މިދިޔަ އަހަރު އުފެއްދެވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ އެންޑް ފުޑްސައިންސަސްގެ ޑީންގެ މަޤާމަށް އިބްރާހިމް ޝަބާއު އައްޔަން ކުރައްވައިފިއެވެ.
ޝަބާއު ވަނީ، ދަނޑުވެރިކަމުގެ ދާއިރާއިން ޑިޕޮލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް ކިޔަވާވިދާޅުވެފައެވެ. ޝަބާއު، ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާއިން އެގްރިކަލްޗަރ ސައިންސް ހެއްދެވީ 2005 ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަން ޔުނިވަރސިޓީންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރު އެގްރިކަލްޗަރއިން ބެޗްލާސް ޑިގްރީ ފުރިހަމަ ކުރެއްވީ ފިޖީގައި ހުންނަ ސައުތު ޕެސިފިކް ޔުނިވަރސިޓީންނެވެ. ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހެއްދެވީ 2007ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަން ޔުނިވަރސިޓީންނެވެ.
ޝަބާއު ވަނީ، ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ގިނަ މަޤާމްތަކެއްގައި ހުންނަވައިގެން ރާއްޖޭގެ ދަނޑޫވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގްރިކަލްޗަރ ޓްރޭނީއެއްގެ ވަޒީފާއިން ދަނޑުވެރިކަމުގެ މަސއްކަތަށް ނުކުންނެވި ޝަބާއު، އެ މިނިސްޓްރީގެ ސީނިއަރ އެގްރިކަލްޗަރ އޮފިސަރުކަމާއި ޑިރެކްޓަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި ޑައިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވެއެވެ. އެންމެ ފަހުން މަސައްކަތް ކުރެއްވީ ރާއްޖެއާއި ސްރީލަންކާގައި ކުރިއަށް ގެންދިޔަ ޔޫއެސްއެއިޑްގެ ކުލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ގަވަރނަންސް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ.

މަޤާމާ ހަވާލުވުމަށްފަހު ޝަބާއު ވިދާޅުވި ގޮތުގައި، ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގައި ކުރެވޭނީ އަތޮޅު ދަނޑުވެރިކަމެވެ.
ރާއްޖޭގެ ތިމާވެށްޓާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ ދަނޑުވެރިކަމުގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް ޝަބާއު ވަނީ ވާހަކައްކަވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތާނގައި އެގްރޯޓޫރިޒަމާއި، އެގްރޯ-އިކޮލޮޖީ ފަދަ އިންޓަރ ޑިސިޕްލިނަރީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، އީޖާދީ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ފެކަލްޓީގެ ސަބަބުން އެގްރިކަލްޗަރ ފެކަލްޓީން، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދައި، ދަނޑުވެރިކަމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ފުއްދައިދޭކަމަށެވެ.
މިހާރު އެ ޔުނިވަސިޓީން އެޑްވާންސްޑް ސެޓްފިކެޓް ޕްރޮގްރާމްތަކާއި، ޑިޕްލޮމާ އިން އެގްރިކަލްޗާ އަދި ބެޗްލަރ އޮފް ފުޑް ސައިންސް ވެސް ހިންގަމުން އަންނަ އިރު، އާ ފެކަލްޓީގެ ސަބަބުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ބެލެވެ އެވެ.
ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް އުފެއްދުމަކީ، މަތީ ތަޢުލީމާއި، ދިރާސާތަކާއި، ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެންޔޫއިން ދެކެއެވެ. ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ މައި މަރުކަޒު ޤާއިމް ކުރަނީ އއ. ތޮއްޑޫގައެވެ.
advertisment
ހިޔާލު