެ.

"ދިވެހިބަހުގެ ރަދީފުގައި ހުރި ފުށުއަރާ ބަސްތައް އަޅުގަނޑުމެންގެ ބަސްކޮށާރުގައި ނުހިމަނަން. މި ބަސްކޮށާރުގައި ހުންނާނީ ހިރިލަންދޫގެ މީހުން ވާހަކަ ދެއްކުމާއި ދިރިއުޅުމުގައި ބޭނުން ކުރަމުން އައި ހިރިލަންދޫއަށް ޚާއްޞަ ބަސްތައް. އަދި އެ ބަސްތައް ބޭނުންކުރި ހާލަތްތައް" ޝައްމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަސްކޮށާރު އެކުލަވާލައި އާންމުކުރުމުން އިތުރު ބަސްތައް ލިބެމުން އަންނަ ކަމަށާއި އެ ބަސްތައް މިހާރު ބަސްކޮށާރުގައި ހިމެނުމުގެ މަސއްކަތް ކުރަމުން އަންނަ ކަމަށެވެ.
"{ ހިރިލަންދޫ}މީހުން ވާހަކަ ދެއްކުމުގައި ކުރިން ބޭނުންކުރި ބައެއް ބަސްތައް މިހާރު ނީވޭ. ހިރިލަންދޫއަށް ޚާއްޞަ ބަހުރުވައާއި އާންމު ހާލަތްތަކާއި ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ބޭނުން ކުރި ބައެއް މުހިންމު ބަސްތައް މިހާރުގެ ކުދިންނަކަށް ނޭނގޭ. އެފަދަ ބަސްތައް އިވުނީމާ ގިނަކުދިންނަށް ލިބެނީ ހައިރާންކަން. މި މަސައްކަތުގެ ތެރެއިން މިހާރުގެ ދަރިވަރުންނަށް ވެސް އެފަދަ ބަސްތައް ބޭނުން ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ" ޝައްމޫން ވިދާޅުވިއެވެ.
ޝައްމޫން ވިދާޅުވީ، އެބައެއްގެ ތާރީޚާއީ ސަޤާފަތާއި މޮށެއުޅޭ ބަސް ރައްކާތެރި ކުރުމަކީ އެއީ އެބައެއްގެ ޒިންމާއެއް ކަމަށާއި އެ ސްކޫލުން ފެށީ ތާރީޚީ މުހިންމު މަސައްކަތެއް ކަމަށެވެ.
ހިރިލަންދޫ ބަސްކޮށާރުގެ ބަސްތައް ޗެކްކޮށްދެއްވީ އަޙްމަދު ޢަބްދުލްޙަކީމާއި ބަސްތައް ހިއްސާކުރި ފަރާތްތަކަށް ހިރިލަންދޫ ސްކޫލުން ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.
advertisment
ހިޔާލު