ވިލާ ކޮލެޖުގެ ކެމްޕަސް ކުއެސްޓް މި ހަފުތާ ބަންދުގައި

ރާއްޖޭގެ ތަޢުލީމު ދޭ މުޢައްސަސާއަކުން ނުބާއްވާ ފަދަ ތަފާތު މަޖާ އަދި ތަޢުލީމީ ފެސްޓިވަލަކަށް ވިލާ ކޮލެޖުން މިވަނީ ތައްޔާރުވެފައެވެ. އަންނަ ހުކުރު އަދި ހޮނިހިރު (15 އަދި 16 މެއި 2026) ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައި އޮންނާނީ "ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026″ އެވެ. މިއީ ތަޢުލީމާއި، ގޭމިންގ އަދި ޕޮޕް ކަލްޗަރ އެއްފުރާޅެއްގެ ދަށުން ބައްދަލުކުރާނެ ޙަރަކާތެކެވެ.

ވިލާ ކޮލެޖުގެ ދޮރުން އެތެރެވުމާއެކު ކޮންމެ ބައިވެރިޔަކުވެސް ބަދަލުވެގެންދާނީ "ހީރޯ" އަކަށެވެ. ޚާއްޞަ ވެބް އެޕެއް މެދުވެރިކޮށް ކޮންމެ ބައިވެރިއަކަށް "ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް" ލިބޭނެއެވެ. ކޮލެޖުގެ އެކި ފެކަލްޓީތަކަށް ޚާއްޞަ ކޮށްފައިވާ ތަފާތު "ޒޯން" ތަކަށް ގޮސް، އެތަނުގައި ހުންނަ ޗެލެންޖުތައް ފުރިހަމަކޮށް ކިއު.އާރް ކޯޑު ސްކޭން ކުރުމުން ޕާސްޕޯޓަށް ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެއެވެ. ހުރިހާ ސްޓޭމްޕެއް ހަމަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ބޮޑު އިނާމެއް ހޯދުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ފެސްޓިވަލްގައި ވިލާ ކޮލެޖުގެ ކިޔަވައިދޭ ދާއިރާތައް ފެންނާނީ މުޅިން ތަފާތު ތީމްތަކަކަށެވެ:

  • ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް: "އަލްޓިމޭޓް ހީރޯ ސީ.އީ.އޯ" ޗެލެންޖުގައި ބައިވެރިވެ ވިޔަފާރީގެ ހުނަރު ދައްކާލުން.
  • ފެކަލްޓީ އޮޕް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ: ޓްރާމްސްފޯމަރސް ތީމަށް އޭ.އައި ކޯޑިންގ، 3ޑީ ޕްރިންޓިންގ އަދި ސްމާޓް ހޯމް ޓެކްނޮލޮޖީގެ ތަޖުރިބާ.
  • ފެކަލްޓީ އޮޕް ޝަރީޢާ އެންޑް ލޯ: ގޯތަމް ސިޓީ ތީމަށް "ލައިވް މޫޓް ކޯޓް" އެއްގައި ބެޓް މޭން އަދި ފިހާރަވެރިޔާގެ ފަރަތުން ވަކާލާތު ކުރުމުގެ ފުރުޞަތު.
  • ފެކަލްޓީ އޮޕް ހެލްތު ސައިންސަސް: އެވެންޖާރސް މީޓްސް ގްރޭސް އެނެޓޮމީ ތީމަށް "ލެވަލް 5 އައުޓްބްރޭކް" އެއް ފެތުރުމާއި އެކު ހިނގަމުންދާ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު
  • ފެކަލްޓީ އޮޕް އެޑިއުކޭޝަނަލް ސްޓަޑީސް: ކާޓޫން ނެޓްވޯކް ކެރެކްޓަރުންނާއެކު ކުޅެވޭ "ކްލާސްރޫމް ކްރައިސިސް" ޓީޗިންގ ގޭމް.
  • ސްކޫލް އޮފް ސައިކޮލޮޖީ އަދި ވީކެއަރ ސައިކޯތެރަޕީ ސެންޓަރ: ކްރައިމް ކޭސް އެއް ހައްލުކުރުމާއި ރައްދުވާ ފަރާތް ހޯދުން

މީގެ އިތުރުން އެވަޓަރ ގެ ދުނިޔެއިން "ޕެންޑޯރާ އެޑިއުކޭޝަން ވޯރލްޑް" އަށް ދަތުރުކުރާއިރު، ޗައިނީޒް ސެންޓަރުން ކޮންގ ފޫ ޕެންޑާ އާއެކު ޗައިނާގެ ސަޤާފީ ހަރަކާތްތައް ފެންނާނެއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ކޮމިއުނިޓީ "ދިރާގު ގޭމަރސް ގިލްޑް"  އާ ގުޅިގެން މި ފެސްޓިވަލްގައި ބޮޑު އީ-ސްޕޯޓްސް ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ. މިތަނުގައި ޕީއެސް5، ވީ.އާރް އަދި ރޭސިންގ ސިމިއުލޭޝަން ގޭމްތައް ކުޅެލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އަދި  ޑީ އެން ޑީ މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދާ ޑަންޖަންސް އެނޑް ޑްރެގަންސް ގޭމް ސްޓޯލެއް ވެސް ކުރިއަށް ދާނެއެވެ.

 

އިވެންޓްގެ މެއިން ސްޓޭޖުގެ އެންމެ ފޯރިގަދަ ހަރަކާތަކަށް ވާނީ "ކޮސްޕްލޭ ރޭމްޕްވޯކް" އެވެ. ތިމާއަށް އެންމެ ކަމުދާ ކެރެކްޓަރެއްގެ ސިފައިގައި ބައިވެރިވެ، އެލް މޮބައިލްއިން ހުށަހަޅާ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ލައިވް މިއުޒިކާއި ދަރިވަރުންގެ ޓެލެންޓް ޝޯތ ވެސް ކުރިއަށްދާނެއެވެ.

ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ކެއިންބުއިމާއި ތަފާތު ވެންޑަރުންގެ ހިމެނޭ ޒޯނެއް ވެސް ޤާއިމުކޮށްފައި ވެއެވެ. ކެއުމާއި ބުއިމުގެ ޚިދުމަތް ދިނުމަށް މޫ ކިޗަން، ކޭކްޑް.އެމްވީ، ކޮފީ ސްޓޭޓް އަދި ކްރަމްބްސްއެންކޯ ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން، ހުނަރުވެރި މަސައްކަތްތަކާއި މަޝްހޫރު ބްރޭންޑްތައް ފެނިގެންދާ ވެންޑަރ ސްޓޯލްތަކުގެ ތެރޭގައި ޑެއިޒީސް، އެނިމޭކަލެކްޓްއެމްވީ، ކޮސްޕްލޭޔަރސް ސްޓޯލް، ނޯޓް ކޮސްމެޓިކްސް، އެލް މޮބައިލް ފަދަ ސްޓޯލްތައް ހިމެނެއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ތަފާތު މާހައުލެއްގައި ވިލާކޮލެޖުން ލިބެން ހުރި ތަޢުލީމީ ފުރުޞަތުތައް ދައްކުވައިދީ އާންމު ފަރާތްތަކަށް ވިލާ ކޮލުގެ ކެމްޕަހާއި ވަސީލަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މޭ 2026 ގެ އިންޓޭކަށް ކޯހަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އިވެންޓްގެ ތެރެއިން ވަގުތުން ފޯމުލައި، ވަގުތުން ކޯހަށް ހޮވުނު ކަމުގެ "އޮފަރ ލެޓަރ" ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން ކެރިއަރ ގައިޑެންސް ދިނުމާއި،  ކެރިއަރ އެސެސްމެންޓް ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވަލެވިފައެވެ.  މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސްޓޯލެއް ވެސް މި ހަރަކާތުގެ ތެރޭގައި ހިމެނިފައިވެއެވެ.

ވީމާ، މި ހަފުތާ ބަންދުގައި ރައްޓެހިންނާއި އާއިލާ ގޮވައިގެން ވިލާ ކޮލެޖުގެ "ކެމްޕަސް ކުއެސްޓް" އަށް ޒިޔާރަތްކޮށް ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ވިލާ ކޮލެޖުން ދަޢުވަތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *