ނިޝާނީ ހޯދީ ޖެހިޖެހިގެން ތިން އަހަރު ތޮއްޑޫ ސްކޫލުގެ ކެޕްޓަންކަން. އަޝާ ހޯދީ ޖެހިޖެހިގެން ތިން އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕަޓަންކަން
ޖެހިޖެހިގެން ތިން އަހަރު ސްކޫލުގެ ކެޕްޓަންކަމާއި ޑެޕިއުޓީ ކެޕްޓަންކަން ހޯދުމަކީ، ތޮއްޑޫ ސްކޫލުގެ ގުރޭޑް 12ގައި މިހާރު ކިޔަވަމުން އަންނަ ޚަދީޖާ ނިޝާނީ ނަދީމާއި ފާޠިމަތު އަޝާ ބިންތް ޝާހިދަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ. ނިޝާނީއަކީ ފާއިތުވި ތިން އަހަރު ތޮއްޑޫ ސްކޫލުގެ ކެޕްޓަނެވެ. އަޝާއަކީ ފާއިތުވި ތިން އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.
މި ދެ އެކުވެރިން ސްކޫލުގެ ކެޕްޓަން ކަމުގެ ޒިންމާއާ އެންމެ ފުރަތަމަ ހަވާލުވީ 2024 ވަނަ އަހަރު ގުރޭޑް 10ގައި ކިޔެވިއިރުއެވެ. އެ އަހަރު ނިޝާނަށް ލިބުނީ ކެޕްޓަންކަމެވެ. އަޝާއަށް ލިބުނީ ޑެޕިއުޓީ ކެޕްޓަންކަމެވެ. އޭގެ ފަހުން މިދިޔަ އަހަރާއި މި އަހަރު ވެސް އެ މަޤާމް މި ދެ ދަރިވަރުން ދިފާއުކުރީއެވެ.
ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް މި ދެ ދަރިވަރުންނަކީ ލާމަސީލު ދެ ދަރިވަރުންނެވެ. ސާނަވީ ނިންމި 2024 ވަނަ އަހަރު ނިޝާނީއަކީ އެ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. އޯލެވެލްގައި އޭނާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައެވެ. ސާނަވީ ނިންމި އަހަރު އަޝާއަކީ އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެ ވަނަ ދަރިވަރެވެ. އޯލެވެލްގައި ލިބުނީ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނައެވެ.
ނިޝާނީއާއި އަޝާވެސް ފާހަގަކުރި ގޮތުގައި މި ފަހަރަކީ މަޤާމް ދިފާއު ކުރުމަށް އެ ދަރިވަރުންނަށް އެންމެ އުނދަގޫވި ފަހަރެވެ. އެއީ ތައުލީމާއި އިތުރު ހަރަކާތްތަކުން ކުރި ލިބުނު ނަމަވެސް ދަރިވަރުންގެ ވޯޓު ވެސް ބޭނުންވާތީއެވެ. އަދި ކެޕްޓަންކަން ހޮވުމުގެ އުޞޫލަށް ގެނައި ބަދަލާއެކު އިންތިޚަބުވެސް ދިޔައީ ކުރިއާ އަޅާބަލާއިރު ވާދަވެރިކޮށެވެ.
"އަޅުގަނޑު ބޭނުންވީ ސްކޫލުގެ ފަހު އަހަރުގެ ވެސް ކެޕްޓަނަށް ވާން. އަދި ރައްޓެހިންގެ ފަރާތުން ވެސް އެ ހުށައެޅުންއައި. ކިޔެވުމާއި އިތުރުހަރަކާތްތަކުން ކުރި ހޯދުނަސް ވޯޓް ދާނެ ގޮތެއް ނޭނގޭތީ އެންމެ ފަހުވަގުތާ ޖެހެންދެން ނުތަނަވަސްކަމެއްގެ ތެރޭގައި ހުންނަން ޖެހުނީ" ދަރިވަރު ނޫހަށް ނިޝާނީ ބުންޏެވެ.
ކެޕްޓަންކަން ތިންވަނަ ފަހަރަށް ދިފާއުވުމުން އުފަލުން ހުރި ނިޝާނީ ބުނީ، ސްކޫލު ލީޑަރެއްގެ އެންމެ މުހިންމު ކަމަކީ ޒިންމާދާރުވެ އިސްނަގައިގެން ކަންތައްތައް ކުރުން ކަމަށާއި އިތުރު ހަރަކާތްތަކުގައި އުޅެމުން ކިޔަވަން ވަގުތު ހޯދަން ކޮންމެ ކުއްޖަކު ވެސް ޚާއްޞަ ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
"ސްކޫލުން އައިސް ދުވަހުގެ އެކި ވަގުތަށް ބަހާލައިގެން އަޅުގަނޑު ކިޔަވަނީ. އިތުރު ހަރަކާތްތަކުގައި އުޅެން ޖެހުމުން ފުރަތަމަ އަހަރު އުނދަގޫވި. އެކަމަކު މިހާރު އެހާ އުނދަގުލެއް ނުވޭ. އަމިއްލައަށް މެނޭޖްކޮށްލެވޭ" ނިޝާނީ ބުންޏެވެ.
ނިޝާނީ ބުނީ، އޭލެވެލްގައި ކުރާ އުއްމީދަކީ ސްކޫލުގެ ބެސްޓް އޯލްރައުންޑް މަޤާމް ދިފާއު ކުރުން ކަމަށާއި، އޭލެވެލްގެ 4 ބެޗް ނިމިގެންދިޔައިރު އަދި އެހާ ރަނގަޅު ނަތީޖާއެއް ސްކޫލަށް ނުހޯދޭތީ، އެކަން ބަދަލު ކުރުމަކީ އޭނާގެ އަޒުމެއްކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރަނީ އޭލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ފުރަތަމަ ފަހަރަށް ސްކޫލަށް ހޯދައިދޭނެ ދަރިވަރަށްވާން" ނިޝާނީގެ ކުރާ އުއްމީދު ދަރިވަރު ނޫހާ އިއްސާކުރިއެވެ.
ސައިންސް ސްޓްރީމްގައި ކިޔަވަމުން އަންނަ ނިޝާނީ ޝައުޤު ހުންނަނީ ސިއްޚީ ދާއިރާއަށެވެ. ކުރިމަގުގައި ފެންނަން ބޭނުންވަނީ ޑޮކްޓަރެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމަށެވެ.
ވައިސްކެޕްޓަންގެ އިންތިޚާބުގައި އަޝާއަށް ވެސް އެންމެ އުނދަގޫވީ މިފަހަރެވެ. ތައުލީމާއި އިތުރު ހަރަކާތުން ކުރި ހޯދުނު ނަމަވެސް ކުދިންގެ ވޯޓް ލިބޭނެ ގޮތެއް ނޭނގޭތީ އޭނާ ވެސް ހުރީ ދެ ފިކުރެއްގައެވެ.
ސްކޫލުގެ މަޤާމަކަށް ކުރިމަތިނުލާން ނިންމައިގެން ހުރި އާޝާ، އޭނާގެ ޚިޔާލު ފަހުވަގުތު ބަދަލުވީ މަޤާމެއް ނެތި ހުސްއަތާ ސްކޫލް ނިންމާލަން ބޭނުންނުވާތީއެވެ.
ވޯޓުން ވެސް ކުރި ހޯދައިގެން އާޝާއަށް ޑެޕިއުޓީ ކެޕްޓަނަށް ވުމަކީ އެއީ ސްކޫލުގެ ފެންވަރުގައާއި ޤައުމި ގަދަ ދިހައެއްގެ ރަނގަޅު ވަނައަކަށް އޭނާ ކުރާ މަސައްކަތަށް ލިބުނު ހިތްވަރެކެވެ. ސައިންސް ސްޓްރީމްގައި ކިޔަވަމުން އަންނަ އަޝާ، ކުރިއަށް ދާނެ ދާއިރާއެއް އަދި ނުނިންމައެވެ. އެ ނިންމުން އޭނާ ނިންމާނީ އޭލެވެލްގެ ނަތީޖާއަށްފަހުއެވެ.
advertisment
ހިޔާލު