ޤާއިދުލް އައުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ 150 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ޕާކިސްތާން ހައި ކޮމިޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތަކީ ޤާއިދުލް އައުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ ލީޑަރޝިޕާއި، އެމަނިކުފާނުގެ ތަޞައްވުރާއި، ތާރީޚީ ގޮތުން ދޫކުރެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އާކުރުމަށް ދަރިވަރުންނާއި، އާންމުންނަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ.

މި ރަސްމިއްޔާތު ފެށުނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ ދެއްވި މަރުޙަބާގެ ބަސްފުޅުންނެވެ. މީގެ އިތުރުން، ޤާއިދުލް އައުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ ޙަޔާތްޕުޅާއި އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މި ރަސްމިއްޔާތުގައި ހުށަހަޅައި ދިނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ދަރިވަރުންގެ މެދުގައި ބަހުސެއް ކުރިއަށް ގެންދިޔައެވެ. މި ސެޝަނުގެ ސަބަބުން ލީޑަރޝިޕާއި، ވެރިކަން ހިންގުމުގެ ނިޒާމާއި، ތާރީޚީ ކަންކަމާ ގުޅޭގޮތުން ފުންމިނުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. މި ޕްރޮގްރާމުގައި ޕާކިސްތާނު މުޖުތަމަޢުގެ އިސް ބޭފުޅުންނާއި، މި ދާއިރާގެ ތަޖުރިބާކާރު މާހިރުންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ މަންދޫބުންނާއި، ދަރިވަރުންގެ އިތުރުން ދަޢުވަތު އެރުވުނު މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ނިންމާލީ ބަހުސްގެ ނަތީޖާ އިޢުލާންކޮށް، ބައިވެރިވި ދަރިވަރުންނަށް އިނާމު ދިނުމާއި، ސަގާފީ ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން ހަނދާނީ ފިލާ އެރުވުމުގެ ރަސްމިއްޔާތަކުންނެވެ.
މިފަދަ ހަރަކާތްތަކަކީ ތަޢުލީމީ ދާއިރާގެ ތެރެއިން ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ސަގާފީ ދެނެގަތުން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ހެއްކެކެވެ۔
advertisment
ހިޔާލު