އަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން ދިރާސާ ތަކާއި އިލްމީ އުފެއްދުންތެރިކަން މަތިކުރަން އައިޔޫއެމްއިން މަޝްރޫއުތަކެއް ހިންގަނީ

އަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން ދިރާސާ ތަކާއި އިލްމީ އުފެއްދުންތެރިކަން މަތިކުރަން މަޝްރޫއުތަކެއް ހިންގަން އެއްބަސްވެއްޖެއެވެ.

މިކަންތައްތައް ކުރިއަށް ގެންދަން ދެ ފަރާތުން ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގައި އަލް-އަޒްހަރު ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ ދުކްތޫރު ސަލާމާ ޖުމުޢާ ދާވޫދެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ދުކްތޫރު ޢަލީ ޒާހިރެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ އައިޔޫއެމްގެ މަތީ ފަންތީގެ ވަފުދެއް މިޞްރަށް ކުރެއްވި ދަތުރެއްގައި ފާއިތުވި ހަފުތާގައެވެ.

މި ފަހުމުނާމާއަކީ ފާއިތުވި މަސްދުވަހުގެ ތެރޭގައި އަލް-އަޒްހަރު ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ބަދަލުކުރެވުނު މުއާމަލާތުތަކުން އެއްބަސްވެވުނު ކަންކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގައި ހިމެނޭ މައިގަނޑު ކަންކަން:

  • ދެފަރާތުގެ މުވައްޒަފުންގެ ޢިލްމީ އުފެއްދުންތެރިކަން މަތިކުރުމަށް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން.
  • ދެ ޔުނިވަރސިޓީ ގުޅިގެން ދިރާސާ މަޝްރޫޢުތައް ކުރިއަށް ގެންދިއުން.
  • ކޮންފަރެންސްތަކާއި، ސެމިނާރތަކާއި، އިލްމީ ވޯކްޝޮޕްތައް އިންތިޒާމުކޮށް ބޭއްވުން.
  • ޢަމަލީ ތަމްރީނު ފޯރުކޮށްދިނުމަށްޓަކާ ދަރިވަރުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުން
  • ކިޔަވައިދޭ މަންހަޖުތަކާއި އެކެޑަމިކް ޕްރޮގްރާމްތައް ގުޅިގެން ތަރައްޤީކުރުމާއި މުރާޖަޢާކުރުން

މަތީގައި މި ބަޔާންކުރެވުނު (ފަހުމުނާމާގައި ހިމެނޭ) ކަންކަން ތަންފީޒުކުރުމަށްޓަކާ އައި.ޔޫ.އެމް އާއި އަޒްހަރު ޔުނިވަރސިޓީގެ ވަކިވަކި ކުއްލިއްޔާތައް ކުއްލިއްޔާ ލެވެލްގައި ޕްލޭންތައް ހަދައި ސީދާ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ކުރިން ދެ ޔުނިވަރސިޓީގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް އަލް-އަޒްހަރު ޔުނިވަރސިޓީގެ ރައީސްގެ ރަސްމީ އޮފީހުގައި ކުރިއަށް ގެންދެވުނެވެ. މި ބައްދަލުވުމުގައި އަޒްހަރު ޔުނިވަރސިޓީގެ ނައިބު ރައީސުންނާއި ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ ވެރިންނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު އަދި އައި.ޔޫ.އެމް ގެ އިސް ވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަތެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އަދި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަޒްހަރު ޔުނިވަރސިޓީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިސްލާމީ ޔުނިވަރސިޓީއެއް ޤާއިމުކުރެވި އެ ޔުނިވަރސިޓީން އިސްލާމީ ޢިލްމު ފެތުރުމަށް ކުރު މުއްދަތުގައި ހޯދާފައިވާ ކާމިޔާބުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އަޒްހަރު ޔުނިވަރސިޓީގެ ދިގު ތާރީޚުގައި އެ ޔުނިވަރސިޓީން ޙާޞިލުކޮށްފައިވާ އަރުތައާއި މުވައްޒަފުންގެ ތަޖުރިބާއިން އައި.ޔޫ.އެމް އަށް ފައިދާ ހޯދާދިނުމަށް ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ. އަދި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންކަން އައި.ޔޫ.އެމްއަށް ޙާޞިލުކޮށްދިނުމަށް ސީދާ ޝައިޚުލް އަޒްހަރާއި އެމަނިކުފާނުގެ މުޝްތަޝާރާއި އެ މަނިކުފާނުގެ އޮފީހުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވާނެކަންވެސް ހާމަކުރެއްވިއެވެ.

ވައިސް ޗާންސެލަރ ދުކްތޫރު ޢަލީ ޒާހިރުގެ ވާހަކަފުޅުގައި އައި.ޔޫ.އެމް ގައި މިހާރުވެސް ޝައިޚުލް އަޒްހަރުގެ ދީލަތިފުޅު އެހީގެ ދަށުން ކީރިތި ޤުރުއާނުގެ ދެ ޕްރޮފެސަރަކު މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު ފަށްފަށް ކުރެއްވިއެވެ. އަދި ސޮއިކުރެވުނު ފަހުމުނާމާއަކީ ކަރުދާހަކަށްވުރެ ދެ ޔުނިވަރސިޓީގެ ދެމެދުގައި ވަކީން ޚާއްޞަކޮށް ދެ ޤައުމުގެ އަޚުވަންތަކުގެ ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. އަދި އިތުރު ދާއިރާތަކުން ކުރިއަރައިދިޔުމަށް އަޒްހަރު ޔުނިވަރސިޓީގެ އެހީތެރިކަން ލިބުމަކީ އައި.ޔޫ.އެމްއަށް ނުހަނު ބޭނުންތެރިކަމެއްކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފަހުމުނާގެ ދަށުން ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ސެމެސްޓަރުތެރޭގައި ފެށޭނެކަމަށްވެސް ދުކްތޫރު ޢަލީ ޒާހިރު ވިދާޅުވިއެވެ.

އަޒްހަރު ޔުނިވަރސިޓީ އަކީ މައުހަދުލްދިރާސާތިލް އިސްލާމިއްޔާ އަދި ކުއްލިއްޔަތުލްދިރާސާތިލް އިސްލާމިއްޔާގެ ތަރައްޤީގައިވެސް ބޮޑު ހިއްސާދާރެކެވެ. ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އަޒްހަރާއެކު އޮތް ގުޅުން ހީނަރުވެފައިވާތީ އެ ގުޅުން އިޔާދަކުރުމަކީ ޔުނިވަރސިޓީގެ ތަރައްޤީއަށާއި އިސްލާމީ މި ދިވެހި ޤައުމުގެ ކުރިމަގަށް ވެސް މުހިންމުކަމަށާއި އައިޔޫއެމްގެ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެއީ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *