ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވަން ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
ޒަކާތު ފަންޑުގެ ސްކޮލަރޝިޕްގެ ދަށުން ހުޅުވާލީ ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީގައި ކިޔަވަން ދޭ 10 ސްކޮލަރޝިޕަށާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވަންދޭ 20 ސްކޮލަރޝިޕަށެވެ. ދެން ހިމެނެނީ ޚާއްޞަ ސްކޮލަރޝިޕްގެ ގޮތުގައި އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ދޭ ފަސް ސްކޮލަރޝިޕެވެ. އަދި މީގެ އިތުރުން ޒަކާތުގެ ފަންޑުން ސްޓައިޕެންޑްގެ އެހީގެ ގޮތުގައި ސަޢުދީ ޢަރަބިއާއި މިސްރުގައި ކިޔަވާ ދަރިވަރުންނަށް ފަސް ފުރުޞަތު ވެސް ދޭ ކަނޑައަޅާފައިވެއެވެ.
މާސްޓަރސް އާއި ޕީއެޗްޑީއަށް ރާއްޖޭގައި ކިޔަވަން ކަނޑައަޅާފައި ވަނީ ދެ ޔުނިވަރސިޓީގެ އިތުރުން ތިން ކޮލެޖެޖެވެ. އެއީ،
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- ވިލާ ކޮލެޖް
- އެވިޑް ކޮލެޖް
- ޒިކުރާ ކޮލެޖް
ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްގައި ރާއްޖޭގައި ކިޔަވަން ކަނޑަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، އިސްލާމިކް ޝަރީޢާއާއި ޤުރުއާނިކް ސައިންސެސާއި ޖުޑީޝިއަލް ސައިންސަސާއި އިސްލާމިކް އެޑިއުކޭޝަނާއި އިސްލާމިކް ރިސަރޗް އެންޑް ޕަބްލިކޭޝަންސާއި އިސްލާމިކް ޖަރނަލިޒަމާއި އަޤީދާއާއި ފިޤްހާއި އުސޫލުލްފިޤްހާއި އިސްލާމިކް ލީޑަރޝިޕް އެންޑް މެނޭޖްމެންޓްގެ އިތުރުން އިސްލާމިކް ސްޓަޑީސްއެވެ.

ބެޗްލަރސް ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ޒަކާތު ފަންޑުން ރާއްޖެއިން ބޭރުން ކިޔަވަން ކަނޑައަޅާފައި ވަނީ ހަ ޔުނިވަރސިޓީއެކެވެ. އެއީ،
- އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (IIUM)
- އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF)
- ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ (USIM)
- ޔުނިވަރސިޓީ ބުރުނާއި ދާރުއްސަލާމް (UBD)
- އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI)
- އަލްއަޒްހަރު ޔުނިވަރސިޓީ
މި ޔުނިވަރސިޓީތަކުން ކިޔަވަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ބެޗްލާރސް ޑިގްރީއަށް ކިޔަވަން ކަނޑައަޅާފައި ވަނީ، ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓާއި އިސްލާމިކް ބޭންކިންގެ އިތުރުން އިސްލާމިކް ފައިނޭންސްއެވެ. މާސްޓަރސް އާއި ޕީއެޗްޑީއަށް ކިޔަވަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ޝަރީޢާ އެންޑް ލޯ އާއި އިސްލާމިކް ބޭންކިންގ އާއި އިސްލާމިކް ފައިނޭންސް އާއި އިސްލާމިކް އެޑިއުކޭޝަންއާއި އިސްލާމިކް ސައިންސްއާއި އިސްލާމިކް ރިވީލްޑް ނޮލެޖްއާއި ޤުރުއާނިކް ސައިންސަސްއާއި ހައްޖު އެންޑް އުމްރާ މެނޭޖްމެންޓްއާއި އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީއާއި އެޑިއުކޭޝަނަލް ސައިކޮލޮޖީއާއި ޕޮލިޓިކަލް ސައިންސްއާއި ހަލާލް އިންޑަސްޓްރީ ސައިންސާއި ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓާއި އިކޮނަމިކްސްއާއި އިކޮނޮމިކްސް އެންޑް ފައިނޭންސްއާއި އަރބަން އެންޑް ރީޖަނަލް ޕްލޭނިންގާއި ބިލްޓް އެންވައިރަމެންޓާއި އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕޮރަރީ އިޝޫސްއާއި އަރަބިކް ސްޓަޑީސްއާއި އަރަބިކް ލިޓަރޭޗަރ އާއި އަރަބިކް ލިންގުއިސްޓިކްސްއާއި އެޕްލައިޑް މުއާމަލާތުއާއި އިސްލާމިކް ލީޑަރޝިޕާއި އެކައުންޓިންގް އެންޑް ޝަރީޢާ އޮޑިޓާއި ދައުވާ އެންޑް އިސްލާމިކް މެނޭޖްމެންޓާއި ޤުރުއާނިކް އެންޑް ސުންނާ ސްޓަޑީސްއާއި ޝަރީޢާ އެންޑް ޖުޑިޝިއަރީގެ އިތުރުން އިސްލާމިކް ގަވަރނަންސްއެވެ.
ސްކޮލަރޝިޕް ދޭ ދާއިރާތަކުގެ ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުގެ އިތުރުން، އެހެން ދާއިރާއަކުން ތައުލީމު ހާސިލުކުރުމަށް ފޯމު ހުށަހެޅިދާނެއެވެ. މި ހާލަތުގައި ކިޔަވަން ބޭނުންވާ ކޯހާއި އެ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ތައުލީމީ މަރުކަޒާއި، އެ ކޯސް ފުރިހަމަކޮށްގެން ދަރިވަރު ދިވެހި އިސްލާމީ މުޖުތަމަޢުއަށް މަންފާކޮށްދޭނެ ތަސައްވުރެއް ހިމެނޭ ގޮތަށް މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާ ފޯމު ސެޓުގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތަށް ޕްރޮޕޯސަލެއް ހުށަހަޅަންވާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މި ގޮތަށް ހުށަހަޅާ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާސްޓަރސްއާއި ޕީއެޗްޑީއަށް ކިޔެވުމަށެވެ. ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކާއި މި ދާއިރާތަކުގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅައިގެން ސްކޮލަރޝިޕަށް އެދި ހުށަހަޅާ ކޯހަކީ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހެއްކަމުގައި ވާންޖެހޭނެ ކަމަށް ވެސް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތު އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 16ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ. އެޕްލިކޭޝަން ހުށަހަޅާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3021414އަށް ގުޅުއްވުމަށް ދަންނަވަމެވެ.
advertisment
ހިޔާލު