މަތީ ތަޢުލީމީ އިންސްޓިޓިއުޝަންތައް މިސްރާބުޖަހަންވީ ދަސްވެނިވާ ދަރިވަރުންގެ އަދަދަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު މީހުން އުފެއްދުމާ ދިމާލަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، މަތީ ތައުލީމަށް އެކަށީގެންވާ ހޭދައެއް ކުރެވޭ ކަމަށާއި މިހާރުގެ ހިސާބަށް ބަލާއިރު ރަސްމީ ތައުލީމުގެ ކުއްޖަކަށް ޖެހޭ މިންވަރަށްވުރެ މާ ބޮޑު އެއްޗެއް މަތީ ތައުލީމަށް ޚަރަދުކުރެވޭ ކަމަށެވެ.
"އެހެންވެއްޖެކަމަށް ވަނީނަމަ އޭގެ ހެޔޮ އަސަރު ގައުމުގެ ހުރިހާ ގިންތިއަކަށް ކުރަންވާނެ" ދަސްވެނީންނަށް އިޝާރާތް ކުރައްވައި ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޑިގްރީއާއި މާސްޓަރސް ޕްރޮގްރާމްތަކުގައި އިކޮނޮމިކް ސްކޭލެއްގައި ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށްވުރެ ބޮޑަށް ކޮލިޓީއަށް ވިސްނަންވެއްޖެ ކަމަށެވެ. އަޅުގަނޑުމެން ރާއްޖޭގައި ހުރި ޔުނިވަރސިޓީ ކޮލެޖްތަކުން ތައުލީމު ހާޞިލްކޮށް އުނގެނި ދަސްވާކުއްޖަކީ ރާއްޖެއިން ބޭރުން އަންނަ ކުދިންނާ އެއްވަރުގެ ކުދިންނަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވިޔަފާރިއަކަށް ބެލުމުގެ އިތުރަށް، އެ ތަންތަނުން އިތުބާރު ކުރެވޭ ފެންވަރުގެ ބޭފުޅުން އެބަޖެހޭ ތައްޔާރުކުރަން"
ތައުލީމީ ވަޒީރު ދެން ފާހަގަކުރެއްވީ އެކަން ނުކުރައްވާނަމަ ދެން ވާނެ ގޮތެވެ. ވިދާޅުވީ، ދެން ވާނެ ގޮތަކީ، ކުއްޖެއްގެ ބޮލަށް ޖެހޭވަރު ކިތަންމެ އަހަރަކަށް އިންވެސްޓް ކުރިޔަސް ދިވެހިރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކަށް އާންމު ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެން ނުދާނެ ކަމަށެވެ. ނަތީޖާއަކަށް ވެގެންދާނީ މީގެ ވިހި އަހަރުކަމުގައ ވިޔަސް، ނޫނީ 25 އަހަރުވިޔަސް، ތިމާގެ ދަރި މަތީ ތައުލީމު ޙާޞިލް ކުރުމަށް ބޭރަށް ފޮނުވުމަކީ ކޮންމެ ބެލެނިވެރިއެއްގެ ހުވަފެނަކަށްވުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ވިސްނަން އެބަޖެހޭ ކޮންކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ، ކޮންކަހަލަ ނިންމުންތަކެއް ނިންމައިގެންތޯ، އަޅުގަނޑުމެންގެ ޤައުމުގައި މި ހުރި އިންސްޓިޓިއުޝަންތަކަށް އިތުބާރު ހޯދާ، ފެންވަރު ރަނގަޅު މީހުން އުފައްދާ، އަދި މުޖްތަމައުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް ބަލައިގަނެވޭނެ ފެންވަރަށް އިންސްޓިޓިއުޝަންތައް ތަރައްޤީކުރެވޭނީ" މަތީ ތައުލީމުގެ ކޮލިޓީ ހިފެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ހިތުން ސަރުކާރުން ކުރާނީ ހޭދަ. ޔުނިވަރސިޓީފަދަ އިންސްޓިޓިއުޝަންތަކަކީ ޤާނޫނުތަކުން ވަރަށް ބޮޑަށް މިނިވަންކަން ދީފައި ހުރި ތަންތަން. އެކަމަކު، ސިޔާސަތު ކަނޑައެޅުމުގެ ލެވެލްގައި ދަންނަވަން ބޭނުންވަނީ، ފެންވަރު ރަނގަޅު މީހުން އުފެއްދުމާ ދިމާލަށް މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެން މިސްރާބުޖަހަން ވެއްޖެއޭ. އަޅުގަނޑުމެން ރައްޔިތުންގެ އިތުބާރު ހޯދަން އެބަޖެހެއޭ. އެހެން ނޫންނަމަ މީގެ 20 އަހަރު ފަހުވެސް އަޅުގަނޑުމެން ތިބޭނީ މި ތިބިގޮތަށް. ރައްޔިތުންގެ ހިތުގެ ވިންދަކަށް ވާނީ، މަންމަމެން ބޭނުންވާނީ ކޮންމެ ބައްޕައަކުވެސް ބޭނުންވާނީ، ރާއްޖެއިން ބޭރަށް ކުދިން ފޮނުވުން"
ވަޒީރު ވިދާޅުވީ، ފެންވަރު ރަނގަޅު މަތީ ތައުލީމެއް ދެވިއްޖެކަމަށް ވަނީނަމަ، ފުރަތަމަ ޑިގްރީ ހާޞިލްކުރާކަށް ރާއްޖެއިން ބޭރަށް ދާންނުޖެހޭ މިންވަރަށް ވަރަށް ގިނަ ދާއިރާތައް މިހާރުވެސް އިތުބާރު ވެސް ހޯދިފައިވާ ކަމަށެވެ. އެކަން ޕްރޮމޯޓް ވެސް ކުރަންޖެހޭ ކަމަށާއި ބެލެނިވެރިންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންޖެހޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތައުލީމީ ހާލަތު އެންމެ ކައިރިން ފެނިވަޑައިގަންނަވާނެ ބޭފުޅެއްގެ ހައިސިއްޔަތުން ޑރ. އިސްމާއިލް ވިދާޅުވީ، ޤައުމެއް، މުޖްތަމައެއް ކުރިއަރައިގެން ދާނީ، އިލްމު އުނގެނުނު މަޤްޞަދު އެނގިގެން މަސައްކަތްކޮށްގެން ކަމަށެވެ. ސަނަދުގެ ބޭނުމަކީ ވަޒީފާގެ އޮނިގަނޑުން ކުރިއަށްދާން ހަމައެކަނި ބޭނުން ކުރާން އޮތް ވަޞީލަތެއް ކަމުގައި ވަނީނަމަ ހޯދާ ސަނަދަކުން، ހޯދާ ޑިގްރީއަކުން، ނޫނީ މާސްޓަރސްއަކުން މުޖްތަމައަށް ހެޔޮއަސަރެއް ނުކޮށްފާނެ ކަމަށެވެ.
ދަސްވެނީންނަށް އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޑިގްރީއާއި މާސްޓަރސްއާއި ޕީއެޗްޑީ ނިންމައި ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި މުޖްތަމައު ހެޔޮ ގޮތުގައި ޓްރާސްފޯމް ކުރުމުގެ ވިސްނުން ހުންނަންވާނެ ކަމަށެވެ. އެހެން ނޫން ނަމަ، އެންމެ އާދައިގެ މީހެކޭ، މާސްޓަރސް ޑިގްރީ އޮތް ބޭފުޅެކޭ، ނުވަތަ ޕީއެޗްޑީއެއް އޮތް ބޭފުޅެކޭ ތަފާތެއް ނޯންނާނެއެވެ. ކިޔަވައިގެން ނުކުންނަ ބޭފުޅުން އަޚްލާޤީ ގޮތުން ވެސް ތަފާތުވާންވާނެ ކަމަށާއި މުއާމަލާމާތް ކުރުމުގެ ގޮތުން ވެސް ތަފާތުވާން ވާނެ ކަމަށާއި އަދި ރައްޔިތުންނަށް ޚިދުމަތް ކުރަން ވަޒީފާއެއް ލިބިއްޖެ ކަމުގައިވަނީނަމަ އެ ވަޒީފާ އަދާކުރުމުގައި ވެސް އެހެން މީހުންނަށް ނަމޫނާ ނުދެއްކޭ ކަމުގައިވަނީނަމަ އެމީހެއްގެ ކިބައިން ޖާހިލުކަން ނައްތާލެވިފައެއް ނޯންނާނެއެވެ.
"ގުރެޖުއޭޓްވާ ކޮންމެ ކުއްޖަކީ ވިދަވިދާ ހުންނަ އުއްބައްތިއެއް. އޭގެ އަލިކަން އެންމެންނަށް ފޯރަންވާނެ"
advertisment
ހިޔާލު