ވައިއެމްއެސްއޭގައި ދިވެހި ދަރިވަރުން ދެއްކި ހުނަރަށް ތަޢުލީމާ ބެހޭ ވަޒީރުގެ ޝުކުރު

އެއީ، ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް

ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026″(ވައިއެމްއެސްއޭ)އިން ދިވެހި ދަރިވަރުން ހޯދި ކާމިޔާބަކީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވައިއެމްއެސްއޭ ގައި ރާއްޖޭގެ ދަރިވަރުން ދެއްކި އާދަޔާޚިލާފު އުފެއްދުންތެރިކަމާއި ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ވަޒީރު ވިދާޅުވީ، އެއީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"ކާމިޔާބީހޯދި ލޮބުވެތި ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށާއި، އައު އުސްމިންތަކަކަށް ދަރިވަރުން ގެންގޮސްދިން މުދައްރިސުންނަށް ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ކިޔަމެވެ." ފޭސްބުކް ޕޭޖުގައި ތައުލީމާ ބެހޭ ވަޒީރު ލިޔުއްވާފައިވެއެވެ.
ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސްއިން މި އަހަރު ލިބުނު ކާމިޔާބު ހޯދަން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އާއި އިސްކޫލުތަކުން ކުރެއްވި ލާމަސީލު މަސައްކަތަށް ސާބަހާއި ޝުކުރު ހައްޤުމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މެތްސް ތްރޯ ސްޓޯރީސް. އޯގްއިން އިންތިޒާމް ކުރި  މި މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދީ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ އުމުރުފުރާއިންނެވެ. ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ.  މިއީ މި މުބާރާތުގައި ރާއްޖޭގެ ދަރިވަރުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އަދި މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ.
މި މުބާރާތުން 12-16 އަހަރު ފުރައިން އެއްވަނަ ހޯދީ ހުރަވީ ސްކޫލުގެ އާމިނަތު ނީމް ޝަކީބެވެ. 4-7 އަހަރު ފުރައިން އެއްވަނަ ހޯދީ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 3 ގެ ދަރިވަރު ޔުނާ ނަސްފާން ޝިހާމެވެ. 8-11އަހަރު ފުރައިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ޝޫރާ ޝަހީދު އަޙްމަދެވެ.

ވައިއެމްއެސްއޭ މުބާރާތަކީ، ހިސާބު ޢިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް (ޢުމުރުން 4 އަހަރާއި 16 އަހަރާ ދެމެދު) އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން، މާނަފުން އަދި ޝައުޤުވެރި މާޙައުލެއްގައި ހިސާބުގެ ތަޞައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ.

މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން އިންތިޒާމުކުރާ މި މުބާރާތް، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ. މިގޮތުން މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެކެވެ.

ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި، ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *