ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްޢާޚިރް 2 ވަނަ ދުވަހެވެ. އެ ދުވަސް މި އަހަރު ދިމާވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާއެވެ.
ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖެއިސްލާމްވީތާ 900 އަހަރުނާ ގުޅިގެން ބާއްވާ ޤައުމީ މަހާސިންތާގައި ބައިވެރިވާން ޒުވާން ޚަޠީބުން މާލެއަށް އައުމުގެ އިންތިޒާމް އެ ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެ" ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ، ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި މިވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރު 307 ޙާފިޒުންނަށް އަރާފައިވާ ކަމަށެވެ. ޒުވާން ޚަޠީބުންގެ އަދަދަކީ 532 ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ، އަންނަ ސެޕްޓެމްބަރުމަހުގެ ކުރިން 1000 ޚަޠީބުން ހަމަވާނެ ކަމަށާއި އެއީ އަމާޒެއް ކަމަށެވެ.
އަދި ވަޒީރުވަނީ، ޒުވާން ޚަޠީބުން މި މަހާސިންތާ އަށް މިހާރުން ފެށިގެން ތައްޔާރުވެ، އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުމަށް އެދިވަޑައިގެންފައެވެ.
މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި އެ ވުޒާރާއިން އިއުލާންކުރާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު