އެމްއެންޔޫ ވެލްނަސް ސެންޓަރު ހިންގައިދޭނެ ބަޔަކު ހޯދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރަކީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން، އާންމު މުޖުތަމަޢަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގ އަދި ނަފްސާނީ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެއް ކަމަށެވެ. މީގެ އިތުރުން އެއީ ޔުނިވަރސިޓީގެ ތަޢުލީމީ މަޤުޞަދުތައް ޙާ ސިލުކުރުމުގެ ގޮތުން ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަމްރީނާއި އިންޓާންޝިޕް އަދި ސުޕަވައިޒްޑް ޕްރެކްޓިސްގެ ފުރުޞަތުތައް ފަހިކޮށްދޭ ތަނެއް ކަމަށެވެ. އަދި ޔުނިވަރސިޓީގެ އުޞޫލުތަކާ އެއްގޮތަށް ފަންނީ މުވައްޒަފުންނަށް ރަސްމީ ގަޑިން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް މި ސެންޓަރު މެދުވެރިކޮށް ހަމަޖެއްސިދާނެ ކަމަށެވެ.

އެމްއެންޔޫން ބުނެފައިވަނީ، އެ ސެންޓަރު ހިންގާ ފަރާތުން ދޭ ޚިދުމަތްތަކަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ލިބޭނެ އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދުތަކަކީ، ފެންވަރު ރަނގަޅު ކައުންސެލިންގާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރިކަން އިތުރުކުރުން (ފަންނީ ގޮތުން ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސެންޓަރެއް ގާއިމުކުރުން) އެމްއެންޔޫގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމަލީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ދަރިވަރުންގެ ކުރިއެރުމާއި މުވައްޒަފުންގެ ދުޅަހެޔޮކަމަށް ޔުނިވަރސިޓީން ކުރާ މަސައްކަތްތަކަށް އެހީތެރިވުމެވެ.

ވެލްނަސް ސެންޓަރުން ދޭނެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ:

  • ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ދޭ ކައުންސެލިންގ
  • އާއިލާތަކަށާއި ޒުވާނުންނަށް ޚާއްސަ ކައުންސެލިންގ
  • ދުޅަހެޔޮކަމާއި ގުޅޭ އެކި ޕްރޮގްރާމްތައް ހިންގުން
  • ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމާއި ސްޓްރެސް މެނޭޖްމަންޓް
  • ސައިކޯތެރަޕީ އާއި ނަފްސާނީ އެސެސްމަންޓްތައް ހެދުން
  • ވޯކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން

ވެންނަސް ސެންޓަރު ހިންގާ ފަރާތުން، ދަރިވަރުންނަށް ބޭނުންވާ ޕްރެކްޓިކަމް އިންޓާންޝިޕް އަދި ފީލްޑް ޕްލޭސްމަންޓް ފުރުސަތުތައް ފޯރުކޮށްދޭންޖެހެއެވެ. ކޮންމެ ސެމެސްޓަރެއްގައި މަދުވެގެން 10 ދަރިވަރުންނަށް އަމަލީ ތަމްރީނުގެ ފުރުސަތު ދިނުމާއި ސެންޓަރަށް މުވައްޒަފުން ނަގާއިރު، ޝަރުތު ހަމަވާ އެމްއެންޔޫގެ ދަރިވަރުންނާއި ދަސްވެނިންނަށް އިސްކަންދޭންޖެހެއެވެ.

މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 14 ޖޫން 2026 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގައެވެ.  ބީލަން ހުށަހެޅުން އޮންނާނީ 29 ޖޫން ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *