ރ. އިނގުރައިދޫ ސްކޫލުގައި އޭލެވެލް ފަށައި، ކޮންމެ ދަރިވަރަކަށް 2000 ރުފިޔާގެ އެހީއެއް

ރ. އިނގުރައިދޫގައި އޭލެވެލް ފަށައި، ގުރޭޑް 11ގައި ކިޔަވަން ފަށާ ކޮންމެ ދަރިވަރަކަށް 2000 ރުފިޔާގެ ފައިސާގެ ވައުޗަރެއް އެރަށު ކައުންސިލުން ހަމަޖައްސައިދީފިއެވެ.

ގުރޭޑް 11ގައި ކިޔަވަން ފަށާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އިނގުރައިދޫ ކައުންސިލުގެ ފަރާތުން މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް އިއްޔެ ބާއްވާފައިއެވެ. މި ފަރިއްކޮޅު ބޭއްވީ، ފުރަވެރި މޯލްޑިވްސްގެ ދީލަތި އެހީތެރިކަމާ އެކު ގައެވެ.

ކައުންސިލުންދިން އެހީއަކީ، ދަރިވަރުންނަށް ހިތްވަރުދީ ކިޔެވުމަށް ތައްޔާރުވުމުގެ ގޮތުން ދިން އެހީއެކެވެ.

އިނގުރައިދޫ ސްކޫލުގައި ގުރޭޑް 11އަށް މިއަދު ކިޔަވައިދޭން ފެށީ އަށް ދަރިވަރުންނާއެކުގައެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އިބުރާހިމް ދަރިވަރު ނޫހަށް ވިދާޅުވީ، ގުރޭޑް 11ގެ ކިޔެވުން މިއަދު ފެށީ ދެ ސްޓްރީމު ހިމެނޭހެން ސައިންސާއި ބިޒްނަސް ސްޓްރީމަށް ކަމަށެވެ.

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އެ ސްކޫލުގެ 27 ދަރިވަރުން އޯލެވެލް ނިންމިއެވެ.

"11ގައި ކިޔަވަން ފަށާ ދަރިވަރުންނަކީ އެ ދަރިވަރުން އަމިއްލައަށް ބޭނުންވެގެން ރަށުގައި ތިބެގެން ކިޔަވަން ބޭނުންވި ދަރިވަރުން. މިއަދަދު އަހަރުން އަހަރަށް އިތުރުވާނެ ކަމަށް ބެލެވޭ" ސައީދު ވިދާޅުވިއެވެ.

އިނގުރައިދޫ ސްކޫލުގައި 345 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *