79 އަހަރުގައި ބެޗްލާރސް ޑިގްރީ ނިންމައި، ހުވަފެން ހަޤީޤަތަކަށް

79 އަހަރުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން އަރަބި ބަހުގެ ބެޗްލާރސް ކޯސް ނިންމައި ދަސްވެނިވުމަކީ ހަދީޖާ އަބްދުއްރަހުމާނަށާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު އުފަލެކެވެ.
ކިޔެވުމާއިގެން ކުރިއަށް ދިއުމުގައި ހަދީޖާގެ އެންމެ ގާތް މަދަދުގާރަކަށްވީ މީގެ ތިން އަހަރުކުރިން ނިޔާވި އޭނާގެ ފިރިމީހާއެވެ. ފިރިމީހާގެ އަޅާލުމާއި އޯގާތެރިކަމަކީ އެ އުމުރުގައި ވެސް ޔުނިވަރސިޓީ ތަޢުލީމު ފުރިހަމަކުރަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އަދި ދަރިންނާއި އާއިލާގެ ފަރާތުން ދެމުން ދިޔަ އެހީތެރިކަމާއި ރަހުމަތްތެރިންނާއި އެކުގައި ކިޔެވި އުމުރު ތަފާތު ކުލާސްމޭޓުންނަކީ ވެސް މި ކާމިޔާބީގެ އެއްބައި ކަމަށް ހަދީޖާ ދެކެއެވެ.

ހަދީޖާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދަރިންނާއި އާއިލާއިން ސަޕްރައިޒް ޕާޓީއެއް ބޭއްވިއެވެ. އޭނާގެ ހިތްވަރަށް ސާބަސް ދެމުން އެކުވެރިންނާއި ދަންނަ އެތައްބަޔަކު މަރުޙަބާގެ މެސެޖްތައް ފޮނުވިއެވެ.

ދަރިވަރު ނޫހަށް ޚަދީޖާ ކިޔައިދިން ގޮތުގައި، ކުޑައިރު މަދަރުސާއަކަށް ގޮސްގެން ކިޔަވާނެ ފުރުޞަތެއް އޭނާއަކަށް ނުލިބެއެވެ. ހާލަތު އެކަމަށް ތަންނުދިނަސް ކިޔެވުމުގެ ވިންދު އޭނާގެ ހިތުގައި އޭރުވެސް ޖަހައެވެ.

"ދަސްވިއެއްޗަކީ ބޮޑުބޭބެގެ އެހީތެރިކަމާއެކު ޤުރުއާން ކިޔަވަން. އޭރުވެސް ހިތުގައި އޮވޭ ކޮންމެވެސް ދުވަހަކުން އަޅުގަނޑު ކިޔަވާނަމޭ" ހަދީޖާގެ އަޒުމަކީ ކިޔެވުމެވެ.

ޅަފުރާގެ ދުވަސްތަކަށްފަހު، ހަމަޖެހުމުގެ ނޭވާއެއް ހަދީޖާއަށް ލެވުނީ މީހަކާ އިންފަހުންނެވެ. ހަދީޖާ ކައިވެނި ކުރީ ހަނީސަކަލް އަބްދުއްރަޝީދު އަލީއާއެވެ.

"އެއީ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ނަމޫނާއެއް. އަޅުގަނޑަށް ދަސްވިއެއްޗެއް ފަހުން ދަސްވީ އޭނާގެ ފަރާތުން" ޚަދީޖާއަށް ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވައިދިނީ ފިރިމީހާއެވެ. އެއީ ހިތާހިތުގެ ގުޅުމެކެވެ.

ފިރިމީހާ ދިން ހިތްވަރާއެކު 1999 ވަނަ އަހަރު ޚަދީޖާ ގޮސް ވަނީ މައުހަދަށެވެ. ބައިވެރިވީ ގިރާއަތު ހިފްޒް ސެޓްފިކެޓް ލެވެލް 1ގައެވެ. އެއީ އޭނާ ޔުނިވަރސިޓީ ތައުލީމަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅެއެވެ. އެ ކޯހުން ފާސްވެ އަރަބި ބަސް ދަސްކޮށްދޭ ކޯހެއް 2002 ވަނަ އަހަރު ފުރިހަމަކުރިއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އަރަބި ބަހުގެ ލެވެލް 1 ފުރިހަމަކުރިއެވެ. އަރަބި ބަހުގެ އެކި ލެވެލްތައް ފުރިހަމަކޮށް، އިސްލާމީ ޔުނިވަރސިޓީން އަރަބި ބަހުގެ ޑިޕްލޮމާ ކޯސް ނިންމައި ބެޗްލާސް ޑިގްރީ ވެސް ނިންމީއެވެ.

ހަދީޖާގެ ފިރިމީހާ ނިޔާވީ ވަރަށް ބޮޑަށް ބަލިވެގެން އިންޑިޔާގައި ފަރުވާދެމުން ދަނިކޮށެވެ. އޭރު ހަދީޖާ ކިޔަވަމުން ދިޔައީ އަރަބި ބަހުގެ ޑިޕްލޮމާ ކޯހުގައެވެ. ފިރިމީހާގެ ބަލިހާލަތު ހުރިގޮތުން ކިޔެވުން ފަސްކޮށްފައި އޭނާ އިންޑިޔާއަށް ދިޔައެވެ.

"ބަލި ހާލުގައި އޮވެގެން ވެސް އެދުނީ ކިޔެވުން ހުއްޓައި ނުލަން. އެއީ ޑިޕްލޮމާއަށްފަހު ޑިގްރީ ނިންމަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ. ފިރިމީހާ އެދުނު އެދުމަށް ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ މިއަދު އެކަން ހާޞިލްވެއްޖެ" ދަރިވަރު ނޫހަށް ހަދީޖާ ކިޔައިދިނެވެ.

ހަދީޖާ ބުނީ، އަރަބި ބަހުގެ ޑިގްރީއާއެކު ހިފްޒް ކުރުމުގެ ކުލާހުގައި ވެސް ބައިވެރިވި ކަމަށާއި ދެ ކޯސް އެއްކޮށް ގެންދިއުން ފަސޭހަކަމަކަށް ނުވާތީ ހިފްޒް ކުރުން މަޑުޖައްސާލީ ކަމަށެވެ. ބެޗްލާސް ޑިގްރީއަށްފަހު މާސްޓަރސްއަށް ދިއުމުގެ ވިސްނުމެއް ހަދީޖާ ނުގެންގުޅެއެވެ. އޭނާގެ ވިސްނުން މިހާރު ކުރީ ޤުރުއާން ހިފްޒްކުރުމަށެވެ. ހިފްޒް ކުރުން ހުއްޓާލިއިރުވެސް ފަސް ފޮތް ވަނީ ހިތުދަސްކޮށްފައެވެ.

ހަދީޖާ ބުނިގޮތުގައި ބެޗްލާރސް ޑިގްރީ ނިންމުމުގައި އޭނާއަށް އެއްވެސް ދައްޗަކާ ކުރިމައްޗެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބުނީ އެންމެންގެ ލޯތްބާއި އަޅާލުމެވެ. އެހީތެރިކަމާއި ހިތްވަރެވެ.

"އުމުރުން ދުވަސްވީއޭ ކިޔާފައި ތަފާތެއް އިހުސާސެއް ނުކުރެވޭ. އެކުގައި ކިޔެވި ކުދިން ވެސް ވަރަށް އޯގާތެރިކަމާއެކު ކަންތައްތައް ކޮށްދިނީ. ކިޔަވައިދެއްވި ލެކްޗަރާއިންނާއި ޔުނިވަރސިޓީގެ ފަރާތުން ވެސް ލިބުނީ އެހީތެރިކަމާއި އެއްބާރުލުން. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން" ހަދީޖާގެ ކިޔެވުމުގެ ދަތުރުގެ ފަހުބައި ދިޔައީ އޮމާންކޮށެވެ.

އެހެން މީހުންނަށް އޭނާ ދޭ ނަސޭހަތަކީ، "ކިޔެވުމުގައި ފުރަތަމަ އަޒުމެއް ކަނޑައެޅުމެވެ. ދެން ހިތްވަރާއެކު މަސައްކަތް ކުރުމެވެ. އެއީ ވަކިއުމުރަކަށް އޮތް ކަމެއް ވެސް ނޫނެވެ. އެއީ ނުވާނެ ކަމެއް ނޫނެވެ"

ހަދީޖާއަކީ ކިޔެވުމުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ވެސް މަސައްކަތްތެރި ހުނަރުވެރިއެކެވެ. އޭނާގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދެނީ ފެހުމާއި ޖަރީކުރުމުގައެވެ. ފެހުމާއި ޖަރީ ކޯހެއް ހަދައިގެން އެ މަސައްކަތް އެތައް ބަޔަކަށް އުނގަންނައިދިނެވެ. ކޯސްތައް ހިންގިއެވެ. އެނާގެ ދަރިންނަށް ވެސް އެ މަސައްކަތް ދަސްކޮށްދިނެވެ.

އެ މަސައްކަތުގައި ހަދީޖާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ ސިފައިންގެ ޔުނީފޯމުގައި ޖަހާ ބެޖު ހަދަން ލިބުމެވެ. އެ މަސައްކަތް އެތައް ދުވަހެއް ވަންދެން އޭނާ ކުރިއެވެ. އާދައިގެ ފަހާފޮއްޓަކުން ކުރަމުން އައި ބުރަ މަސައްކަތް ހުއްޓުނީ މެޝިނަރީ ގެނެސް އެ މަސައްކަތް އެހެން މީހުން ފެށި ހިސާބުންނެވެ.

"އެއީ ބުރަ މަސައްކަތެއް. 15 ރުފިޔާ 30 ރުފިޔާއަށް ހަދައިދޭ ބެޖް 6 ރުފިޔާއަށް ވެއްޓުނީމާ ހުއްޓާލީ" ހަދީޖާ އެންމެ ގަޔާވާ މަސައްކަތް ހުއްޓާލަން ޖެހުނު ސަބަބު ކިޔައިދިނެވެ.

ހަދީޖާގެ 8 ދަރިންނާއި 19 މާމަދަރިން އެބަތިއްބެވެ. އެ ހުރިހާ ދަރިން އޭނާ ދެކެ ފަޚުރުވެރިވެއެވެ. އެއީ އެންމެންނަށް ނަމޫނާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *