ޢަބްދުﷲ ނަޞީޙް
އުނގެނުމުގެ މަރުޙަލާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދަނީ، ދަރިވަރުން އެކަމުގައި އަމަލީގޮތުން ބައިވެރިވެ، އަމިއްލަ އުނގެނުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލައިގެންނެވެ. މުދައްރިސުންނާއި، ބެލެނިވެރިން އަދި މަދަރުސާތަކަކީ މަގުދައްކައިދީ، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެއް ކަމުގައި ވީނަމަވެސް، ހަގީގީ އިލްމީ ފުންކަމެއް ހާސިލުވަނީ ތަޢުލީމީ ކުރިއެރުމާއި އަމިއްލަ ހުނަރުތައް ތަރައްޤީކުރުމުގެ ފުރިހަމަ ޒިންމާ ދަރިވަރު އަމިއްލައަށް އުފުލުމުންނެވެ. އުނގެނުމުގައި ދަރިވަރުގެ ޒިންމާދާރުކަން މާނަކުރެވެނީ، އުނގެނުމުގެ މަރުޙަލާގައި ސާބިތުކަމާއެކު ދެމިހުރުމާއި، އަޚުލާޤީ މިންގަނޑުތަކަށް ބޯލަނބައި، ނަފްސު ތަރުތީބުކޮށް، އުނގެނުމުގެ ޝައުޤުވެރިކަން ދެމެހެއްޓުމަށެވެ. މީގެ ތެރޭގައި ވަގުތަށް މަސައްކަތްތައް ނިންމުމާއި، ކްލާހުގައި ހަރަކާތްތެރިކޮށް ބައިވެރިވުމާއި، އަމާޒުތައް ކަނޑައެޅުމާއި، ވަގުތު ބޭނުންތެރި ގޮތުގައި ތަރުތީބުކުރުމުގެ އިތުރުން، ތިމާގެ ކުރިއެރުމާ މެދު އަމިއްލައަށް ފިކުރުކޮށް އިސްލާހުކުރުމަށް މެދުނުކެނޑި މަސައްކަތްކުރުން ހިމެނެއެވެ. ހަލުވިކަމާއެކު ބަދަލުވަމުންދާ މިއަދުގެ ދުނިޔޭގައި، އުނގެނުމުގެ ޒިންމާ އުފުލުމަކީ ތަޢުލީމީ ކާމިޔާބީއަށާއި މުޅި އުމުރަށް ދެމިގެންދާ އުނގެނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޒަމާނީ ތަޢުލީމީ ނިޒާމު ބިނާވެފައިވަނީ، މުދައްރިސަށް މަރުކަޒުވާ ބޯދާ އުސޫލުތަކުގެ ބަދަލުގައި، ދަރިވަރަށް އިސްކަންދޭ "ލާރނާ ސެންޓަރޑް" ފަލްސަފާގެ މައްޗަށެވެ. މާޒީގައި ދަރިވަރުންނަކީ ހަމައެކަނި މުދައްރިސުން ފޯރުކޮށްދޭ މަޢުލޫމާތުތައް އަޑުއަހަން ތިބޭ "ޕެސިވް" ބަޔަކަށް ވީނަމަވެސް، މިއަދުގެ ތަޢުލީމީ ނަޒަރިއްޔާތައް ބާރުއަޅަނީ އުނގެނުމުގެ ދަތުރުގައި ދަރިވަރުންނަކީ ހަރަކާތްތެރި ބައިވެރިންނަށް ވުމަށެވެ. އަމިއްލަ އިސްނެގުމާއެކު އިންތިޒާމުވެގެން އުނގެނުމާ (Self-regulated learning) ބެހޭ ދިރާސާވެރިން ބަޔާންކުރާ ގޮތުގައި، ކާމިޔާބު ދަރިވަރުންނަކީ އަމިއްލައަށް ރޭވުންތެރިކަމާއެކު އުނގެނުމުގެ ކަންކަން ބަލަހައްޓައި، އަމިއްލަ ނަފްސު ވަޒަންކުރާ ކުދިންނެވެ. މިގޮތުން ހަރުދަނާ ދަރިވަރުންނަކީ ކުރިއާލާ ރޭވުންތައް ރާވައި، ލަނޑުދަނޑިތަކަށް އަމާޒުހިފުމުގެ އިތުރުން، އަމިއްލަ އުނގެނުމުގެ އާދަތަކާއި ޝައުޤުވެރިކަން މެނޭޖުކުރުމުގެ ފުރިހަމަ ގާބިލުކަން ހުންނަ ކުދިންނެވެ.

ދަރިވަރުންގެ ޒިންމާދާރުކަމުގެ އެންމެ މުހިންމު އެއް ބަޔަކީ އަމިއްލަ އިސްނެގުމާއެކު އިންތިޒާމުވެގެން އުނގެނުމެވެ. މިފަދަ ދަރިވަރުންނަކީ އުނގެނުމުގެ ހަރަކާތްތައް ތަރުތީބުކޮށް، ސަމާލުކަން ގެއްލޭ ކަންކަމުން ދުރުހެލިވެ، ކުރިއެރުންތައް ބަލައި، ތިމާގެ ކިބައިގައި ހުރި ވަރުގަދަ ސިފަތަކާއި ބަލިކަށި ސިފަތައް ދެނެގަންނަ ކުދިންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްގެން އުނގެނޭ ކުދިން ތަޢުލީމީ ގޮތުން މަތީ ނަތީޖާ ހޯދުމުގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގެ ހުނަރުވެސް އެކުދިންގެ ކިބައިގައި އިތުރުވެއެވެ. އަމާޒު ކަނޑައެޅުމާއި، އަމިއްލަ ނަފްސު މޮނިޓަރުކުރުމާއި، އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ތަޢުލީމީ ފެންވަރު މަތިކޮށްދޭ ކަންކަމެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ކުދިންގެ ކިބައިގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސިފައާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަދި ދަތިތަކާ ކުރިމަތިލުމުގެ ހިތްވަރު އުފެދެއެވެ. މިއީ މަތީ ތަޢުލީމަށާއި މުސްތަޤުބަލުގެ ވަޒީފާގެ މާހައުލަށް ކޮންމެހެން ބޭނުންތެރި ސިފަތަކެކެވެ.
ޒިންމާދާރު ދަރިވަރެއްގެ ކިބައިގައި ހުންނަންޖެހޭ އަނެއް ސިފައަކީ އުނގެނުމަށް އޮންނަ ހެޔޮލަފާ ވިސްނުމެވެ. ޒިންމާދާރު ދަރިވަރުން ގަބޫލުކުރާ ގޮތުގައި ތަޢުލީމަކީ ހަމައެކަނި އިމްތިހާނުން ފާސްވުމެއް ނުވަތަ ސަނަދެއް ހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ކުރެވޭ މެދުނުކެނޑި ކުރިއަށްދާ މަސައްކަތެކެވެ. މިފަދަ ދަރިވަރުން އުނގެނުމަށް ޝައުޤުވެރިކަން ބަހައްޓާ، ސުވާލުކޮށް، އޮޅުންނުފިލާ ކަންކަން ސާފުކޮށް، އަދި ކްލާހުގެ ހަރަކާތްތަކުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އުނގެނުމަކީ ތިމާގެ އަމިއްލަ ކަންކަމުގެ ގޮތުގައި ދެކޭ ދަރިވަރުން، ތަޢުލީމީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތް ވަރުގަދަވެއެވެ.
ވަގުތު މެނޭޖުކުރުމަކީ ޒިންމާދާރު ދަރިވަރެއްގެ މުހިންމު ސިފައެކެވެ. ގިނަ ދަރިވަރުން ކިޔެވުމުގައި ފަހަތަށް ދަނީ ގާބިލުކަން ކުޑަވެގެންނެއް ނޫނެވެ. ނަމަވެސް، ކަންކަން ރޭވުމުގައި ހުންނަ އުނިކަމާއި ކިޔެވުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުންނެވެ. ޒިންމާދާރު ދަރިވަރުން ކަންކަމުގެ އިސްކަންދޭ ތަރުތީބު ކަނޑައަޅައި، ތާވަލުތައް ހަދައި، މަސައްކަތްތައް ފަސްކުރުމުގެ އާދަ ދޫކޮށްލައެވެ. މިކަމުގެ ސަބަބުން ނަފްސާނީ ބުރަ ކުޑަވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ކިޔެވުމުގައި އެއްހަމައެއްގައި ހިފެހެއްޓެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމުތަކުގައި ކުޑައިރުއްސުރެ މިފަދަ ހުނަރުތައް ދަސްކޮށްދެނީ ދަރިވަރުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމަށެވެ.

ޒިންމާދާރު ދަރިވަރުންނަކީ ތިމާ ކުރާ އަމަލުތަކާއި ހޯދާ ނަތީޖާއަށް ޒިންމާވާ ބަޔެކެވެ. ކާމިޔާބާއި ނާކާމިޔާބީ ބިނާވެފައިވަނީ އަމިއްލަ މަސައްކަތާއި، ވިސްނުމާއި، އަދި ނިންމާ ނިންމުންތަކުގެ މައްޗަށްކަން އެކުދިން ދަނެއެވެ. ނާކާމިޔާބީގެ އިލްޒާމް މުދައްރިސުން ނުވަތަ އެހެން ކަންކަމުގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި، އިތުރަށް ރަނގަޅު ކުރެވޭނީ ކޮން ކަމެއްތޯ އެކުދިން ވިސްނައެވެ. މީގެ ސަބަބުން ކުދިންގެ ކިބައިގައި ހަރުދަނާކަމާއި، އަޚުލާޤާއި، އަދި ކުރިއެރުމުގެ ވިސްނުން އުފެދެއެވެ. މިފަދަ ވިސްނުމެއް ހުންނަ ކުދިން ގަބޫލުކުރާ ގޮތުގައި، ހިތްވަރާއި ފަރިތަކުރުމުގެ އެހީގައި ގާބިލުކަން އިތުރުކުރެވިދާނެއެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދަރިވަރުންގެ ޒިންމާދާރުކަން މިއަދު މިވަނީ ކުރިއަށްވުރެ މުހިންމުވެފައެވެ. ޑިޖިޓަލް އުނގެނުމުގެ މާހައުލުގައި ދަރިވަރުންނަށް މިނިވަންކަން ލިބުނު ނަމަވެސް، އެއާއެކު އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ބާރުވެސް ވަރުގަދަވާންޖެހެއެވެ. އޮންލައިން ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުން އުނގެނުމަށް އެހީތެރިވެދޭއިރު، ޒިންމާދާރުކަމެއް ނެތްނަމަ މިއީ ވަގުތު ބޭކާރުކޮށްލާ ވަސީލަތްތަކަކަށް ވެސް ވެދާނެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަރިވަރުން ދަސްކުރަންޖެހެއެވެ.
ދުނިޔޭގެ އެންމެ ފުންނާބު އުސް ތަޢުލީމީ ނިޒާމުތައް ކަމަށްވާ ފިންލޭންޑް، ސިންގަޕޫރު، ކެނެޑާ އަދި ޖަޕާނުގައި ދަރިވަރުންގެ މިނިވަންކަމާއި ޒިންމާދާރުކަމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. ފިންލޭންޑުގައި ދަރިވަރުންނަކީ އަމިއްލައަށް ކަންކަން ހޯދައި ބަލައިގެން އުނގެނޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރެއެވެ. ސިންގަޕޫރުގެ ތަޢުލީމީ ނިޒާމު ބިނާވެފައިވަނީ "މަދުން ކިޔަވައިދީ، ގިނައިން އުނގެނުން" މި ފަލްސަފާގެ މައްޗަށެވެ. މި ފަލްސަފާގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަކީ ހަމައެކަނި ފިލާވަޅުތައް ދަސްކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، ފާޑުކިއުމުގެ ވިސްނުން ބޭނުންކޮށްގެން ކަންކަން ދިރާސާކުރާ އަދި އަމަލީގޮތުން އުނގެނުމުގެ ކަންކަން އިސްތިރާޖީގޮތުން ރާވައި ހިންގާ ބަޔަކަށް ހެދުމެވެ. މިފަދަ މަދަރުސާތަކުގައި މުދައްރިސުންގެ ދައުރަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެބޭފުޅުންނަކީ އުނގެނުމުގެ ކަންކަން ފަހިކޮށްދީ، މަގުދައްކައިދޭ އެހީތެރިންނެވެ.

ދަރިވަރުންގެ ކިބައިގައި ޒިންމާދާރުކަން އަށަގެންނެވުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. އުނގެނުމުގައި އަމަލީގޮތުން ބައިވެރިވެވޭނެ ފަދަ މާހައުލެއް މުދައްރިސުން ބިނާކުރަންޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލައަށް އުނގެނުމުގެ ކަންކަން ތަރުތީބުކޮށް އިދާރީގޮތުން ބަލަހައްޓާނެ އުކުޅުތައް ދަސްކޮށްދިނުމުން، ދަރިވަރުންގެ ޝައުޤުވެރިކަމާއި ތަޢުލީމީ ފެންވަރު މަތިވެއެވެ. މީގެ އިތުރުން، ބެލެނިވެރިންނަކީވެސް ކުދިންގެ ކިބައިގައި ޒިންމާދާރު އާދަތައް ބިނާކުރުމަށް އެހީތެރިވެދޭންޖެހޭ ފަރާތްތަކެކެވެ. ނަމަވެސް، ކުދިން ބޮޑެތި މީހުންނަށް މާބޮޑަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތްތަކާއި ނިންމުންތަކަށް ޒިންމާވާން ދަސްކޮށްދިނުން މުހިންމެވެ.
ޒިންމާދާރުކަމާއެކު އުނގެނުމުގެ ސަބަބުން، ތަޢުލީމީ ކާމިޔާބީގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައްވެސް ތަރައްޤީވެއެވެ. މީގެ ތެރޭގައި މުޢާމަލާތްކުރުމުގެ ހުނަރާއި، ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަދި އިސްނެގުމުގެ ސިފަތައް ހިމެނެއެވެ. ޒިންމާދާރު ދަރިވަރުންނަކީ މުޅި އުމުރަށް އުނގެނުމަށް ލޯބިކުރާ، އަދި އަބަދުވެސް ކުރިއެރުމަށްޓަކައި ކަންކަން ރޭވުންތެރިކަމާއެކު ހިންގާ ބަޔަކަށް ވެއެވެ.
ދަރިވަރުންގެ ޒިންމާދާރުކަމަކީ ކާމިޔާބު އުނގެނުމުގެ އެންމެ ވަރުގަދަ ބިންގަލެވެ. ތަޢުލީމުގެ ހަގީގީ މާނަ ފެންނަނީ ދަރިވަރުން އެކުދިންގެ އަމިއްލަ ތަޢުލީމީ ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމުންނެވެ. މަދަރުސާތަކާއި، މުދައްރިސުން އަދި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރަންޖެހެނީ، ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު، އަދި ކަންކަން ބަލަހައްޓާ ހިންގުމުގެ ގާބިލުކަން ހުރި ކާމިޔާބު ބަޔަކަށް ހެދުމަށެވެ. ކާމިޔާބީ ބިނާވެފައިވަނީ އަމިއްލަ މަސައްކަތާއި ސާބިތުކަމުގެ މައްޗަށްކަން ދަރިވަރުންނަށް ފަހުމްވުމަކީ، ކްލާސްރޫމުން ބޭރުގައިވެސް އެކުދިންނަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
advertisment
ހިޔާލު