"ބޭސްޑް" ނުވަތަ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުމުގެ 10 ބާވަތެއްގެ މައްޗަށް ފުންކޮށް ބަލާލުން
ޢަބްދުﷲ ނަޞީޙް
21 ވަނަ ޤަރުނުގެ ތަޢުލީމީ ނިޒާމު މިހާރު ބަދަލުވަމުންދަނީ ހަމައެކަނި މުދައްރިސަށް އިސްކަންދޭ ބޯދާ ގޮތްތަކުން ދުރުވެ، ދަރިވަރުންނަށް އިސްކަންދޭ، ޙަރަކާތްތެރި އަދި ދިރުންހުރި އުނގަންނައިދިނުމުގެ އުސޫލުތަކަށެވެ. މިފަދަ އުސޫލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގޮތަކީ، "-ބޭސްޑް ލާރނިންގ" ނުވަތަ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުމުގެ ގޮތްތަކެވެ. މި އުސޫލުތަކުގައި ބޮޑަށް ބާރުއަޅަނީ އަމަލީ ގޮތުން ކަންކަން ކުރުމާއި، ތަޖުރިބާ ހޯދުމާއި، އަދި އަމިއްލައަށް އައު ކަންކަން އުފެއްދުމުގެ މައްޗަށެވެ. މިއީ ހަމައެކަނި މައުލޫމާތު އަޑުއެހުމުގެ ބަދަލުގައި، ދަރިވަރުން އަމިއްލައަށް އިސްނަގައިގެން އުނގެނުމުގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
"ކޮންސްޓްރަކްޓިވިސްޓް" ނުވަތަ އަމިއްލައަށް އުނގެނުން ބިނާކުރުމުގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ މި އުސޫލުގެ ސަބަބުން، މާނަހުރި ތަޖުރިބާތަކާއި، އެކަކު އަނެކަކާ ގުޅިގެން ކުރާ މަސައްކަތްތަކާއި، އަދި ކުރެވޭ މަސައްކަތާ މެދު ފުންކޮށް ވިސްނާ ފިކުރުކުރުމުގެ ތެރެއިން ދަރިވަރުންގެ އަމިއްލަ ވިސްނުން ބިނާކުރުމަށް ހިތްވަރު ލިބެއެވެ. މި ލިޔުމުގައި، މިފަދަ އުނގަންނައިދިނުމުގެ މުހިންމު 10 ބާވަތަކަށާއި، އެ ބާވަތްތަކުގެ ސިފަތަކާއި، އޭގެ ފައިދާތަކުގެ އިތުރުން މަދަރުސާތަކުގައި މިކަން އަމަލީ ގޮތުން ކުރިއަށް ގެންދެވޭނެ ގޮތްތަކުގެ މައްޗަށް ބަލާލެވޭނެއެވެ.

ކުޅިވަރުގެ ޒަރީއާއިން އުނގަންނައިދިނުމަކީ (Game-Based Learning)
ދަރިވަރުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދަމައިގަންނަ އެއް ގޮތެވެ. މިއީ ވަކި މަގުސަދެއް އޮވެގެން ކުޅެވޭ ކުޅިވަރުތަކެއްގެ އެހީގައި، ކިޔަވައިދޭ މާއްދާގެ ބައިތައް ދަރިވަރުންނަށް ފަހުމްކޮށްދޭ އުސޫލެކެވެ. އާދަކާދައިގެ މަތިން ކުރިއަށްގެންދާ ފޫހި ތަކުރާރު ފަރިތަކުރުންތަކާ ޚިލާފަށް، މި ގޮތުގައި ވާދަވެރިކަމާއި، އިނާމު ދިނުމާއި، ވާހަކަ ކިޔައިދިނުމުގެ އިތުރުން، އެ ވަގުތުން ވަގުތަށް ލިބޭ ނަތީޖާ ނުވަތަ ފީޑްބެކް ހިމެނެއެވެ. މީގެ ސަބަބުން ދަރިވަރުން އުނގެނުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެ، ދަސްވާ އެއްޗެއް ހަނދާނުގައި ހަރުލުމަށް މަގުފަހިވެއެވެ. ޚާއްޞަކޮށް ހިސާބާއި ބަހުގެ އަސާސީ ހުނަރުތައް ވަރުގަދަކުރުމަށާއި، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި އުކުޅުތައް ބޭނުންކޮށްގެން ވިސްނުމުގެ ހުނަރު ތަރައްގީކުރުމަށް މިއީ ވަރަށް ފައިދާހުރި ގޮތެކެވެ. މިކަން އެންމެ ފުރިހަމައަށް ތަންފީޒުކޮށްފިނަމަ، ކްލާސްރޫމަކީ އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރާ، އުނގެނުމުގެ ތެރެއަށް ފީނައިގަނެވޭ ފަދަ އުފާވެރި މާހައުލަކަށް ބަދަލުވެގެންދެއެވެ.
ޕްރޮޖެކްޓްތަކުގެ ޒަރީއާއިން އުނގަންނައިދިނުމަކީ (Project-Based Learning)
ދުނިޔޭގައި ހިނގާ ހަގީގީ ކަންކަމާ ގުޅޭ، ދިގު މުއްދަތުގެ ޕްރޮޖެކްޓްތަކެއްގެ އެހީގައި ފުންކޮށް ކަންކަން ދަސްކޮށްދޭ، ދުނިޔޭގައި ބަލައިގަނެފައިވާ އުސޫލެކެވެ. މި ގޮތުގައި ދަރިވަރުން ވަކި މުއްދަތެއްގެ ތެރޭގައި އޮޅުންބޮޅުން ބޮޑު ސުވާލުތަކާއި، މައްސަލަތައް ނުވަތަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދިރާސާކޮށް މަސައްކަތްކުރެއެވެ. މި އުސޫލުގެ ދަށުން ތަފާތު އެކި މާއްދާތައް އެއްކޮށްލައިގެން، ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާއިރު، މި މަސައްކަތް ނިމިގެންދަނީ އުފެއްދުންތެރި މަސައްކަތެއް ނުވަތަ ހުށަހެޅުމަކުންނެވެ. މިކަމުގެ ސަބަބުން ފާޑުކިޔައި ވިސްނުމާއި، އުފެއްދުންތެރިކަމާއި، މުއާމަލާތްކުރުމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްގީވެއެވެ. މިއީ ޒަމާނީ މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންތެރި ހުނަރުތަކެކެވެ. އަދި ދަރިވަރުންގެ އުނގެނުމުގެ ދަތުރުގައި އަމިއްލަ ޒިންމާ ނެގުމުގެ ރޫހުވެސް މީގެ ސަބަބުން އާލާވެގެންދެއެވެ.
މައްސަލައަށް ބިނާވެގެން އުނގެނުން (Problem-Based Learning):
މިއީ އޮޅުންބޮޅުން ބޮޑު، އަދި ވަކި ޖަވާބެއް ކަނޑައެޅިފައި ނުވާ މައްސަލަތައް ހައްލުކުރުމަށް އިސްކަންދޭ އުނގަންނައިދިނުމުގެ އުސޫލެކެވެ. ޕްރޮޖެކްޓްތަކަށް ބިނާވެގެން އުނގަންނައިދޭ ގޮތްތަކާ ޚިލާފަށް، މި އުސޫލުގައި ބޮޑަށް ބަލަނީ ކޮންމެހެން އަމަލީ އުފެއްދުމެއް ނެރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، މައްސަލަ ދެނެގަތުމާއި، އެކަމާ ގުޅޭގޮތުން ސުވާލު އުފައްދައި، ހައްލު ހޯދުމުގެ މަރުހަލާތަކަށް މީގައި ބޮޑު ސަމާލުކަމެއް ދެވެއެވެ. މި ގޮތުގައި ދަރިވަރުންނަށް ކުރިމަތިކުރުވަނީ މައްސަލައެއް ހިމެނޭ ހާލަތެކެވެ. އެއަށްފަހު، އެ މައްސަލައާ ގުޅޭގޮތުން ދިރާސާކޮށް، މަޝްވަރާކޮށް، އެކަމަށް އެންމެ އެކަށީގެންވާ ހައްލުތައް ހުށަހަޅަން ޖެހެއެވެ. މިއީ ކަންކަން ތަހުލީލުކުރުމުގެ ހުނަރާއި، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ފައިދާހުރި ގޮތެކެވެ. އަދި އާ ހާލަތްތަކުގައި އަމިއްލައަށް އިލްމުގެ ބޭނުންކުރަން މިކަމުގެ ސަބަބުން ދަސްވެގެންދެއެވެ. ޚާއްޞަކޮށް ބޭސްވެރިކަމާއި އިންޖިނިއަރިން ފަދަ ދާއިރާތަކުގައި މި އުސޫލު އާންމުކޮށް ބޭނުންކުރި ނަމަވެސް، މިހާރު ސްކޫލްތަކުގެ މަންހަޖުތަކުގައިވެސް މި ގޮތް އަންނަނީ ވަރަށް ބޮޑަށް ބޭނުންކުރެވެމުންނެވެ.
އޮޅުންފިލުވައި ހޯދައިގަތުމަށް ބިނާވެގެން އުނގެނުން (Inquiry-Based Learning):
މި އުސޫލަކީ ކަންކަން އޮޅުންފިލުވުމަށް އުފެދޭ ޝައުގުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތުގައި ދަރިވަރުން އެކި ސުވާލުތައް ކުރިމަތިކޮށް، އެކި މައުޟޫޢުތައް ދިރާސާކޮށް، އަމިއްލަ ހޯދުންތަކާއި ހޯދައިގަންނަ ކަންތައްތަކުގެ އަލީގައި އިލްމު ބިނާކުރެއެވެ. މިއުސޫލުގައި މުދައްރިސުންގެ ދައުރަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެކި ކަހަލަ ސުވާލުތައް ކުރާނެ ގޮތްތަކާއި ދިރާސާކުރާނެ އުސޫލުތައް ކިޔައިދީ، ދަރިވަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުދައްކައިދޭ އެހީތެރިއެއްގެ ދައުރު މުދައްރިސުން އަދާކުރެއެވެ. މިގޮތަށް ކިޔަވައިދިނުމުން، ދަރިވަރުންގެ ކިބައިގައި އަމިއްލައަށް ކަންކަން ހޯދައި ބެލުމުގެ ގާބިލުކަން އުފެދި، މުޅި އުމުރަށްވެސް އުނގެނުމަށް ލޯބިޖެހިގެންދެއެވެ. މިއީ ސައިންސާއި އިޖުތިމާޢީ އިލްމުތައް ފަދަ، ދިރާސާކުރުމާއި ހޯދުންތަކަށް ބަރާސާވާ މާއްދާތައް އުނގަންނައިދިނުމުގައި ނުހަނު ބޭނުންތެރި އުސޫލެކެވެ.

މާހައުލަށް ބިނާވެގެންވާ އުނގެނުން (Place-Based Learning)
މާހައުލަށް ބިނާވެގެންވާ އުނގެނުމަކީ، އުނގަންނައިދިނުން ހަމައެކަނި ކްލާސްރޫމުގެ ފާރުތަކުގެ ތެރޭގައި ހިފެހެއްޓުމުގެ ބަދަލުގައި، ދަރިވަރުން ދިރިއުޅޭ މުޖުތަމައާއި ވަށައިގެންވާ މާހައުލުގެ ބޭނުންހިފައިގެން އުނގަންނައިދިނުމުގެ ގޮތެކެވެ. މި އުސޫލުގެ ދަށުން ދަރިވަރުންނަށް ޕާކުތަކާއި، ތާރީޚީ ބިނާތަކާއި، އަދި މުޖުތަމައުގެ އެކި ޖަމިއްޔާތައް ފަދަ ހަގީގީ މާހައުލުތަކާ ގުޅިގެން ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ސަބަބުން ދަރިވަރުންނާއި އެކުދިންގެ ވަށައިގެންވާ މާހައުލާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދި، ތިމާވެށްޓަށް ހޭލުންތެރިވުމާއި، މަދަނީ ޒިންމާ އަދާކުރުމުގެ ރޫހު އަށަގަނެ، ސަގާފީ ހޭލުންތެރިކަން އިތުރުވެގެންދެއެވެ. މިއީ މުޖުތަމައުގެ ބޭނުންތަކާއި ހަގީގަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން އުނގަންނައިދިނުމަށް ބޭނުންވާ މަދަރުސާތަކަށް ވަރަށް މުހިންމު އުސޫލެކެވެ.
ގާބިލިއްޔަތަށް ބިނާވެގެންވާ އުނގެނުން (Competency-Based Learning)
ގާބިލިއްޔަތަށް ބިނާވެގެންވާ އުނގެނުމަކީ، ވަކި ވަގުތެއްގެ ތެރޭގައި ފިލާވަޅުތައް ނިންމުމަށް އިސްކަންދިނުމުގެ ބަދަލުގައި، ދަރިވަރުގެ ކިބައިގައި ހުންނަންޖެހޭ ހުނަރާއި މައުލޫމާތު ފުރިހަމައަށް އަށަގަތުމަށް (މާސްޓަރީއަށް) ބާރުއަޅާ ނިޒާމެކެވެ. މި ނިޒާމުގައި ދަރިވަރުންނަށް ކުރިއަށް ދެވޭނީ ވަކި ކޮންސެޕްޓެއް ނުވަތަ ހުނަރެއް ފުރިހަމައަށް ދަސްވެފައިވާކަން ސާބިތުކޮށްދިނުމުންނެވެ. މީގެ ސަބަބުން، އިތުރު ފިލާވަޅުތަކަށް ދިއުމުގެ ކުރިން އުނގެނުމުގައި ހުރި ހުސްތަންތަން ދެނެގަނެވި، އެކަންކަން ހައްލުކުރުމަށް މަގުފަހިވެއެވެ. މިއީ ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކާ އެކަށީގެންވާ ގޮތަށް އުނގަންނައިދިނުމަށް (Personalized Learning) ވަރަށް ފައިދާހުރި ގޮތެކެވެ. އަދި މި އުސޫލުގެ ސަބަބުން އެކި ކުދިން ކަންކަން ދަސްކުރާ ދުވެލި ތަފާތުވި ނަމަވެސް، ހުރިހާ ދަރިވަރުންނަށްވެސް މުހިންމު ހުނަރުތައް ހާސިލުކުރެވޭކަން ކަށަވަރުކޮށްދީ، ތައުލީމީ ހަމަހަމަކަން ގާއިމުކުރުމަށް އެހީތެރިވެދެއެވެ.
ކަންކަމުގެ އަސްލަށް ބިނާކޮށް އުނގަންނައިދިނުން (Phenomenon-Based Learning)
ކަންކަމުގެ އަސްލަށް ނުވަތަ ހާދިސާތަކަށް ބިނާކޮށް އުނގަންނައިދިނުމުގެ މަންހަޖަކީ، ދުނިޔޭގައި ހިނގާ ހަގީގީ ކަންކަން އެކި ދާއިރާތަކުން ދިރާސާކުރުމަށް ބާރުއަޅާ އުސޫލެކެވެ. މާއްދާތައް ވަކިވަކިން ކިޔެވުމުގެ ބަދަލުގައި، މި އުސޫލުގައި ދަރިވަރުން ދިރާސާކުރަނީ މޫސުމަށް އަންނަ ބަދަލުތައް ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުން ފަދަ މުހިންމު ކަންކަމެވެ. މިކަންކަން ދަރިވަރުން ދަސްކުރަނީ ތަފާތު އެކި ނަޒަރިއްޔާތުތަކުންނެވެ. މިގޮތަށް އުނގަންނައިދިނުމުން އެކި ދާއިރާތަކުގެ އިލްމު އެއްކޮށްލުމަށް މަގުފަހިވެ، ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތަކުގެ ނާޒުކުކަމާއި ގުޅުންތައް ދެނެގަތުމަށް ދަރިވަރުންނަށް ފަސޭހަވެގެންދެއެވެ. މިއީ ކަންކަމާމެދު ފުރިހަމަ ގޮތެއްގައި ވިސްނުމުގެ ހުނަރު އަށަގަންނުވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށް ދަރިވަރުން ތައްޔާރުކޮށްދޭ މުހިންމު އުސޫލެކެވެ.
ފަރުމާކުރުމުގެ މައްޗަށް ބިނާވެފައިވާ އުނގަންނައިދިނުން (Design-Based Learning)
ފަރުމާކުރުމުގެ މައްޗަށް ބިނާވެފައިވާ އުނގަންނައިދިނުމަކީ، އިންސާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދައިދިނުމަށް އިސްކަންދޭ އުސޫލެކެވެ. މީގައި ދަރިވަރުން ބައިވެރިވަނީ ފަރުމާކުރުމުގެ މަރުހަލާތަކުގައެވެ. އޭގެ ތެރޭގައި މައްސަލަ ދެނެގަތުމާއި، އައު ޚިޔާލުތައް ނެރުމާއި، ނަމޫނާ އުފެއްދުމާއި، ތަޖުރިބާކުރުމުގެ އިތުރުން ހޯދާ ހައްލުތައް އިތުރަށް ފުރިހަމަކުރުން ހިމެނެއެވެ. މި އުސޫލުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އުފެއްދުންތެރިކަމާއި، އައު އީޖާދުތަކަށް އޮންނަ ޝައުގުވެރިކަމާއި، ދަތިތަކާއެކުވެސް ކުރިއަށް ދިއުމުގެ ހިތްވަރު ވަރުގަދަވެގެންދެއެވެ. މިއީ "ސްޓެމް" (STEM) އަދި "ސްޓީމް" (STEAM) ތައުލީމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ސައިންސާއި ހިސާބުގެ އިލްމީ ގަވާއިދުތައް ބޭނުންކޮށްގެން، ދުނިޔޭގައި ދިމާވާ ހަގީގީ މައްސަލަތަކަށް ފަރުމާގެ ޒަރީއާއިން ހައްލު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދެއެވެ.
ގޮންޖެހުންތަކަށް ބިނާވެގެން އުނގަންނައިދިނުން (Challenge-Based Learning)
ގޮންޖެހުންތަކަށް ބިނާވެގެން އުނގަންނައިދިނުމަކީ މަޝްރޫޢުތަކަށް ބިނާވެގެން އުނގަންނައިދޭ އުސޫލާ ގާތްކުރާ ކަމެކެވެ. ނަމަވެސް، މި އުސޫލުގައި ބޮޑަށް އިސްކަންދެނީ ދުނިޔެއަށް ކުރިމަތިވެފައިވާ ހަގީގީ އަދި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މައްޗަށެވެ. މިގޮތުން ދަރިވަރުން ގުޅިގެން މަސައްކަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއާއި، ސިއްޙީ ދާއިރާ ނުވަތަ އިޖުތިމާޢީ އަދުލުވެރިކަން ފަދަ މުހިންމު މައްސަލަތައް ދިރާސާކޮށް، އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ތަރައްޤީކުރެއެވެ. މި އުސޫލުގެ ސަބަބުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، އެކުދިންގެ ކިބައިގައި އިޖުތިމާޢީ ޒިންމާދާރުކަމާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހޭލުންތެރި ރައްޔިތަކަށް ވުމުގެ ސިފަ އަށަގަނެއެވެ. މީގެ ސަބަބުން ދަރިވަރުންނަކީ ހަމައެކަނި މައުލޫމާތު ހޯދާ ބަޔަކަށް ވުމުގެ ބަދަލުގައި، މުޖުތަމަޢުގެ ކުރިއެރުމަށް އަމަލީ ގޮތުން ހިއްސާވާ ބަޔަކަށް ވެގެންދެއެވެ.

މުޖުތަމަޢަށް ބިނާވެގެން އުނގަންނައިދިނުން (Community-Based Learning)
މުޖުތަމަޢަށް ބިނާވެގެން އުނގަންނައިދިނުމަކީ ކްލާސްރޫމުގައި އުނގެނޭ ފިލާވަޅުތަކާއި، މުޖުތަމަޢަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅުވައިދޭ ނިޒާމެކެވެ. މީގައި ދަރިވަރުން ބައިވެރިވަނީ މުޖުތަމަޢަށް ހަގީގަތުގައި ވެސް ބޭނުންޖެހިފައިވާ ކަންކަން ހައްލުކުރުމަށް ހިންގާ މަޝްރޫޢުތަކުގައެވެ. މީގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާއި، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތައް ނުވަތަ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ސްކޫލްތަކާއި މުޖުތަމަޢާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ދަރިވަރުންގެ ކިބައިގައި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި، އިސްނެގުމުގެ ހުނަރާއި، މަދަނީ ކަންކަމުގައި ބައިވެރިވުމުގެ ރޫޙު އާލާވެގެންދެއެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، މި ދިހަ އުސޫލަކީ ތަޢުލީމީ ދާއިރާއަށް އަންނަ އިންގިލާބީ ބަދަލެކެވެ. މީގައި ބޮޑަށް އިސްކަންދެނީ ހަމައެކަނި ފޮތުން ދަސްކުރާ އެއްޗެއް ހިތުދަސްކުރުމުގެ ބަދަލުގައި، ދަރިވަރުން އަމަލީގޮތުން ބައިވެރިވުމާއި، ދުނިޔަވީ ހަގީގަތްތަކާ ގުޅުންހުރި ކަންކަން އުނގެނުމާއި، ހުނަރުތައް ތަރައްގީކުރުމަށެވެ. ދިރާސާތަކުން މެދުނުކެނޑި ދައްކާގޮތުގައި، މިފަދަ ހަރަކާތްތެރި އުނގަންނައިދިނުމުގެ މާހައުލެއްގައި ކިޔަވާ ކުދިންނަށް، ދަސްކުރާ އެއްޗެހި ހަނދާނުގައި ހުންނަ މިންވަރު އިތުރުވެ، ފުންކޮށް ވިސްނުމުގެ ހުނަރު ކުރިއަރައި، ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ބޮޑުވެގެންދެއެވެ. މީގެއިތުރުން، މި އުސޫލުތަކަކީ 21 ވަނަ ގަރުނުގެ މުހިންމު ހުނަރުތައް ކަމަށްވާ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމާއި، މުއާމަލާތްކުރުމާއި، އައު އީޖާދީ ވިސްނުމާއި، މައްސަލަތައް ހައްލުކުރުން ފަދަ ބައިނަލްއަގުވާމީ ތައުލީމީ މަގްސަދުތަކާ ފައިހަމަކުރާ އުސޫލުތަކެކެވެ.
މިކަންކަން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި، ސްކޫލްތަކުން ފުރިހަމަ ރޭވުންތެރިކަމާއި، މުދައްރިސުން ތަމްރީނުކުރުމާއި، ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމަށް ސަމާލުކަން ދޭންޖެހެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭއިރު، މާނަވީ ގޮތެއްގައި އުނގަންނައިދިނުމުގެ ތަޖުރިބާތައް ފަރުމާކޮށް، ދަރިވަރުންގެ މަސައްކަތުގެ ނަތީޖާގެ އިތުރުން އެ މަސައްކަތް ކުރިއަށްދާ ގޮތް (ޕްރޮސެސް) ވެސް ވަޒަންކުރެވޭނެ ނިޒާމެއް ގެންގުޅެންޖެހެއެވެ. ކިޔަވައިދިނުމުގެ އައު ގޮތްތަކަށް ހިތްވަރުދޭ، އެހީތެރި މާހައުލެއް ބިނާކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު ވަރަށް މުހިންމެވެ. އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ގުޅިގެން މަސައްކަތްކުރުމާއި، ދިރާސާކުރުމާއި، އަމިއްލަ ހިޔާލުތައް ފާޅުކުރުމަށް މަގުފަހިކޮށްދީ، މި އުސޫލުތައް އިތުރަށް ހަރުދަނާކުރެވިދާނެއެވެ.
advertisment
ހިޔާލު