މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންގެ ދުވަހެވެ.
ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރެވެ. އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. އަޅުގަނޑުމެންގެ އުއްމީދެވެ. މާދަމާގެ ލީޑަރުންނެވެ. މިއަދު އެކުދިންގެ ކިބައިން އެފެންނަނީ މުސްތަގުބަލް ބިނާވެގެންދާނެ ގޮތެވެ. މުސްތަގުބަލުގެ އަގުތަކެވެ. މުސްތަގުބަލުގައި މި މުޖުތަމައިން ފެންނާނެ އަހުލާގެވެ. މިއަދު އެކުދިންގެ ކިބައިން އެފެންނަނީ މުސްތަގުބަލުގެ ތަސްވީރެކެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރެވޭހިނދު އަޅުގަނޑުމެންގެ ކުދިންނަށް ލިބިފައިމިވާ ފުރުސަތުތަކާއި ނިޢުމަތްތަކުގެ ވާހަކަ އެކުދިންނަށް ހަނދާންކޮށްދޭނެޖެއެވެ. ދުނިޔޭގެ ކުޑަކުދިންނަށް ނަޒަރުހިންގާލާއިރު، ޕްރައިމަރީ އެޑިޔުކޭޝަން ފުރިހަމަ ކުރަންޖޭ އުމުރުފުރައިގެ 64 މިލިއަން ކުދިންތިބީ ސްކޫލަށް ދެވޭނެފަދައެއްނެތިއެވެ. ޖުމްލަކޮށް 272 މިލިއަންކުދިންނަށް ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބެއެވެ. ޅައުމުރުގައި މަސައްކަތް ކުރަން މަޖުބޫރުވެފައިތިބި 138 މިލިއަން ކުދިން ދުނިޔޭގައި އެބަތިއްބެވެ. ފަގީރު ހާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދާނެގޮތެއްނެތި (ކާނެ އެއްޗެއް ސާފު ބޯފެނެއް އަދި ބޭސްފަރުވާގެ ހިދުމަތެއް ނުލިބި) 400 މިލިއަނަށްވުރެ ގިނަ ކުދިން ދުނިޔޭގައި އެބަތިއްބެވެ. މިއަދު އަޅުގަނޑުމެން އުފާކުރަންވީ މީގެތެރޭގައި އަޅުގަނޑުމެންގެ ކުދިން ނުހިމެނޭތީއެވެ. ދުނިޔޭގެ އެތައްބަޔެއްގެ އުއްމީދާގުޅިފައިވާ ތައުލީމު ލިބުމުގެ ފުރުސަތު ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ކުދިންނަށް ލިބޭތީއެވެ. މިކަންކަމަކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަންކަމެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް އެކަން އުފާވެރިކަމާއެކު ފާހަގަކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. މިވާހަކަތައް ގިނަގިނައިން ކުދިންނަށް ކިޔައިދޭންޖެހެއެވެ.

ކުޑަކުދިންނަކީ އަބަދުވެސް ފެންނަ ކަންތައްތަކުން ނަމޫނާ ލިބިގަންނަ ބައެކެވެ. އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަން އެކުދިންދާނީ "ރިކޯޑު ކުރަމުން" ނެވެ. އެހެންކަމުން، އެކުދިންނަށް ރިވެތި ނަމޫނާ ދަންކަންޖެހެއެވެ. އާއިލާއިންނާއި މުޖުތަމައިންނެވެ. މީޑިއާގެ ވަސީލަތްތަކުންނާއި ސޯޝަލް މީޑިއާއިންނެވެ. ރިވެތި އަހުލާގާއި އޯގާތެރިކަމާއި އުއްމީދުން ފުރިގެންވާ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ. ޒިންމާދާރުކަމާއެކު އުޅެންދަސްވެފައިވާ އަދަބުވެރިބަޔަކަށް ވުމަށް މަސައްކަތްކުރަމާ ހިނގާށެވެ. ދީނަށް ލޯބިކުރާ މައިންބައިންނާއި މުދައްރިސުންނަށް އިހުތިރާމާއި ގަދަރު ކުރާ ބަޔަކަށް ވަމާ ހިނގާށެވެ.
ސްކޫލްތަކުންވެސް ބާރުއަޅަންވީ މިކަންކަމަށެވެ. ފޮތުގައިވާ ދެލިގަނޑެއް ހިތުދަސްކޮށްދިނުމަކުން ދިރިއުޅުމަށް ކުއްޖާ ތައްޔާރުކޮށް ނުދެވެއެވެ. ސެޓްފިކަޓުން އެކަނި ނުފުދެއެވެ. އަޅުގަނޑުމެން ބާރު އަޅަންވީ ކަންކަމާމެދު ފުންކޮށް ވިސްނާ، ހުވަފެންދެކި އެހުވަފެން ތަކުގައި ހަގީގީ ކުލަޖައްސާނެ އަމިއްލަ ނަފުސަށް އިތުބާރުކުރާ އަހުލާގު ރަނގަޅު ކުދިންތަކެއް އުފެއްދުމަށެވެ. ދީނަށް ލޯބިކުރާ، ބަހާއި އަމަލާ ދިމާވާ ކުދިންތަކެއް ބިނާ ކުރުމަށެވެ. މިއަދުގެ ކުޑަކުދިންނަކީ އަޅުގަނޑުމެން ބައްޓަންކުރާ މާދަމާގެ މުސްތަގުބަލެވެ.
advertisment
ހިޔާލު