ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސްގެ ތިން އުމުރުފުރައަކުން އެއްވަނަ ރާއްޖޭގެ ދަރިވަރުންނަށް

މި އަހަރު ބޭއްވި "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026″ (ވައިއެމްއެސްއޭ) ގެ ތިން އުމުރުފުރައަކުން އެއްވަނަ ރާއްޖޭގެ ދަރިވަރުންނަށް ލިބިއްޖެއެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ދަރިވަރުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އަދި މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ.

މެތްސް ތްރޯ ސްޓޯރީސް. އޯގްއިން އިންތިޒާމް ކުރި  މި މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދީ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ އުމުރުފުރާއިންނެވެ. ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ.

މި މުބާރާތުން 8-11 އަހަރު ފުރައިން އެއްވަނަ ހޯދީ ހުރަވީ ސްކޫލުގެ އާމިނަތު ނީމް ޝަކީބެވެ. 4-7 އަހަރު ފުރައިން އެއްވަނަ ހޯދީ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 3 ގެ ދަރިވަރު ޔުނާ ނަސްފާން ޝިހާމެވެ. 12-16 އަހަރު ފުރައިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ޝޫރާ ޝަހީދު އަޙްމަދެވެ.

ވައިއެމްއެސްއޭ މުބާރާތަކީ، ހިސާބު ޢިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް (ޢުމުރުން 4 އަހަރާއި 16 އަހަރާ ދެމެދު) އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން، މާނަފުން އަދި ޝައުޤުވެރި މާޙައުލެއްގައި ހިސާބުގެ ތަޞައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ.

މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން އިންތިޒާމުކުރާ މި މުބާރާތް، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ. މިގޮތުން މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެކެވެ.

ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި، ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.

ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ތައުލީމީ ވުޒާރާއިން ބުނީ، އެ ވުޒާރާއާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގުޅިގެން ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ދަރިވަރުންނަށް ފައިތިލަސާބިތު ކުރެވޭނެ ފަދަ ފަހި މާޙައުލެއް ޤާއިމުކޮށްދީފައިވާ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، އެމްއެންޔޫ އާއި އެންއައިއީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެއް ކަމަށެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު ޢިލްމު އުނގަންނައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުވާފައިވާ ކަމަށެވެ.

މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން ގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވެސް ދިވެހިރާއްޖޭގެ މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

"މި ތާރީޚީ ފުރިހަމަ ކާމިޔާބީން ހާމަކޮށްދެނީ، މުއައްސަސާތަކުގެ ވަރުގަދަ އެއްބާރުލުމާއި އެހީތެރިކަން ލިބިއްޖެނަމަ، އަޅުގަނޑުމެންގެ ދަރިވަރުންގެ އާދަޔާޚިލާފު ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެ. މި ނިސްޓްރީ އަދި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ވާދަކޮށް، އެއަށްވުރެ ކުރިއަރައިދެވޭނެ ފެންވަރެއްކަން އަޅުގަނޑުމެން މިއަދު މިވަނީ ސާބިތުކޮށްދީފައި" ތައުލީމީ ވުޒާރާއިން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ތަޢުލީމީ ތާރީޚުގައި ލިބުނު މި ފަޚުރުވެރި ކާމިޔާބީ މުޅި ޤައުމުން ފާހަގަކުރާއިރު، މިއީ ދިވެހިރާއްޖޭގެ ހިސާބު ޢިލްމުކިޔަވައިދިނުމުގެ އުފެއްދުންތެރިކަމާއި ފުރިހަމަކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެއް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *