އަށް މާއްދާއިން އޭ ސްޓަރ ލިބުމަކީ އޭނާއަށާއި ސްކޫލަށް "ސަޕްރައިޒް"އެއް ނޫން
މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުނަސް، ފިޔޯރީ ސްކޫލުން ކިޔެވި އައިޝަތު އާޝާ އަބްދުއްރަހުމާނަށާއި އެ ސްކޫލަށް އެއީ "ސަޕްރައިޒް"އެއް ނޫނެވެ. ފިޔޯރީ ސްކޫލުގެ ދަރިވަރަކު އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނެމުން އައި ނަމަވެސް އެއްވަނަ މަޤާމް މި ފަހަރު ނޫނީ ނުލިބެއެވެ.
ފިޔޯރީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަތީފު ވިދާޅުވީ، އާޝާއާ މެދު އެ ސްކޫލުގެ އުއްމީދު ބޮޑުކަމަށާއި އެއީ ސްކޫލުންކޮށްދިން މަސައްކަތުގެ އިތުރަށް އަމިއްލަ މަސައްކަތުން މޮޅު ނަތީޖާ ހޯދަން ކިޔެވި ހުނަރުވެރި ދަރިވަރެއް ކަމަށެވެ.

"އާޝާގެ ނަތީޖާއަކީ ސަޕްރައިޒެއް ނޫން. އެއީ އޭނާ ކުރި މަސައްކަތާއި ކިޔެވުމަށް ދިން ސަމާލުކަމަށް ބަލާއިރު ކުރިން ވެސް އުއްމީދު ކުރެވުނު ނަތީޖާއެއް" ޕްރިންސިޕަލް ވިދާޅުވިއެވެ.
ދަރިވަރު ނޫހަށް އާޝާ ބުނިގޮތުގައި، އޭނާ ފިކުރުބޮޑުވީ ދިވެހި މާއްދާއިން އޭ ސްޓަރ ނުލިބިދާނެތީ ކަމަށާއި އެހެން މާއްދާތަކާމެދު އޮތީ ސައްތައިން ސައްތައިގެ ޔަޤީންކަމެކެވެ. ދިވެހި މާއްދާއަށް އޭނާގެ ކިޔެވުމުގެ ބޮޑު ބައެއް ހުސްކުރީ އޭ ސްޓަރއެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި މަހެއްހާ ދުވަހަށް ނެގި ޓިއުޝަނާއި އަމިއްލައަށް ކުރި މަސައްކަތުން އޭ ސްޓަރއަކަށް ބަދަލުވި ކަމުގެ އިހުސާސް ކުރެވުނީ ދިވެހި މާއްދާގެ އިމްތިޙާނު ކަރުދާސް ފަސޭހަކަމާއެކު ނިންމާލެވުމުންނެވެ.

އާޝާ ވެސް ބުނީ، އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައަކުން އެއްވަނަ ލިބުމަކީ އޭނާއަށް ލިބުނު ސަޕްރައިޒެއް ނޫން ކަމަށެވެ.
"އެއްވަނަ ލިބުމަކީ ސަޕްރައިޒެއް ނޫން. އެއްވަނަ ލިބޭނެ ކަމުގެ ސައްތައިން ސައްތައިގެ ޔަޤީންކަމެއްގައި ހުރީ ވެސް" އާޝާ ކިޔެވީ ޔަޤީންކަމާއެކުގައެވެ.
ފާއިތުވި އަހަރު ފިޔޯރީ ސްކޫލުގެ ކެޕްޓަންކަމުގެ ޒިންމާވެސް އަދާކުރި އާޝާ، ކިޔެވުމުގައި ގެންގުޅުނީ އޭނާގެ އަމިއްލަ ފޯމިއުލާއެކެވެ. ދިވެއްސާއި ހިސާބާއި ފިޒިކްސް ފިޔަވައި އެހެން މާއްދާއަކުން ޓިއުޝަނެއް ނުނަގައެވެ. އެންމެ އަށް ކުދިން ކުލާހުގައި ތއްބަސް ގުރޫޕް ސްޓަޑީގެ ބަދަލުގައި އޭނާ އިސްކަން ދިނީ އަމިއްލައަށް އެކަނި އިނދެ ކިޔަވާށެވެ. އާޝާއަށް ކިޔަވަން ފަސޭހައީ ހަވީރާއި ރޭގަނޑު ނިދުމުގެ ކުރިންނެވެ. ކިޔަވާށޭ ކިޔާފައި ހޭލާ ކުރުމަކީ އާޝާގެ ރަދީފުގައި ނެތް ކަމެކެވެ. ނިދިހަމަކޮށް، އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހަކު މުޠާލިޔާ ކުރުމަކީ އޭނާގެ އާދައެކެވެ. ފިލާވަޅު ދަސކުރުމުގައި އާޝާ ގެންގުޅުނީ އެކި މާއްދާތަކަށް އެކި އުކުޅެވެ. އިސްލާމް މާއްދާ ކިޔެވީ ކިޔައިގެން ދަސްކޮށްގެންނެވެ. ސައިންސް ސްޓްރީމް މާއްދާތަކަށް އެހީ ހޯދީ ޔޫޓިއުބުންނެވެ. ދެން އަމިއްލައަށް ޓީޗަރަކަށް ވެގެން އެހެން މީހަކަށް ކިޔައިދީގެންނެއެވެ.

"އެހެން މީހަކަށް ކިޔައިދޭ ގޮތަށް ރޯލް ޕްލޭއެއް ކުޅެނީ. އެއީ ވެސް ފިލާވަޅު ދަސްކުރަން ފަސޭހަވި އުކުޅެއް" އާޝާ ގެންގުޅުނު ފޯމިއުލާ ތަފާތެވެ.
އޭލެވެލްއަށް އާޝާގެ މިސްރާބު ހުރީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އަށެވެ. އޭލެވެލްއަށްފަހު އޭނާގެ އޮތީ ކުޑައިރުއްސުރެ އޮތް އުއްމީދެކެވެ. ބަދަލު ނުވާ އުއްމީދެކެވެ. އެއީ ޑޮކްޓަރަކަށް ވުމެވެ.
އާޝާ ބުނީ، ކާމިޔާބާ ހަމައަށް ވާޞިލްވުމަށް ކުރަންވީ ކަމަކީ ހިތްވަރު ދޫނުކޮށް ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކުރުމެވެ.

އާޝާގެ ކާމިޔާބީގެ މޭސްތިރިންގެ ގޮތުގައި ސިފަކުރީ އޭނާގެ މައިންބަފައިންނެވެ. ސްކޫލާއި އެކުވެރިން ވެސް އެ ލިސްޓްގައި ހިމެނެއެވެ. އޯލެވެލްގައި ހޯދި ފަދަ ކާމިޔާބީއެއް އޭލެވެލްގައި ވެސް ހޯދުމަކީ އޭނާގެ އުއްމީދެކެވެ.
advertisment
ހިޔާލު