ކިޔެވުމުގެ ނާކާމިޔާބީން އުންމީދުގެ އައްސޭރިއަށް: ނަފްސާނީ ދުޅަހެޔޮކަމާއެކު ކާމިޔާބީއަށް ދަތުރުކުރުން

ސަމާ އިބްރާހިމް ދީދީ

ކިޔެވުމުގެ މަރުހަލާއަކީ ހަމައެކަނި ފޮތްތަކުން މަޢުލޫމާތު އުނގެނުމެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންނާއި ފިކުރީ ގޮތުން ކުރެވޭ ބޮޑު ދަތުރެކެވެ. މި ދަތުރުގައި ދިމާވާ ގޮންޖެހުންތަކާއި ނާކާމިޔާބީތަކަކީ ދަރިވަރުގެ ނަފްސާނީ ދުޅަހެޔޮކަމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަންކަމެވެ.

ނާކާމިޔާބީއަކީ ކޮބައި؟

ނާކާމިޔާބީއަކީ އުންމީދުކުރި ނަތީޖާއާ ހަމައަށް ވާސިލުނުވުމެވެ. ނަމަވެސް، ނަފްސާނީ އިލްމުގެ ނަޒަރަކުން ބަލާއިރު، ނާކާމިޔާބީއަކީ ތިމާގެ އަމިއްލަ ޝަޚުޞިއްޔަތު ބަލިކަށިވުމެއް ނޫނެވެ. އެއީ ހަމައެކަނި ކުރި މަސައްކަތުގެ ނަތީޖާއެކެވެ. މިއީ އާ ހިތްވަރަކާއެކު، އާ އުކުޅުތަކެއް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފިލާވަޅެކެވެ.

ނަފްސާނީ ދުޅަހެޔޮކަމާއެކު ކުރިމަތިލުމުގެ މުހިއްމުކަން

ނާކާމިޔާބީއާ ކުރިމަތިލާއިރު ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނާކާމިޔާބުވުމުން އަމިއްލަ ނަފްސަށް މަލާމާތްކޮށް، މާޔޫސްވުމަކީ ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އޭގެ ބަދަލުގައި، ހިތްވަރާއެކު އެކަމާ ކުރިމަތިލުމުން، ނަފްސާނީ ގޮތުން 'ރެސިލިއަންސް' ނުވަތަ ކެތްތެރިކަން އަށަގަނެއެވެ. އިސްލާމީ ރީތި އުސޫލުތަކުން ދަސްކޮށްދެނީ މާޔޫސްނުވުމަށާއި، ކޮންމެ ހާލަތެއްގައިވެސް މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލުމަށެވެ.

ނާކާމިޔާބީއާ ކުރިމަތިލުމުގެ މަރުހަލާތައް:
  1. ގަބޫލުކުރުން:ފުރަތަމަ ކަމަކީ ނާކާމިޔާބުވިކަން ގަބޫލުކޮށް، އެކަމާ ހިތާމަކުރުމުގެ ބަދަލުގައި ހަގީގަތާ ކުރިމަތިލުމެވެ.
  2. ދެނެގަތުން:ނާކާމިޔާބުވީ ކީއްވެގެންކަން ދެނެގަންނަން ޖެހެއެވެ. މަސައްކަތް ކުރެވުނު ގޮތުގައި ހުރި މައްސަލަތައް ދެނެގަތުމެވެ.
  3. ރޭވުންތެރިކަން:ކުރިން ހެދުނު ގޯސްތައް ތަކުރާރު ނުވާނެހެން އާ ރޭވުމެއް އެކުލަވައިލުމެވެ.
ނަފްސާނީ ހަމަޖެހުމަށް މަގުކޮށުން:
  1. އިހުސާސްތައް ދެނެގަތުން:ދެރަވުމާއި މާޔޫސްވުމަކީ އިންސާނީ ތަބީއަތެވެ. މި އިހުސާސްތައް ފޮރުވުމުގެ ބަދަލުގައި، އެއީ އާދައިގެ ކަމެއްކަން ގަބޫލުކުރާށެވެ.
  2. އަމިއްލަ ނަފްސަށް އިތުބާރުކުރުން:އެންމެ ނަތީޖާއަކުން ތިމާގެ މުޅި މުސްތަގުބަލު ކަނޑަނޭޅޭނެކަން ގަބޫލުކޮށް، އަމިއްލަ ނަފްސަށް އޮންނަ ގަދަރު ދަމަހައްޓާށެވެ.
  3. އިސްލާހީ ބަދަލު ގެނައުން:ވީގޮތް ދެނެގަނެ، ނަފްސާނީ ގޮތުން ތައްޔާރުވެ ހުރެ އާ މަގަކުން ހިނގަން ފަށާށެވެ.
ކާމިޔާބީއަށް ވާސިލުވުމަށް އަމަލީ 5 އިރުޝާދެއް:
  1. ދުޢާކުރުމާއި މާތްﷲ އަށް ވަކީލުކުރުން:ކޮންމެ ކަމެއް ފެށުމުގެ ކުރިން މާތްﷲ ގެ ހަޟްރަތުން އެހީތެރިކަމަށް އެދޭށެވެ. ނަމާދުތަކަށް ރައްކާތެރިވެ، ދުޢާކުރުމަކީ ހިތަށް ހަމަޖެހުން ލިބި، މަސައްކަތުގައި ބަރަކާތްލައްވާނެ ކަމެކެވެ.
  2. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން:ކިޔަވާނެ ތާވަލެއް އެކުލަވައިލާށެވެ. އެންމެ އުނދަގޫ މާއްދާތަކަށް އިސްކަންދީގެން ވަގުތު ބަހާލާށެވެ. ކަންކަން ފަސްކުރުމުގެ އާދަ ދޫކޮށްލާށެވެ.
  3. އުނގެނުމުގެ އާ ގޮތްތައް ބޭނުންކުރުން:ކުރިން ކިޔެވި ގޮތުން ނަތީޖާ ނުލިބޭނަމަ، ކިޔަވާ އުކުޅުތައް ބަދަލުކޮށްލާށެވެ. މައިންޑް މެޕް ކުރެހުމާއި، ނޯޓްސް ކުރުކުރުން ނުވަތަ ގްރޫޕް ސްޓަޑީ ހެދުން ފަދަ ކަންކަން ކުރެވިދާނެއެވެ.
  4. އެހީތެރިކަން ހޯދުން:ނޭނގޭ ކަންކަން އޮޅުންފިލުވުމަށް ލަދުނުގަންނާށެވެ. މުދައްރިސުންނާއި، މައިންބަފައިން ނުވަތަ އެ މާއްދާއަކަށް މޮޅު ކުދިންގެ އެހީތެރިކަން ހޯދާށެވެ.
  5. ދޫނުދީ ހިފެހެއްޓުން (Consistency):ކާމިޔާބީއަކީ އެއްދުވަހުން ލިބޭ އެއްޗެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ކުޑަ މިންވަރަކަށް ނަމަވެސް މެދުކެނޑުމެއް ނެތި ކިޔެވުމުގެ އާދަ އަށަގަންނަވާށެވެ.
ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަން:
  1. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން:ފުދޭވަރަށް ނިދުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ.
  2. އަމިއްލަ ނަފްސަށް ހިތްވަރުދިނުން:"އަހަންނަކަށް ނުވާނެ" ބުނުމުގެ ބަދަލުގައި "އަހަރެން އަދިވެސް މަސައްކަތް ކުރާނަން" ބުނަން އާދަކުރާށެވެ. މިފަދަ ޕޮޒިޓިވް ވިސްނުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.
  3. ސްޓްރެސް މެނޭޖްކުރުން:ކިޔެވުމުގެ ތެރެއިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހޭ ކަމެއްގައި މަޝްއޫލުވާށެވެ. ގުރުއާން ކިޔެވުމާއި ކަސްރަތު ކުރުމަކީ ފިކުރުތަކުން ދުރުކޮށްދޭނެ ކަންކަމެވެ.
  4. އިޖުތިމާއީ އެހީތެރިކަން:އެކަނިވެރި ނުވާށެވެ. ހިތުގެ އުދާސްތައް މައިންބަފައިންނާ ނުވަތަ ގާތް އެކުވެރިންނާ ހިއްސާކުރާށެވެ. އެހެން މީހުންގެ އެހީތެރިކަން ހޯދުމަކީ ބުއްދިވެރި ގޮތެކެވެ.
  5. ވަކީލުކޮށް ކެތްތެރިވުން:ހުރިހާ މަސައްކަތެއް ކުރުމަށްފަހު ނަތީޖާ މާތްﷲ އަށް ދޫކޮށްލާށެވެ. "ހަމަކަށަވަރުން އުނދަގުލާއެކު ފަސޭހަކަންވެއެވެ." މި އާޔަތުން ލިބޭ ނަފްސާނީ ހަމަޖެހުމަކީ ކޮންމެ ނާކާމިޔާބީއަކަށްފަހު ކާމިޔާބީއެއް އޮތްކަމުގެ ޔަގީންކަމެވެ.
ނިންމުން

ނާކާމިޔާބީއަކީ ތިމާ ހުއްޓެންވީ ތަނެއް ނޫނެވެ. އެއީ ކާމިޔާބީގެ ފޮނިމީރުކަން ލިބިގަތުމަށް ކޮންމެހެން ކަޑައްތުކުރަންޖެހޭ ހަރުފަތެކެވެ. ހަމަޖެހޭ ސިކުނޑިއަކާއި ވަރުގަދަ އަޒުމަކާއެކު ކުރިއަށް ދާށެވެ! ހިތްވަރާއެކު މަސައްކަތްކޮށް، މާތްﷲ އަށް ވަކީލުކޮށްފިނަމަ ކާމިޔާބީގެ މަންޒިލަށް ވާސިލުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *