ސަމާ އިބްރާހިމް ދީދީ
ކިޔަވާކުދިންގެ ޙަޔާތަކީ ގޮންޖެހުންތަކާއި، އިމްތިޙާނުތަކާއި، އާ ކަންތައްތަކެއް ދަސްކުރުމުގެ މަރުޙަލާއެކެވެ. މި ދަތުރުގައި ކާމިޔާބީގެ އައްސޭރިއަށް ވާޞިލުވުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކަމަކީ 'ފައްސިވިސްނުން' ނުވަތަ ޕޮޒިޓިވް ތިންކިންގ އެވެ. ފައްސިވިސްނުމަކީ ހަމައެކަނި ހިނިތުންވެލައިގެން ހުރުމެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށް އުންމީދީ ނަޒަރަކުން ބަލައި، ހިތްވަރާއެކު ކުރިމަތިލުމުގެ ހުނަރެވެ. މިއީ ދަރިވަރުގެ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައިދޭ އުޖާލާ ދަންމަރެކެވެ.
ދަރިވަރެއްގެ ކިޔެވުމުގެ މަރުޙަލާގައި ފައްސިވިސްނުން މުހިއްމުވަނީ އެއީ ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމުގައިވާތީއެވެ. ކިޔެވުމުގެ ފިއްތުންތަކާއި، ދަށް މާކްސް ލިބުމުން ކުރިމަތިވާ މާޔޫސްކަމުން އަރައިގަނެވޭނީ ފައްސި ވިސްނުމެއް ހުރެގެންނެވެ. މިއީ ސިކުނޑި ހުޅުވައިދީ، އާ ކަންތައްތައް ދަސްކުރުމަށް ޝައުޤުވެރިކަން އިތުރުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަމަށް މަގުދައްކައިދޭ އަލިގަދަ "ދަންމަރެކެވެ."
ފައްސިވިސްނުން އާލާކުރުމަށް އަމަލީގޮތުން ކުރެވިދާނެ ކަންތައްތައް
ކިޔެވުމުގެ މަރުޙަލާގައި ފައްސި ވިސްނުން އާދައަކަށް ހެދުމަށްޓަކައި އަންނަނިވި 5 ކަންތައް ކުރެވިދާނެއެވެ:
- ޝުކުރުވެރިވުމުގެ ޑައިރީއެއް ލިޔުން: ކޮންމެ ދުވަހަކު ނިދުމުގެ ކުރިން، އެދުވަހެއްގައި ދިމާވި އުފާވެރި ނުވަތަ ކާމިޔާބު 03 ކަމެއް ނޯޓުކުރާށެވެ. މިއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް އެކަން ލިޔުމުން، ސިކުނޑި ބައްޓަންވަނީ ނޭދެވޭ ކަންކަމަށްވުރެ ބޮޑަށް ހަޔާތުގައި ހުރި ރަނގަޅު ކަންކަމަށް ސަމާލުކަން ދޭށެވެ.
- ނޭދެވޭ ޚިޔާލުތައް "ފްރޭމް" ބަދަލުކުރުން: ހިތަށް ނޭދެވޭ ޚިޔާލެއް އަންނަ ކޮންމެ ހިނދަކު، އެ ޚިޔާލު ފައްސި ޢިބާރާތަކަށް ބަދަލުކޮށްލާށެވެ. މިސާލަކަށް، "މި އިމްތިޙާނުން އަހަރެން ފޭލްވާނެ" އޭ ހިތަށް އެރުމުގެ ބަދަލުގައި، "މި އިމްތިޙާނަށް އަހަރެން މިދަނީ އެންމެ ފުރިހަމައަށް ތައްޔާރުވަމުން، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ" އޭ ބުނަން އާދަކުރާށެވެ.
- އަޅުކަމާއި ޛިކުރުކުރުމުގައި ދެމިހުރުން: ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ އެންމެ ބޮޑު އަޞްލަކީ މާތް ﷲ އާ އޮންނަ ގުޅުން ވަރުގަދަކުރުމެވެ. ފަރުޟު ފަސް ނަމާދު ގާއިމުކޮށް، ދުޢާކުރުމާއި ޛިކުރުކުރުމަކީ ހިތްނުތަނަވަސްކަން ފިލުވައިދީ، އުންމީދީ ވިސްނުމެއްގައި ހުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
- ކުދިކުދި ލަނޑުދަނޑިތައް ކަނޑައެޅުން: ކިޔެވުމުގެ ބޮޑެތި މަސައްކަތްތައް ކުދިކުދި ބައިތަކަށް ބަހާލައިގެން ކުރިއަށް ގެންދާށެވެ. ކޮންމެ ކުޑަ ބައެއް ނިމުމުން އެއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އުފާކުރާށެވެ. މީގެ ސަބަބުން "އަހަންނަށް މިކަން ކުރެވިދާނެ" ކަމުގެ އިތުބާރު އަމިއްލަ ނަފްސަށް ބޮޑުވެގެންދާނެއެވެ.
- ދިރިއުޅުމުގެ މާޙައުލު ތަރުތީބުކުރުން: ކިޔަވަން އިންނަ ތަނާއި ނިދާ ކޮޓަރި ތަރުތީބުން ބެހެއްޓުމަކީ ސިކުނޑިއަށް ލިބޭ ލުޔެކެވެ. އަދި ކޮންމެ ދުވަހަކު ކުޑަވަގުތުކޮޅަކަށް ކަސްރަތުކުރުމާއި، ފައްސި ވިސްނުން ހުންނަ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ އަމަލީގޮތުން ވިސްނުން ބަދަލުކޮށްދޭނެ ކަންކަމެވެ.
ފައްސިވިސްނުމުގެ ފައިދާ: ކިޔެވުމާއި ދިރިއުޅުމަށް އަންނާނެ ބަދަލު
ފައްސި ވިސްނުމުގެ ސަބަބުން ދަރިވަރުންގެ ފޯކަސް ނުވަތަ ސަމާލުކަން އިތުރުވެ، ފިލާވަޅުތައް ދަސްކުރުމަށް ފަސޭހަވެއެވެ. އިމްތިޙާނުތަކާއި ކުރިމަތިލާއިރު ހާސްކަން ކުޑަވެ، ނަފްސާނީ ހަމަޖެހުން ލިބެއެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުމުގެ ސަބަބުން، އުނދަގޫ މާއްދާތަކުންވެސް ރަނގަޅު ނަތީޖާ ހޯދުމަށް މަގުފަހިވެއެވެ. އަދި މުދައްރިސުންނާއި އެކުވެރިންނާ އޮންނަ ގުޅުން ރަނގަޅުވެ، އިޖުތިމާޢީ ދިރިއުޅުން އުޖާލާވެއެވެ.
ނިންމާލަމުން ދަންނަވާނީ، ފައްސިވިސްނުމަކީ ކިޔަވާކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި ކާމިޔާބީގެ ތަޅުދަނޑިއެވެ. މިއަދު އަޅުގަނޑުމެންގެ ވިސްނުން ފައްސި ގޮތަކަށް ބައްޓަންކޮށްފިނަމަ، މާދަމާގެ ދިރިއުޅުން ފާގަތިވެ، ކިޔެވުމުގެ މަރުޙަލާއަކީ އުފާވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ. އެހެންކަމުން، ކޮންމެ ދަރިވަރަކީވެސް ތިމާގެ ނަފްސުގެ ތެރޭގައި މި ފައްސި "ދަންމަރު" ރޯކޮށްގެން
advertisment
ހިޔާލު