20 އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުގައި "ވެލްބީން ޔުނިޓް" ތަކެއް ގާއިމުކުރަނީ

20 އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުގައި "ވެލްބީން ޔުނިޓް" ތަކެއް ގާއިމްކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ފަށައިފިއެވެ.

މި ޔުނިޓްތައް ހަދަން ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދަން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ކޮންސަލްޓަންޓްގެ އެހީގައި ސްކޫލް ވެލްބީންގ ޔުނިޓްތައް ޤާއިމުކޮށް އެ ޔުނިޓްތައް އުފެއްދުމުގައި ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ ފުރުޞަތު ފަހިވެގެންދާނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރި ކުރުވުމުގެ މުހިންމު ކަމަށާއި ސްކޫލުތަކަކީ ކުދިންނަށް ރަނގަޅު ތަފާތު ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމެއް ދަސްކޮށްދޭނެ ތަނަކަށް ވެލްބީން ޔުނިޓްތައް ވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގައި އަދިވެސް ބައެއް ފަރާތްތަކުން ފަސްޖެހޭތީ، އެކަން ތަންފީޒު ކުރަން ޖެހިފައި ވަނީ ނާޒުކު އަދި ރޭވުންތެރި ގޮތެއްގައިކަން ވެސް ފާހަގަކޮށްފައިވެއެވެ.

ތައުލީމީ ވުޒާރާއިން ކުރިއަށް ގެންދާ "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ ދަށުން ސްކޫލުތަކުގައި ޤާއިމްކުރާ ވެލްބީންގ ޔުނިޓްތައް ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ކުދިންގެ ހުނަރު ދަސްކޮށްދިނުމާއި، ބޭނުންވެއްޖެ ހިނދެއްގައި ދަރިވަރުން ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މައިންޑްފުލްނެސް ޕްރެކްޓިސް ކުރުމަށް ޚާއްޞަ ޖާގަތަކެއް ސްކޫލު މާޙައުލުތަކުގައި ޤާއިމުކުރުމާއި، ތަފާތު އެކި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިން- ސްކޫލް ރެފަރަލް މެކޭނިޒަމެއް ޤާއިމުކުރުމެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ސެންޓަރ ފޮރ އެޑިއުކޭޝަނަލް އެކްސެލެންސް މެދުވެރިކޮށެވެ. ކޮންމެ ސެންޓަރެއްގައި ވެލްބީންގ ސަޕޯޓް ޔުނިޓެއް ޤާއިމުކޮށް، ސްކޫލުތަކުގައި ހިންގާ ވެލްބީންގ ޔުނިޓްތަކަށް ބޭނުންވާ އިރުޝާދާއި މެންޓަރޝިޕް އަދި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ނަފްސާނީ ބަލިތަކަށް ޤާބިލު ޕްރޮފެޝަނަލުންތަކެއް މަސައްކަތް ކުރާނެ ކަމަށް ތައުލީމީ ވުޒާރާއިން ބުނެފައިވެއެވެ.

ސެންޓަރ ފޮރ އެޑިއުކޭޝަނަލް އެކްސެލެންސްއަށް ބޭނުންވާ ސާމާނު ހޯދަން ތައުލީމާ ބެހޭ ވުޒާރާއިން ވަނީ އިއުލާން ވެސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *