ސްކޫލްތަކުގެ ދަރިވަރުން މެދުވެރިކޮށް ފުވައްމުލައް ސިޓީގައި އޮނު އާލާކުރަނީ

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކްލަބްތަކަށް އަމާޒުކޮށްގެން އޮނު އާލާކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ފަށައިފިއެވެ.

އޮނަކީ އެންމެ ހަލުވިކަމާއެކު ހެދޭ ގަސްތަކުގެ ތެރޭގައި ހިމެނޭ، ޖައްވު ހޫނުކުރާ ގޭސްތައް ދަމައިގަނެ ވައި ސާފުކޮށްދިނުމުގެ މުހިންމު ދައުރެއް އަދާކުރާ ގަހެކެވެ.

މި ހަރަކާތުގެ ތެރެއިން ދަރިވަރުންނަށް އޮނު އިންދާނެ ގޮތާއި، ގަސް އާލާކުރުމަށްޓަކައި ފަސްބަންނާނެ ގޮތުގެ ފަންނީ މަޢުލޫމާތު ވަނީ އަމަލީގޮތުން ދަސްކޮށްދީފައެވެ. މީގެއިތުރުން، މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން މެދުވެރިކޮށް ސްކޫލްގެ އެހެން ކުދިންނަށް މި އުކުޅުތައް އޮޅުންފިލުވައިދިނުމަށާއި، ގޭގައި އަމިއްލައަށް ގަސް އާލާކޮށް އިންދުމަށް ވަނީ އިރުޝާދު ދީފައެވެ.

އޮނު ހައްދައި އާލާކުރަން ދަސްކޮށްދޭން ހިންގި ފަންނީ މައުލޫމާތު ސެޝަނުގައި 16 ދަރިވަރުންގެ އިތުރުން ތިން މުދައްރިސުން ބައިވެރިވެފައިވެއެވެ.

 

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިކައުންސިލުން ވަނީ ފުވައްމުލަކުގެ ސްކޫލްތަކުގެ ގްރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދިޔައެވެ. މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރާ ގުޅުވައިގެން މި ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ މޫސުމީ ބަދަލުތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، މުހިންމު މާހައުލީ ނިޒާމުތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިރިއުޅުން ބައްޓަން ކުރެވިދާނެ ގޮތްތަކާއި މާހައުލީ ނިޒާމުތައް ހިމާޔަތްކުރުމުގެ މުހިންމުކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *