ޒަކާތު ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން ކަނޑައެޅިފައިވާ ދާއިރާތައް ނޫން ދާއިރާތަކުން ވެސް ކިޔެވޭނެ

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ވެސް ކިޔަވަން ޕްރޮޕޯސަލް ހުށައެޅޭނެ ކަމަށް ބުނެފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މޭ 17 ގައެވެ.

މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.

ނަމަވެސް ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހަމައެކަނި ލިސްޓުކުރެވިފައިވާ ދާއިރާތަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އެގޮތުން، ސޮކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. މި ގޮތަށް ހުށަހަޅާއިރު ހުށައަޅާނެ ޕްރޮޕޯސަލް ގެ ޓެމްޕްލޭޓް ވާނީ ޒަކާތު ހައުސްއިން އާންމުކޮށްފައެވެ.

މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.

މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.

އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހަޅާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ. ސުންގަޑިއަކީ 16 ޖުލައި 2026 ގެ 14:00އެވެ.

ޒަކާތު ހައުސް ސްކޮލަރޝިޕް މުހިންމު މައުލޫމާތު:  

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީ ދިނުމުގެ އުސޫލު: https://zakathouse.gov.mv/documents/14064

ޒަކާތު ސްކޮލަރޝިޕް 2026 – އިޢުލާން: https://zakathouse.gov.mv/documents/17863

ޒަކާތު ސްކޮލަރޝިޕް 2026 – އެޕްލިކޭޝަން ފޯމު: https://zakathouse.gov.mv/documents/17868

ޒަކާތު ސްކޮލަރޝިޕް 2026 – ސްޓައިޕެންޑް ރޭޓްތައް: https://zakathouse.gov.mv/documents/17871

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *