"ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް"ގެ ނަމުގައި ކުރާ ދިރާސާ އެމްއެންޔޫއިން ކުރިއަށް ގެންދަނީ ޔޫކޭސީއީއެޗާ ގުޅިގެން
ކަނޑަށް އެޅޭ ތަޣައްޔަރުކުރުވާ މާއްދާ މަދުކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މި ވަނީ އިންގިލާބީ ބަދަލެއްގެ މަސައްކަތްތަކެއް ފަށާފައެވެ. "ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާ މި މަސައްކަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފެވެ.

މި މަހުގެ 4ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އަތިރިމައްޗާއި ފަރުތައް ތަޣައްޔަރުވުމުން އަޅުގަނޑުމެންގެ ކަނޑުގެ މާޙައުލަށާއި، އެންމެހައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަމަށެވެ. ޚާއްޞަކޮށް މި މަޝްރޫޢުގެ ދަށުން ދިރާސާކުރުމާއި މަޢުލޫމާތުގެ ޚަޒާނާ ވަރުގަދަކުރުމަށް ދެވިފައިވާ އިސްކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތާއި ތަފާސްހިސާބުތަކުގެ އެހީގައި މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖިއީއެފް) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި އެކި ފަރާތްތަކުން ދޭނެ ކަމަށް މިހާތަނަށް ވައުދުވެފައިވާ 49 މިލިއަން ޑޮލަރު ހިމަނައިގެން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫގައި އެމްއެންޔޫއާއެކު ބައިވެރިވަނީ އިނގިރޭސި ވިލާތުގެ ސެންޓަރ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ (ޔޫކޭސީއީއެޗް)ންނެވެ. 600 އަށް ވުރެ ގިނަ ރިސާޗަރުންނާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި، ތަޣައްޔަރުވުމާއި، ބަޔޯޑައިވަރސިޓީ ގެއްލުމާއި، ތިމާވެށީގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ކާމިޔާބު އެތައް މަޝްރޫއެއް މި ކުންފުނިން ކޮށްފައިވެއެވެ. ޔޫކޭސީއީއެޗް އިން މެނޭޖު ކުރާ ދިގު މުއްދަތުގެ ތިމާވެށީގެ ޑޭޓާ އަކީ ސިޔާސަތުތައް ކަނޑައެޅުމާއި، އާ ހޯދުންތައް ހޯދުމާއި، ދިރާސާ ކުރުމާއި އީޖާދުތައް އުފެއްދުމަށް މަގުފަހިކޮށްދޭ ޑޭޓާތަކެކެވެ.

"ސަސްޓެއިނަބަލް ނައިޓްރޯޖަން މެނޭޖްމަންޓް ފޯ އަ ކްލީން އެންޑް ހެލްތީ އޯޝަން: މޯލްޑިވްސް އޭޒް އަ ސިޑްސް ރީޖަނަލް ކެޓަލިސްޓް" މަޝްރޫއަކީ ދުނިޔޭގެ 13 ޤައުމެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޖުމްލަ 109 މިލިއަން އެމެރިކާ ޑޮލަރުގެ "ޖީއީއެފް 8- ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓަޑް ޕްރޮގްރާމް" (ސީއެޗްއޯ އައިޕީ) ގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި ޕްރޮގްރާމް އިސްވެ ހިންގަނީ އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިންނެވެ. މި މަސައްކަތުގައި އެފްއޭއޯ އާއެކު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޑިވެލޮޕްމަންޓް ބޭންކް އޮފް ލެޓިން އެމެރިކާ އެންޑް ދަ ކެރީބިއަން (ސީއޭއެފް) އަދި ޔޫރަޕިއަން ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އޭބީއާރުޑީ)ގެ އިތުރުން އެހެން ފަރާތްތަކުން ވެސް ބައިވެރިވެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތައް ހިންގާ މި މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދާނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ)ގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫޢު ރާއްޖޭގައި ތަންފީޒުކުރުމުގައި ނޯވޭގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވެއެވެ.
advertisment
ހިޔާލު