ނަތީޖާ ދަށްވުމަކީ ފެއިލްވުމެއް ނޫން! އެއީ ކުރިއަށް ވުރެ، ވަރުގަދަކޮށް ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއް

މުހިއްމު ދެ އިމްތިހާނެއް ބޯމަތިވަމުން އަންނަކަމުގެ މަލަމަތި ދައްކަންފަށައިފިކަން އެނގޭ ދޯއެވެ! ސެޕްޓެންބަރު މަސް އޮތީ މާ ދުރަކު ނޫނެވެ. އެ މަހުގެ 20ވަނަ ދުވަހު ގްރޭޑް 10ގެ ދަރިވަރުންގެ އޯލެވެލް ދިވެހި އިމްތހާނު އެބައޮތެވެ. އޭގެ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ގްރޭޑް 12ގެ އޭލެވެލް ދިވެހި އިމްތިހާނު ފަށައެވެ.

ބައެއް ދަރިވަރުންނަކީ ފުރަތަމަ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ނުހޯދުނު ކުދިންނެވެ. މި ދަނޑިވަޅު ވިސްނަންވީ ކަމަކީ ނަތީޖާ ދަށްވުމަކީ ބަލިވުމެއް ނޫން ކަމެވެ. އެއީ ކުރިއަށް ވުރެ، ވަރުގަދަކޮށް ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއް ކަމެވެ. ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑިކަން ދުނިޔެ ވަނީ ސާބިތުކޮށްދީފައެވެ. އެހެނީ، ދުނިޔޭގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މަޝްހޫރު މީހުންނަކީ އެ މީހުންގެ ހަޔާތުގައި ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާފައިވާ މީހުންނެވެ.

ތޯމަސް އެޑިސަން (Thomas Edison)ގެ ހަޔާތުން ފަށަމާ ހިނގާށެވެ! ބޮކި އީޖާދުކުރުމުގެ ތެރޭގައި 10,000އަށް ވުރެ ގިނަ ފަހަރު އޭނާ ފެއިލްވިއެވެ. އެހެނަސް، ދުނިޔެ އަލިކޮށްލި އިލެކްޓްރިކް ބޮކި އީޖާދުކޮށް، ތާރީޚުގައި އެންމެ ގިނަ އީޖާދުތައް ކުރި އެކަކަށް ތޯމަސް ވިއެވެ.

ޖޭ.ކޭ. ރޯލިންގ (J.K. Rowling) "ހެރީ ޕޮޓާ" ފޮތް ލިޔެ ނިންމި އިރު، އޭނާއަކީ ފަގީރު، އެކަނިވެރި މައެކެވެ. އެ ފޮތް ޗާޕުކޮށް ނެރެދޭން އޭނާ އެދުނު ފުރަތަމަ މީހާ އެ އެދުމުގައި ކޮޅުފައިންޖެހި ގޮތަށް އެ މަސައްކަތްކޮށްދޭ 12 މީހަކު އޭނާގެ ފޮތް ބަލައިނުގަނެ އޭނާއަށް ފުރަގަސްދިންކަން ތާރީޚް ހެކިދެއެވެ. ހެރީ ޕޮޓާ ސީރީޒްއަކީ ދުނިޔޭގައި އެންމެ ގިނައިން ވިކުނު ފޮތްތަކަށްވެ، އޭނާ ދުނިޔޭގެ އެންމެ މުއްސަނދި ލިޔުންތެރިޔާއަށް ވިއެވެ.

އަލްބަޓް އައިންސްޓައިން (Albert Einstein)އަށް އުމުރުން 4 އަހަރު ވަންދެން ވާހަކައެއް ނުދެއްކެއެވެ. 7 އަހަރު ވަންދެން ލިޔަން ކިޔަން ނޭނގެއެވެ. މުދައްރިސުން ހީކުރީ އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ. އެކަމަކު އާޚިރު ނަތީޖާ ނިކަން ދެކެބަލާށެވެ. ފިޒިކްސްގެ ދާއިރާއިން ނޮބެލް އިނާމު ހޯދައި، ދުނިޔެ ދުށް އެންމެ ނުފޫޒުގަދަ ސައިންސްވެރިޔާގެ ގޮތުގައި ބެލެވެއެވެ. އަދިވެސް ސައިންސްވެރިން އެ ގެންގުޅެނީ އައިންސްޓައިންގެ ނޯޓުތަކެވެ. އައިންސްޓައިން ބުނެފައިވާ ގޮތުން އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އޭނާއަށް ގޯސްހެދޭކަމަށް ގަބޫލުކުރެވުމެވެ.

ވޯލްޓް ޑިޒްނީ (Walt Disney)ގެ ޚިޔާލުތައް މަދުވެ، އާ އުފެއްދުންތެރިކަމެއް ނެތްކަމަށް ބުނެ ނޫސް އިދާރާއެއްގެ ވަޒީފާއިން އޭނާ ބޭރުކުރިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. އޭނާގެ ފުރަތަމަ އެނިމޭޝަން ކުންފުނި ބަނގުރޫޓު ވެސް ވީއެވެ. އެހެނަސް ނިކަން ދެކިބަލާށެވެ! ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ އަދި މުނިފޫހިފިލުވުމުގެ ސާމާނު އުފައްދާ "ޑިޒްނީ" ކުންފުނީގެ ބާނީއަކީ އެއީއެވެ.

މައިކަލް ޖޯޑަން (Michael Jordan) ހައިސްކޫލްގައި ކިޔެވި އިރު، އެ ސްކޫލްގެ ބާސްކެޓްބޯޅަ ޓީމުން އޭނާ ބޭރުކުރިއެވެ.ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާއަށް ވިއެވެ. އޭނާ ބުނެފައިވަނީ އޭނާ ކާމިޔާބުވީ ހާސް ފަހަރު ފެއިލްވުމުން ކަމަށެވެ.

އަޅުގަނޑުމެން އިބުރަތް ހާސިލުކުރަންވީ މި ފަދަ މީހުންގެ ކިބައިންނެވެ. ނަތީޖާ ދަށްވުމަކީ ބަލިވުމެއް ނޫނެވެ. އެއީ އިތުރަށް ވަރުގަދަކޮށް ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެކެވެ. ދަށް ނަތީޖާއަކުން އަރައިގަނެ، ކާމިޔާބީއާ ހަމައަށް ދިއުމަށް މަސައްކަތް ފަށާށެވެ. މާޔޫސްނުވާށެވެ. އެންމެ ނަތީޖާއަކުން ތިމާގެ މުޅި މުސްތަޤްބަލް ނިމުނީ ކަމަށް ދުށުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި ހެދުނު ކުށްތައް ދެނެގަނެ، އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާށެވެ. އެއަަށް ފަހު އައު ފެށުމަކުން ފެށާށެވެ. އައު އަޒުމަކާ އެކު ކިޔެވުމުގެ އާދަތައް ބަދަލުކޮށް، ހިތްވަރު އާކުރާށެވެ. އެހީތެރިކަން ހޯދާށެވެ. އަޅުގަނޑުމެން މުދައްރިސުން މި ތިބީ ވެވުނު އެންމެ މަތީ މިންވަރަކަށް އެހީވާން ކަމަރުބަނދެގެންނެވެ. ވަގުތު މިހިރަދަނީ ކުޑަތަންވަމުންނެވެ. މިއީ އިމްތިހާންތަކުން ރަގަޅު ނަތީޖާއެއް ހޯދުމަށް އަލުން އާ ބާރެއްލާފައި މަސައްކަތް ފަށަންވީ ވަގުތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *