މައިންބަފައިންނަށް އިޙްތިރާމްކުރުމާއި، ޝުކުރުވެރިވާން ދަސްކޮށްދިނުމުގެ ޙަރަކާތެއް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ބާއްވައިފި

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އިންތިޒާމުކޮށްގެން، މައިންބަފައިންނަށް އިޙްތިރާމްކުރުމާއި، ލޯތްބާއި، އަޅާލުމާއި އެކު ޝުކުރުވެރިވާން ދަސްކޮށްދިނުމުގެ ޙަރަކާތެއް އިއްޔެ ހެނދުނު ކުޑަކުދިންގެ ބަގީޗާގައި ބާއްވައިފިއެވެ.

އެ ސްކޫލުން ހާމަކުރި ގޮތުގައި މިހަރަކާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މައިންބަފައިންނާއި އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، އަޅާލުމާއި ލޯބިވެ ޝުކުރުވެރިވުންފަދަ އިސްލާމްދީނުގެ ރިވެތި އަޚްލާޤީ ސިފަތައް ތުއްތު ޢުމުރުގައި ދަރިވަރުންނަށް ދަސްކޮށްދީ އެކުދިންގެ ކިބައިގައި މި ސިފަތައް އަށަގެންނެވުމަށް އެހީތެރިވެދިނުމެވެ.

މި ހަރަކާތް ފެށިފައިވަނީ ކުދިންނަށް މަންމައާއި ބައްޕަ ކޮށްދެއްވާ ކަންތައްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން މި ސްކޫލުގެ އެސް.ކޭ.ޖީ އަދި ޖޭ.ކޭ.ޖީ ދަރިވަރުނގެ ފަރާތުން ހުށަހަޅައިދިން ވަރަށް ޚާއްޞަ ޅެމަކުންނެވެ. ޅެން ހުށަހަޅައި ދިނުމަށްފަހު، ހުރިހާކުދިންވެސް، އެކުދިންގެ މަންމައާއި ބައްޕައަށް ވަނީ ހިތުގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ޝުކުރުގެ ކާޑެއް ހަދިޔާކޮށްފައެވެ. އަދި އެއަށްފަހު، މިމައުޟޫއާ ގުޅޭ ޙަރަކާތްތައް އެކުލެވޭގޮތަށް ސްކޫލްގެ ފަރާތުން ތައްޔާރު ކޮށްފައިވާ ސްޓޯލްތަކަށް ގޮސް ދަރިވަރުން ވަނީ އެކުދިންގެ މައިންބަފައިންނާއެކު އުފާވެރި، މަޖާ އަދި އަގުހުރި ވަގުތުތަކެއް ހޭދަކޮށްފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އަބަދުވެސް މިފަދަ ތަފާތު ޙަރަކާތްތައް ބާއްވަމުން އަންނަ ސްކޫލެއްކަން ފާހަގަކުރެވެއެވެ. އިސްލާމްދީނުގެ މާތް އަޚްލާޤީ ސިފަތަށް ދަސްކޮށް ދިނުމަށްޓަކައި މިފަދަ ޙަރަކާތްތައް ރާވާ ހިންގުމަކީ މުޖުތަމަޢަށް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަން ޔަޤީނެވެ.

މިޙަރަކާތުގައި މޯލްޑިވް ޕޮލިސް ސަރވިސްގެ ފަރާތުންވެސް އައިޓަމްތަކެއް ހުށަހަޅުއްވައިދެއްވާފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *